ބަނދަރުގެ މައްސަލައިގައި ކުނަހަންދޫ ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފި

ލ. ކުނަހަންދޫ ބަނދަރުގެ މަސައްކަތް އެއްބަސްވުމާ ހިލާފަށް ކުރިއަށްގެންދާ ކަމަށް ބުނެ ރަށުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ކުނަހަންދޫ ކައުންސިލްގެ ރައީސް މުނީރު އިދުރީސް ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީގައި އެމްޓީސީސީއާއި ހަވާލުކޮށްގެން ކުނަހަންދޫގައި ހަދަމުންދާ ބަނދަރުގެ ފެންވަރު ދަށްކަމަށް ބުނެ ރަށުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށެވެ. ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ބޭރުތޮށި ހަދަންވާނީ ބޮޑުހިލަ ޖަހައިގެން ކަމަށް ބުނެފައިވާއިރު، ބޮޑުހިލަ ނުލިބޭތީ ބޭރު ތޮށީގައި ބަސްތާ ޖެހުމަށް އެމްޓީސީސީ އިން ނިންމީ ކައުންސިލާ މަޝްވަރާކޮށްގެން ކަމަށާއި އެކަމާ ރައްޔިތުން ހިތްހަމަނުޖެހޭ ކަމަށެވެ.
މިހާރު ޖަހަމުންދާ ސިމެންތި ބަސްތާތަކުގެ ފެންވަރު ދައްވުމުން ބަސްތާތައް ފަޅައިގެން ގޮސް، އަދި ވަށައިގެން ޖަހާފައިވާ ކޮންކުރީޓް ޝީޓުތައް ކަނޑައިގެން ގޮސްފައިވާ ކަމަށްވެސް މުނީރު ވިދާޅުވިއެވެ.
މުނީރު އިތުރަށް ވިދާޅުވީ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާއިރު ހައުސިން މިނިސްޓްރީއާއި އެމްޓީސީސީ އާއި އެކު ވެފައިވާ އެއްބަސްވުން ކައުންސިލާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އެހެންވުމުގެ ސަބަބުން އެއްބަސްވުމަށް އަންނަ ބަދަލުތައްވެސް ރަށު ކައުންސިލަށް ސާފުނުވާ ކަމަށްވެސް މުނީރު ވިދާޅުވި އެވެ.
ކުނަހަންދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބަނދަރުގައި ބަސްތާ ޖަހަން ފެށީ ކުނަހަންދޫ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބަނދަރު ހަދައި ނިމުނަސް ކޮންޓްރެކްޓަރަށް އަގުއަދާކުރާނީ މިނިސްޓްރީން އެ މަސައްކަތް އިވެލުއޭޓް ކުރުމަށްފަހު މިނިސްޓްރީގެ ފެންވަރަށް ފެތޭނަމަ ކަމަށެވެ. އަދި ބަނދަރުގެ މަސައްކަތް ފެންވަރު ދަށްކޮށް ރައްޔިތުން ހިތްހަމަނުޖެހޭގޮތަކަށް ނުނިންމާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުނަހަންދޫގައި 400 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެއް ހެދުމުގެ މަސައްކަތް 23.1 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހުސްވި އަހަރުގެ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު ހަވާލުކޮށްފައި ވަނީ އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އަދި ކުނަހަންދޫ ބަނދަރު ހަދާނީ ބޮޑު ހިލައިން 200 މީޓަރުގެ ބޭރު ތޮއްޓެއް ލައި ބޮޑުހިލައިން 80 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމުގެ އިތުރުން 202 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮއްޓަކާ އެކީގައި ކަމަށް ވެސް ހައުސިން މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ