ޕްރޮގްރެސިވް ކޯލިޝަނުން ކައުންސިލް އިންތިހާބަށް ނިކުމެ އޮތީ ރައްޔިތުންގެ ހިއްސާއާއިއެކު ތަރައްގީ ޔަގީން ކޮށްދިނުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެ ކޯލިޝަންގެ ކެމްޕޭން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ކޮންމެ ރައްޔިތަކީ ތަރައްގީއާއި ކުރިއެރުމަށް އެދޭ މީހެއް ކަމަށާ، އެހެންކަމުން ރައްޔިތުންގެ އެދޭ ތަރައްޤީ ކަށަވަރުކުރުމަށް ކޯލިޝަން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށާއި އެ ކޯލިޝަނަކީ ތަރައްގީ ޔަގީން ކުރާ ކޯލިޝަންކަން ރައީސް އަބުދުﷲ ޔާމީން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުން ހާމަވެއްޖެ ކަމަށެވެ.
ގާސިމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނަށް މެޖޯރިޓީ ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށާ، ރައީސް ޔާމީން ވެރިކަމަށް ގެނައި އަޣުލަބިއްޔަތަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން ސަރުކާރުގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ތަރައްގީ ލިބޭނީ ބުރަކޮށް މަސައްކަތްކޮށް، ގައުމުގައި ހަމަޖެހުން ގާއިމްކޮށް ދެކޮޅު ހެދުންތައް ދޫކޮށްލައިގެން ކަމަށެވެ. ކކައުންސިލްތަކުގެ އިންތިހާބުގައ 80 ޕަސެންޓް ސަރުކާރު ކޯލިޝަނަށް ކާމިޔާބުކޮށްދިނުމަށް ރައްޔިތުން އަޒުމް ކަނޑައެޅުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އާދޭހަކީ މި ގައުމަށް ތަރައްގީ ގެނައުމަށް ގައުމަށް، [މިގައުމަށް] ހަމަޖެހުން ގެނައުމަށް މި ތިއްބެވި ކެނޑިޑޭޓުންނަށް ވޯޓްދެއްވާށޭ،" ގާސިމް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ މިއަދު އުފެދިފައިވާ ސަރުކާރަކީ ރައްޔިތުންގެ އިހްސާސްތައް ދަންނަ ހަވާލްކޮށްފައިވާ އަމާނާތަށް އިހުތިރާމްކުރާނެ ސަރުކާރެއް ކަމަށާއި ރައްޔިތުން އެ ރައްޔިތުންގެ އަޑު އިއްވައިފި ކަމަށެވެ. އަދި ރައްޔިތުން އެދެނީ ގައުމުގައި ހަމަޖެހުން ގާއިމްކޮށް ތަރައްގީ ޔަޤީންކޮށް އިސްލާމީ ތައުލީމް ފުޅާކޮށް ގައުމު ބިނާކުރަން ކަމަށެވެ.
އާ އަހަރު ފެށޭއިރު ރާޢްޖޭގެ ހުރިހާ ސުކޫލްތަކެއްގައި ގުރުއާން ޓީޗަރުން ތިބޭނެ ކަމަށާ އެ މަސައްކަތުގެ 90 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށށައި ވައުދުވެފައިވާ ފަދައިން އުމުރުން ދުވަސްވީ މީހުންނަށް ދޭން ކަނޑައަޅާފައިވާ 5000ރ. ލިބޭނެ މަގު އަވަހާ ހަމަޖެހިގެންދާނެ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންގެ އަމާޒަކަށް ވެގެންދާނީ ދިވެހި ރައްޔިތުންގެ އިޖްތިމާޢި ދުޅަހެޔޮކަން ރަނގަޅުކުރުން ކަމަށާ އެ ކޯލިޝަންގެ ވަޒީރުންނާއި މަޖިލީހުގެ މެންބަރުންގެ އަމާޒަކީވެސް އެއީ ކަމަށް ވިދާޅުވި އެވެ.
"މިހާރުވެސް ފެށިފައިވާ މުހިންމު ޕްރޮޖެކްޓްތައް ބައްލަވާ! އެކަންކަން ފުޅާކޮށް އިތުރު މަޝްރޫޢުތައް ގުޅިގެން ބާރަށް ހިންގުމަށް ސަރުކާރު ކޯލިޝަނަށް މެޖޯރިޓީ އަރުވަންވީ." ނާއިބު ރައީސް ވިދާޅުވިއެވެ.
ރޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވީ ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދެވޭނީ ކައުންސިލްތަކުގެ ފުރިހަމަ އަޣުލަބިއްޔަތު ޕްރޮގުރެސިވް ކޯލިޝަނަށް ލިބިގެން ކަމަށާއި ކައުންސިލްތަކަކީ ވަރަށް މުހިންމ ދައުރެއް އަދާކުރަންޖެހޭ ބައެއް ކަމަށެވެ. އަދި އެކަންކަން ހަރުދަނާ ގޮތެއްގައި ކުރެވޭނީ ސަރުކާރާއި ގުޅިގެން ޚިދުމަތްކުރާނެ ގާބިލް ބަޔަކު އިންތިޚާބު ކުރެވިގެން ކަމަށެވެ.
މައުމޫން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގައި އޮތީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާ އެ ޓީމުން ނެރޭނެ ކެންޑިޑޭޓުންނަކީ ރައްޔިތުންނަށް ތަރައްގީ ޔަޤީންކޮށްދޭނެ ބޭފުޅުންތަކެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ލިބިފައިވާ ވަރުގަދަ ލީޑަރެއް. ރައިސް ޔާމީނަށް ބައްލަވާ. ނާއިބް ރައީސް ޖަމީލަށް ބައްލަވާ. އޮނަރަބަލް ޤާސިމްމެން ސިޔާމްމެންނަށް ބައްލަވާ. މި ޓީމުން ދެން ނިކުންނާނީވެސް މިފަދަ ކެނޑިޑޭޓުން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހޭދަވެގެންދިޔަ ފަންސާހަކަށް ދުވަހުގެ ތެރޭގައި ރާއްޖެއަށް ބޮޑެތި ބަދަލްތަކެއް އަތުވެއްޖެ ކަމަށާ އެހެންކަމުން ވެރިކަމަށް ރައްޔިތުން ގެނައި ބަދަލަކީ އެންމެ ފުރިހަމަ ބަދަލްކަން ޔަޤީންކުރެވިއްޖެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ތަރައްގީ ޔަގީންކޮށްދޭނީ ޕްރޮގްރެސިވް ކޯލިޝަނުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ