ޕީޕީއެމްގެ ރައީސަކީ އަދިވެސް އަޅުގަނޑު - މައުމޫން

ޕީޕީއެމްގެ ރައީސް އަކީ އަދިވެސް ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތާއި ބެހޭ ގޮތުން އެކި އެކި ބޭފުޅުން އެކި ފޯރަމް ތަކުގައި އޮޅުން އަރާ ގޮތަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށެވެ.
ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ކަމަށާއި އެމަނިކުފާނު ޕީޕީއެމްގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގަތީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާ އިން ޕީޕީއެމްގެ މެންބަރުންގެ ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެމަނިކުފާނު އިންތިހާބު ކޮށްފައިވަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށާއި އެ މަނިކުފާނަކީ ޕީޕީއެމް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި ފަރާތް ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައެވެ. އަދި ޕީޕީއެމް ވަރުގަދަ ސިޔާސީ ޕާޓީ އެއްގެ ގޮތުގައި ހަރަކާތްތެރިވެ، ޕީޕީއެމް އަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވަނީ ވެސް އެމަނިކުފާނުގެ ލީޑަޝިޕްގެ ދަށުން ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕާޓީގެ ރައީސް މަގާމުން ވަކި ކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށާއި އެގޮތުން ޕާޓީގެ، އަސާސީ ގަވައިދުގެ 55 ވަނަ މާއްދާގެ (ހ)ގެ ތިނެއްގައިވާ ގޮތުން ޕާޓީގެ ރައީސް ވަކިކުރެވޭނީ ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވާ، އެޖަލްސާގެ ތިން ބައިކުޅަ ދެބައި ބޭފުޅުން އޭނާގެ މައްޗަށް އިތުބާރުނެތް ކަމަށް ވޯޓް ދިނުމުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"އެހެން ކަމުން މިއަދާއި ހަމައަށްވެސް ރައީސް މައުމޫނާ ބެހޭގޮތުން ޕާޓީގެ ގައުމީ ޖަލްސާއިން މިފަދަ ނިންމުމެއް ނިންމާފައިނުވާތީ ރައީސްގެ ގޮތުގައި އަދި ވެސް ހުންނެވީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމްއެވެ. ވީމާ މިކަން ޕީޕީއެމްގެ އެންމެހާ ލޮބުވެތި މެންބަރުން ގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ" އެ ބަޔާނުގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ