ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދުގެ މިލްކިއްޔާތުގައި 5.6 މިލިއަން ރުފިޔާއާއި އިނގިރޭސިވިލާތުގައި އެމަނިކުފާނުގެ ގެއެއް ހުންނަ ކަމަށް މާލީ ބަޔާނުން ހާމަވެއްޖެ އެވެ.
މިދިޔަ މަހު 28 ގެ ކުރިން ހުރިހާ މެންބަރުން ވެސް މިއަހަރުގެ މާލީ ބަޔާން ރައްޔިތުން މަޖިލީހުގެ އަމީންއާންމަށް ހުށަހެޅަން ޖެހެ އެވެ. އެހެން ނަމަވެސް އެ ބަޔާން އާންމު ކުރުމަކީ ލާޒިމް ކަމެއް ނޫނެވެ.
އެހެން ނަމަވެސް ޓްވިޓާ މެދުވެރިކޮށް ޝާހިދު އާންމު ކުރައްވާފައިވާ މާލީ ބަޔާނުގައިވާ ގޮތުގައި ސޯސަންމަގުގައި ހުންނަ ހ. ރަބީއީމަންޒިލްގެ އިތުރަށް، ޔޫކޭގެ ޕާކްރޯޑުގެ، ޕްރެސްޓަންގައި އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގެއެއް އެބަ ހުއްޓެވެ. މީގެ އިތުރަށް ކާރެއް ވެސް އޭނާގެ މިލްކިއްޔާތުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުގައި އޭނާގެ މިލްކިއްޔާތުގައި ދިވެހި ފައިސާއިން ހުރީ، 191،203 ރުފިޔާ އެވެ. އަދި ބޭރު ފައިސާއިން އޭނާގެ މިލްކިޔާތުގައި ހުރި ފައިސާގެ އަދަދު އެއްވަރުވަނީ، 5.41 މިލިއަން ދިވެހި ރުފިޔާއާ އެވެ. އެހެން ކަމުން އޭނާގެ މިލްކިއްޔާތުގައި ފައިސާ އިން ހުރި، ޖުމްލަ އަދަދު 5.6 މިލިއަން ރުފިޔާ އަށް އަރަ އެވެ.
އޭނާއަށް ލިބިފައިވާ މުސާރައާއި އުޖޫރައިގެ އަދަދު 2.3 މިލިއަން ރުފިޔާއަށް އަރާއިރު ދިރިއުޅުމާއި އެހެނިހެން ހަރަދުތަކަށް ޝާހިދު 2.42 މިލިއަން ރުފިޔާ ހޭދަ ކުރެއްވި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެސްޓީއޯއާއި އެމްޓީސީސީގައި 100 ހިއްސާ ޝާހިދު ގަނެފައިވާ ކަމަށާއި އަދި އެމްޓީޑީސީގައި 12 ހިއްސާ ގަނެފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އޭގެ އިތުރުން ސާމްސް އިންވެސްޓަމަންޓް އެންޑް މެނޭޖްމަންޓްގެ 33 ޕަސަންޓު ހިއްސާވެސް ޝާހިދުގެ އޮވެ އެވެ. އަބްދުﷲ ޝާހިދަކީ މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ އިތުރުން، ވަރަށް ގިނަ ދުވަސް ވަންދެން ސަރުކާރުގެ މިނިސްޓަރުކަމާއި މަތީ މަގާމުތައް ފުރުއްވި ބޭފުޅެކެވެ.
----
ކުށުގެ އިސްލާހު: އެންމެ ފުރަތަމަ މި ހަބަރު ގެނެސްދެވުނުއިރު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޝާހިދުގެ މިލްކިއްޔާތުގައި 5.4 މިލިއަން ޑޮލަރު ހުރި ކަމަށް ލިޔެވުނީ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ ބޭރު ފައިސާ އިން ހުރި އަދަދަކީ 5.41 މިލިއަން ރުފިޔާ އެވެ. މިގޮތަށް މިހާރު ވަނީ ހަބަރު އިސްލާހު ކުރެވިފަ އެވެ. ވީމާ، މި އިއްޒަތްތެރި މެންބަރާއި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.
އަބްދުﷲ ޝާހިދުގެ އަތުގައި 5.6 މިލިއަން ރުފިޔާ އާއި ޔޫކޭގައި ގެއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ