އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި ބަޔަކު ހައްޔަރުކޮށްފި

ވިލިމާލެ އާއި އިތުރު ހަތަރު ރަށެއްގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ބަނގުރަލާއި މަސްތުވާތަކެތި ހޯދައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
އެ އޮޕަރޭޝަނުގައި، އެ ދެ މީހުން އެވަގުތު ތިބި ގެ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ އަށް ފުޅި ފެނިފައިވެއެވެ. އެ މީހުންގެ ބަންދަށް ދެ ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
ފުލުހުން ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި ގދ. ދެ ރަށަކުންވެސް ވަނީ މަސްތުވާތަކެއްޗާ އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. މި މީހާ ހައްޔަރު ކޮށްފައިވަނީ ތިނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ތިނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މިމަހުގެ ތިން ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލާގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ބަންދަށް ދިނީ 10 ދުވަހެވެ.
އަދި ގދ. ވާދޫގައިވެސް ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގައި އެރަށުގެ ފަޅު ގެއެއް ބަލައިފާސްކޮށް އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ވަނީ ހޯދާފައެވެ.
މީގެ އިތުރުން ށ. ކޮމަންޑޫ އާއީ ނ. ވެލިދޫގައިއިންވެސް ވަނީ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.
ފުލުހުން ބުނީ ވެލިދޫގައި މިމަހުގެ ދެވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ވެލިދުއަށް ދަތުރުކުރަމުންދާ ބޯޓަކުން ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން 38 އަހަރުގެ ފިރިހެނަކު ވެލިދޫ ބަނދަރު ސަރަހައްދުން ހުއްޓުވައި އޭނާގެ އަތުގައި ހުރި ފޮށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނުމުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކޯޓުން 12 ދުވަސް ދިނެވެ.
ފުލުހުން ކޮމަންޑޫގައި ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ގެއެއްގެ ކައިރީ މަގުމަތީގައި ހުރި ގަސް މުށި ތަކެއް ކައިރި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 126 ކުޑަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ބުންޏެވެ. ނަމަވެސް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ