އަންނަ އަހަރުގެ ބަޖެޓަށް 19 އިސްލާހު ހުށަހަޅައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި 19 އިސްލާހެއް ހުށަހަޅައިފި އެވެ.
ބަޖެޓަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ މެންބަރުންނެވެ.
އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހުތަކަށް ބަލާއިރު އޭގެ ތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރިމައިން ފަގީރުންގެ ލިސްޓަށް އިތުރުކުރުމަށާއި ހަނޑޫ ހަކުރު ފުށުގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ނުނެގުމަށާއި އެފަދަ ބާވަތްތަކުން ލިބޭ އާމްދަނީ ބަޖެޓުގައި ނުހިމެނުމަށެވެ. މީގެ އިތުރުން މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުމަށް 100 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމެނުމަށާއި ދަނޑުވެރިންނަށް ސަބްސިޑީ ދިނުމަށް 75 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމެނުމަށްވެސް އެމްޑީޕީން ހުށަހެޅި އެވެ.
ޖުމްހޫރީ ޕާޓީން ހުށަހެޅި އިސްލާހުތަކަށް ބަލާއިރު އޭގެ ތެރޭގައި ހިމެނެނީ މަސްވެރިންނަށް ސަބްސިޑީ ދިނުމަށްޓަކައި 50 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމެނުމަށާއި ދަނޑުވެރިންގެ ސަބްސިޑީ ދިނުމަށް 40 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމެނުމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވާ ޖަމިއްޔާތަކަށް ދައުލަތުގެ ބަޖެޓުގައި ހިމެނޭ ކޮންޓިންޖެންސީ ބަޖެޓުން ފަސް މިލިޔަން ރުފިޔާ ހަމަޖެއްސުމަށާއި އެނޫން ޖެމިއްޔާތަކަށް 15 މިލިޔަން ރުފިޔާ ހަމަޖެއްސުމަށެވެ. މީގެ އިތުރުން ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއަކަށް ހާއްސަކުރާ ފައިސާ އެހެން ކަމަކަށް ހޭދަކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ކަނޑައެޅުމަށާއި މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި ހުރި ތަފާތުކުރުންތައް ދެނެގަނެ އެކަމާއި ގުޅޭ ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްވެސް ޖޭޕީން ހުށަހެޅި އެވެ.
ޖޭޕީއާއި އެމްޑީޕީން މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ގިނަ އިސްލާހުތަކަކީ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ބައްދަލުވުންތަކުގައިވެސް ހުށަހެޅި އިސްލާހުތަކެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި އެ އިސްލާހުތައް ފާސްވެފައެއް ނުވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އެވެ. އަންނަ އަހަރަށް ލާފާކޮށް ހުށަހަޅާފައިވަނީ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބެޖްޓް ހުށަހަޅުއްވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ 21.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށައި އޭގެ ތެރޭގައި ޓެކްސްގެ ގޮތުގައި 13 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް ވާނެ ކަމަށް ބެލެވެނީ 1.3 ބިލިއަން ރުފިޔާ ކަމަށެވެ.
ބަޖެޓް ކޮމިޓީގެ ރިޕޯޓު މަޖިލީހަށް މިއަދު ހުށަހަޅުއްވާފައިވާއިރު ކޮމިޓީގެ ރިޕޯޓަށް ތާއީދު ނުކުރަން އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕުން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ