ފާރިސްގެ މައްސަލާގައި އެއްވެސް މުއައްސަސާއަކުން ޒިންމާއެއް ނުއުފުލާ،އިންސާފު ކޮބާ؟: މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން، ކުށެއްނެތި ދުވަސްތައް ގުނާލަ ގުނާލާ ޖަލުގައި ހޭދަކުރަމުންދާއިރު އެއްވެސް މުއައްސަސާ އަކުން ޒިންމާ އެއް ނުއުފުލާ ކަމަށާއި އިންސާފު ކޮބައިތޯ ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަނެއްކާވެސް ސުވާލު ކުރައްވައިފި އެވެ.
މައުމޫން މިގޮތަށް ސުވާލު ކުރައްވާފައިވަނީ ފާރިސް އާއި ބައްދަލު ކުރައްވަން އެމަނިކުފާނުގެ ދެކަނބަލުން އިއްޔެ މާފުށީ ޖަލަށް ވަޑައިގަތުމަށްފަހު އެމަނިކުފާނުގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ލިޔެފައި ޕޯސްޓެއްގަ އެވެ.
މައުމޫން ވިދާޅުވީ ފާރިސް ފާރިސް ހުންނެވީ މިހާރުވެސް ވަރަށް ސާބިތުކަމާއެކު ކަމަށެވެ. އެހެން ނަމަވެސް ހިތާމައަކީ ފާރިސް ކުރެއްވި އެއްވެސް ކުށަކާނުލާ ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުން ކަމަށެވެ.
ކުށަކާނުލާ ޖަލުގައި އެތަށް ދުވަހެއް ހޭދަ ކުރަން ޖެހުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށް މައުމޫން ވަނީ ސިފަކުރައްވާފަ އެވެ.
ބަންދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ އަޑުއެހުންތައް ނިމުނުތާ މިއަދަށް 57 ދުވަސް ވެއްޖެ ކަމަށާއި އެހެން ނަމަވެސް އަދިވެސް ހުކުމެއް ނުކުރައްވާ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
"ކުއްލިއަކަށް ފެނުނީ ގަވާއިދާ ހިލާފަށް ކޯޓުގެ ބެންޗް ބަދަލު ކުރެއްވިތަން. އެކަން ބާތިލުކޮށް ދެއްވުމަށާއި މައްސަލަ އަވަސްކޮށްދެއްވުމަށް ހައި ކޯޓަށް އަމުރުކޮށް ދެއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިތާ އެއް މަސްދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެ. އެއްވެސް ޖަވާބެއް ނުދެއްވާ. މިކަން މިހެންވާއިރު ފާރިސް އެހުންނެވީ ކުށެއްނެތި ދުވަސް ގުނާލަ ގުނާލާ އަނބިމީހާ އާއި ކުޑަ ދަރިފުޅާއި ދުރުގަ. އެއްވެސް މުއައްސަސާއަކުން ޒިންމާއެއް ނުއުފުލާ." ފާރިސް އަށް އޮތް އިންސާފަކީ ކޮބައިތޯ ސުވާލު ކުރައްވަމުން މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ދެ ކަނބަލުން އިއްޔެ މާފުށްޓަށް ވަޑައިގަތީ އާއިލީ ބައްދަލު ކުރެއްވުމަށެވެ. މި ބައްދަލުވުމުގައި ފާރިސްގެ އެއްބަނޑު އެއްބަފާ ދައްތަ ޔުމްނާ މައުމޫނާއި އޭނާގެ ފިރިކަލުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ފާރިސް ޖަލުގައި ހުންނަވާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މީގެ ކުރިންވެސް މައުމޫންގެ ދެކަނބަލުން ވަނީ ފާރިސް އާއި ބައްދަލު ކުރެއްވުމަށް މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި އެކި ފަހަރު މަތިން ޔުމްނާ ވެސް ވަނީ ފާރިސްއާއި ބައްދަލު ކުރައްވަން މާފުށީ ޖަލަށް ޒިޔާރަތްކުރައްވާފަ އެވެ. މީގެ އިތުރުން ރައީސް މައުމޫނާއި އެމަނިކުފާނުފެ ދަރިކަނބަލުން ދުންޔާ މައުމޫންވެސް ވަނީ އެކުގައި ޖަލަށް ޒިޔާރަތްކުރައްވާފަ އެވެ.
މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރި ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު ފާރިސްއާ މެދު ދައުލަތުގެ މުއައްސަސާތަކުން ތަފާތުކުރުން ގެންގުޅޭ ކަމަށާއި، އަދި އޭނާއަށް ލިބިވަޑައިގަންނަވަންޖެހޭ ބައެއް ހައްގުތަކުން މަހްރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ ފާރިސްގެ އާއިލާއާއި ގާނޫނީ ޓީމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ޕީޕީއެމްގެ މެންބަރު ކަމުން ވަކިކުރި ފަހުން ޕީޕީއެމްގެ ހުއްދައާ ނުލައި މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު މޫކައި ސްއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ ބޭނުންކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް އުފުލާފައެވެ.
ފާރިސް ވަނީ ޝަހުސު އޮޅުވާލުމުގެ ދައުވާއަށާއި މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ކުރެވޭ ތުހުމަތުތަކަށް ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް އިންކާރުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ