ބައެއް ރިޔާސީ ކެންޑިޑޭޓުންގެ ގާބިލްކަމާއި ތަޖުރިބާ ނެތް ކަމަށް މައުމޫން ވިދާޅުވެއްޖެ

ށ.ފުނަދޫއިން މުޝައްރަފް ހަސަން
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބައެއް ކެންޑިޑޭޓުންގެ ގާބިލްކަމާއި ތަޖުރިބާއެއް ނެތް ކަމަށާއި އެބޭފުޅުންގެ ފަރާތުން ގައުމަށް ލިބުނީ ގެއްލުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ށ.ފުނަދޫގައި ޕީޕީއެމްއިން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅެއްގެ ތަސައްވުރަކާއި ވިސްނުމެއް އޮންނަން ޖެހޭ ކަމަށާއި އެ ވިސްނުން ތަންފީޒުކުރުމުގެ ގާބިލިއްޔަތު އެބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށެވެ.
އަދި އެބޭފުޅަކު ގައުމަށް އަމާނާތްތެރި ބޭފުޅަކަށްވާން ޖެހޭނެ ކަމަށާއި މިގޮތުން ބަލާއިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ޝަހްސިއްޔަތުގައި މިކަންތައްތައް އެބަހުރި ކަމަށާއި ޔާމީނަކީ ތަޖުރިބާހުރި މައުލޫމާތާއި ވިސްނުންހުރި އަމާނާތްތެރި ބޭފުޅެއް ކަމަށާއި ޔާމީން ތަފާތު މަގާމުތަކުގައި ހުންނަވައިގެން އެކަންތައްތައް ދައްކުވައިދީފައިވާ ކަމަށެވެ.
"މިއީކީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ބުނެލާ ވާހަކައެއް ނޫން، ތަޖުރިބާ އެއޮތީ ފެންނަން، އެއޮތީ ހަގީގަތްތައް ހާމަވާން، އެބޭފުޅާ ހިންގެވި ދާއިރާތަކަށް ބައްލަވާލެއްވީމަ އެނގޭނެ އެ ދާއިރާތަކަށް އައިސްފައިވާ ކުރިއެރުން، ހަމައެހެންމެ އެމަނިކުފާނުގެ ފަރާތްޕުޅުން އެއްވެސް ކަހަލަ ގެއްލުމެއް، ދިވެހި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް އައިސްފައިނުވާކަން ވެސް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އާއި ވާދަވެރި ފަރާތްތަކުގެ ތާރީހަށް ބަލާއިރު އެކަން އޮތީ އެގޮތަށް ނޫން ކަމަށާއި ބައެއް ބޭފުޅުންގެ ކިބައިގައި ތަޖުރިބާއެއް ނެތްއިރު ބައެއް ބޭފުޅުންގެ މައުލޫމާތާއި ގާބިލް ކަމެއް ނެތް ކަމަށެވެ.
"އެބޭފުޅުންގެ ފަރާތްޕުޅުން ތަފާތު ގިނަ ގުނަ ގެއްލުންތައް ވަނީ ލިބިފައި، އަޅުގަނޑު ވަކި ބޭފުޅެއްގެ ނަން ދަންނަވާކަށް ނެތިން، ނަމަވެސް މިތަނުގައި ވާހަކަދެއްކެވި ބޭފުޅުން ވެސް ވިދާޅުވެއްޖެ ވަރަށް ގިނަ ގެއްލުންތަކެއް ރާއްޖެއަށް އަތުވެއްޖެއޭ 2008 ގެ ފަހުން ވަރަށް ގިނަ ގޮތްތަކުން ރާއްޖެ ދިޔައީ ފަހަތަށޭ." މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިކަންތައްތަކަކީ ވިސްނާލަންޖެހޭ ކަންތައްތައް ކަމަށާއި ރާއްޖެ ފަހަތަށް ގެންދިޔަ ބަޔަކަށް ދެވަނަ ފަހަރަށް ވޯޓުދޭންވީ ސުވާލުކޮށްލަން ޖެހޭ ކަމަށެވެ.
"ކީއްކުރަންތޯ ވެރިކަމުގެ ގާބިލިއްޔަތު ނެތް ބަޔަކަށް، އެކަމަށް ބޭނުންވާ ވިސްނުން ނެތް ބަޔަކަށް، އެކަމަށް ބޭނުންވާ ތަޖުރިބާ ނެތް ބަޔަކަށް ވޯޓުދޭންވީ، އެކަހަލަ ބަޔަކަށް ވޯޓުދީފި ނަމަ އެއީ އަޅުގަނޑުމެންނަށް ވޯޓު ބޭކާރު ކޮށްލެވެނީ، ވޯޓަކީ ވަރަށް ބޮޑު އަމާނާތެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ދޭ ވޯޓުގައި އަޅުގަނޑުމެން ކުރިމަތީގައި އަބަދުވެސް އޮންނާނީ ދެމަގު ކަމަށާއި އެއީ ރަނގަޅު މަގާއި ނުބައި މަގު ކަމަށްވާތީ އެތަނުން އެމަގެއް ޙިޔާރުކުރަންޖެހޭ ކަމަށެވެ.
އަދި އަޅުގަނޑުމެން ޙިޔާރުކުރަންޖެހޭނީ އަޅުގަނޑުމެންގެ ގައުމަށާއި މުސްތަގުބަލާއި ދީނަށްޓަކައި ރަނގަޅު މަގު ކަމަށާއި އެއީ ޕީޕީއެމް ދައްކާ މަގު ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެހެންވީމަ ދިވެހި ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުން ވެސް ވޯޓުދެއްވަން ޖެހޭނީ ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށާއި އެމަނިކުފާނުގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދަށް، އެހެން މިދަންނަވަނީ އެއްގޮތަކަށް ވެސް ޕީޕީއެމް ނުވަތަ އަޅުގަނޑުގެ އަމިއްލަ ޕާޓީ ކުރިއަށް ގެންދިއުމަށްޓަކައިއެއް ނޫން، އެހެން މި ދަންނަވަނީ އެދެބޭފުޅުންގެ ގާބިލިއްޔަތަށް ބަލާފައި." ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ