ޔާމީނަށް ހުކުމް އިއްވި އަލީ ރަޝީދު، ސުޕްރީމް ކޯޓަށް އައްޔަނު ކުރަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިންނާއި ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމަށް ދެބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާދީފައި ވާތީ ދެ ބޭފުޅުންގެ ނަން މަޖިލިހަށް ފޮނުއްވާފައިވާ ކަމަށެވެ.
ދެބޭފުޅުންގެ ނަން ރައީސް މަޖިލީހަށް ފޮނުވާފައިވާއިރު އޭގެ ތެރެއިން ގާޒީ އަލީ ރަޝީދަކީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ގާޒީއެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންވެސް މި ސަރުކާރަށް ވަނީ އަމާޒު ވެފައެވެ. ބައެއް މީހުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ޔާމީނަށް އިއްވި ހުކުމުގެ ބަދަލުގައި ގާޒީ އަލީ ރަޝީދަށް ދެއްވާ ހަދިޔާ އެކެވެ.
ޑރ. މުހައްމަދު އިބްރާހިމް މަސައްކަތް ކުރައްވަމުން އައީ ޕްރިމިއާ ޗެމްބާސް ލޯ ފާމުގައެވެ. އޭނާއަކީ އެތަނުގެ އެއް ހިއްސާދާރެވެ. ޑރ. މުހައްމަދު އިބްރާހިމް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.
ޑރ. މުހައްމަދު އިބްރާހިމަދު މީގެ ކުރިން ވަނީ ހޯމް މިނިސްޓްރީގެ ލީގަލް އެފެއާޒްގެ ޑިރެކްޓަރުކަން ވެސް ކުރައްވައިފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ ފަސް ބޭފުޅެކެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ