އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ މައްސަލައިގެ ފައިލްތައް ކުރިމިނަލް ކޯޓުގެ އިސް ގާޒީގެ ބެލުމުގެ ދަށަށް ގެންދަވައިފި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އިސް ގާޒީގެ ބެލުމުގެ ދަށަށް ގެންދެވީ ދައުވާ ލިބޭ ފަރާތުން ހުށަހެޅި ޝަކުވާ ތަކަކާއި ގުޅިގެން ކޯޓު ތަކާއި ބެހޭ ގާނޫނުގެ 55 ވަނަ މާއްދާގެ (ބ)ގެ ދަށުން ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ މައްސަލަތައް ލަސްވެގެންނާއި އެމައްސަލަތަކާއި ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އިސް ގާޒީއަށް ލިބިގެންވާ ކަމަށެވެ.
ސިޔާމްގެ މައްސަލަ އިސް ގާޒީގެ ބެލުމުގެ ދަށަށް ގެންގޮސްފައި މިވަނީ ސިޔާމްގެ މައްސަލަ ބަލުމުން ގެންދެވި ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒުގެ ބަދަލުގައި އެހެން ގާޒީއަކު ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީއަށާއި އުއްތަމަ ފަނޑިޔާރަށް ސިޔާމް ހުށަހަޅުއްވާފައިވަނިކޮށެވެ.
ސިޔާމުގެ ސިޓީގައި ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އޭނާއާ މެދު ގާނޫނުން ބޭރުން އަމަލު ކުރައްވަފާނެކަން ދޭހަވާ ގޮތަށް ވާހަކަ ދެއްކުމުގައްޔާއި އަތާއި މޫނުގެ އިޝާރާތުން ދޭހަވާ ގޮތަތަކެއް ހުރުމުން އެ ކޯޓުގެ އިސް ގާޒީއާ ހިސާބަށް އެ ޝަކުވާ ގެންގޮސްފައިވާނެ ކަމަށެވެ. އަދި އެ ޝަކުވާތަކަށްފަހު ގާޒީ އޭނާއާ މެދު ނުރުހުންތެރިވެވަޑައިގެން ހުންނެވި ކަމަށާއި އަދި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އެނާގެ މައްޗަށް ހަރުކަށި އަދަބެއް ކަނޑައެޅުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ބައެއް ފަރާތްތަކުން މައުލުމާތު ދިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓަށާއި ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެކަމަށް ހައްލެއް ހޯދައިދެވިފައިނުވާ ކަމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު ސިޔާމް ސޮއި ކުރައްވާ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑާއި މެދު ނެރުހުންތެރިކަން ފާޅުކުރަމުންދާ ފަނޑިޔާރަކު މެދުވެރިކޮށް ޝަރީއަތް ހިންގުން ހުއްޓުވައި ޒާތީކަމެއް ނުގެންގުޅުއްވާ ބޭފުޅަކު މެދުވެރިކޮށް އިންސާފުވެރި ނިޔާއެއް ލިބުމުގެ ފުރުސަތު ކްރިމިނަލް ކޯޓް އަދި ސްޕްރީމް ކޯޓުންވެސް އަޅުގަނޑަށް އަދި މިހާތަނަށް ފަހިކޮށްދެއްވާފަ އެއް ނުވޭ،" ސިޓީގައި ވިދާޅުވެފައިވެ އެވެ.
ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ އެފަދަ ޒާތީކަމެއް ގެންގުޅުއްވާ ފަނޑިޔާރަކު މައްސަލަ ބަލައިފިނަމަ ނުހައްގުން އޭނާގެ މައްޗަށް ހަރުކަށި އަދަބެއް ކަނޑައަޅުއްވަފާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ވެއްޖެނަމަ އިޖުތިމާއީ ގޮތުން އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި އޭނާގެ ރީތި ނަމަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ވެސް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
"ވަކިން ހާއްސަކޮށް އަޅުގަނޑުގެ މައްޗަށް އުފުލިފައިވާ ދައުވާއަކީ ވެސް ބާރުގަދަ ފަރާތަކުން ރާވައިގެން ހީލަތްތެރިކަމާއެކު ގެއްލުމެއް ދިނުމަށްޓަކައި ސިޔާސީ ގޮތުން އުފައްދާފައިވާ ދޮގު ދައުވާއަކަށް ވުމާއެކު މި މައްސަލަ ބައްލަވާ ފަނޑިޔާރު މައްސަލާގައި ހުކުމް ކުރައްވާ ގޮތަށް ހަމަޖެހިއްޖެނަމަ ދުޝްމަނުން ނުހައްގު ގޮތުގައި ޖެއްސުމަށްޓަކައި ތައްޔާރުކޮށްފައިވާ މަޅިފަތީގައި އަޅުގަނޑު ޖެހުނީ އެވެ،" ސިޓީގައި ވިދާޅުވެފައިވެ އެވެ.
ސިޓީ ނިންމާލަމުން ވިދާޅުވެފައިވަނީ އަނިޔާވެރިކަމުން ސަލާމަތްވެވޭނެ މަގެއް ފަހިކޮށްދެއްވައި އޭނާ އާއި މެދު އަދާވާތްތެރިކަމެއް ގެންގުޅުއްވާ ގާޒީ ނޫން އެހެން ބޭފުޅަކު އެ މައްސަލަ ބެއްލެވުމަށް ހަމަޖައްސައި ދެއްވައި، އެކަން ކްރިމިނަލް ކޯޓަށް އަންގަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ.
ސިޔާމުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އޭނާ ރާއްޖެއިން ބޭރަށް ކުރެއްްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވިއިރު ގެންގުޅުއްވި ލަގެޖުގެ ތެރެއިން ރާ ފުޅިއެއް ފެނުނު މައްސަލައެއްގަ އެވެ.
ސިޔާމުގެ މައްސަލައިގެ ފައިލް އިސް ގާޒީ ނަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ