މަހުލޫފްގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.
މައްސަލައިގެ އަޑުއެހުންތައް ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ފަށާފައިވާއިރު، މިނިސްޓަރ މަހުލޫފްވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރު ކުރައްވާފައެވެ.
މިއަދު ކުރިއަށް ދިޔަ އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޟީ މުހައްމަދު މިސްބާހު ވަނީ އެއީ މަދަނި މިންގަނޑުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމުގައި ނިންމަވާފައެވެ.
ދައުލަތުން ބުނާގޮތުގައި 2014 ވަނަ އަހަރުގެ ތެރޭގައި މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވިއިރު، އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި އެމަނިކުފާނަށް 33،000 ޔޫއެސް ޑޮލަރު ލިބިވަޑައިގެންފައިވެއެވެ.
ނަމަވެސް، މިނިސްޓަރ މަހުލޫފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ އެސްއީޒެޑު ބިލަށް ވޯޓު ދިނުމުގެ ބަދަލުގައި ހޯދި ރިޝްވަތެއްކަން ސާބިތުވާ ވަރުގެ ހެއްކެއް ނެތްކަމަށް ގާޟީ ވަނީ ވިދާޅުވެފައެވެ.
އަދި، މަދަނީ މިންގަނޑުން މައްސަލައެއް ކުރިއަށް ގެންދެވޭނެކަމަށް ކަނޑައެޅޭނީ އެ މައްސަލައެއްގައި އުފުލާފައިވާ ދައުވާގެ ވާގިއާތައް ވުޖޫދުވެފައި އޮތުމާއި، އެ ވާގިއާތައް ސާބިތުކުރުމުގެ ފުރުސަތު އޮތްކަމަށް ޤަބޫލުކުރެވޭ މިންވަރަށް ހެކި ހުރެގެންކަމަށް ފާހަގަކުރެއްވިއެވެ.
މައްސަލައިގައި މަހުލޫފަށް އަދީބު ރިޝްވަތު ދިންކަމަށް ބުނެފައިވީ ނަމަވެސް، އޭނާ އެހެން ބުނެފައިވަނީ އެސްއޯއެފްގެ އިސް ވެރިޔެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް ބުނި ބުނުމެއްގެ މައްޗަށް ކަމަށް ގާޟީ ވިދާޅުވިއެވެ.
އަދީބު އެހެން ބުނި ނަމަވެސް މިމައްސަލައިގައި ހެކިބަސް ދީފައިވާ އިތުރު މީހުންގެ ބަޔާނާ އަދީބުގެ ބަޔާނާ ފުށުއެރުންތަކެއް ހުރިކަމަށާއި، މަހުލޫފަށް ފައިސާ ދިންކަމަށް އަދީބު ބުނާއިރު، އެފައިސާ ދައުރުކުރި ގޮތުގެ އެއްވެސް ތަފްސީލެއް އަދީބު ކިޔައިދީފައި ނުވާކަން ގާޟީ ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިމައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، އަދީބުގެ ހެކިބަހަށް ބާރުލިބޭ އިތުރު ހެކި ގަރީނާ ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށް ގާޟީ ވިދާޅުވިއެވެ.
މީގެއިތުރުން މައްސަލައިގައި ހޯދަންޖެހޭ އެންމެ މުހިންމު ހެއްކަކީ ރިޝްވަތު ހިފުމުގެ މުގާބިލަކީ ކޮބައިކަމަށްވާއިރު، މައްސަލަ ތަހުގީގުކޮށްފައި ވަނީ ހެކި ހޯދުމަށްވުރެ ބޮޑަށް ދިފާއީ ހެކި ނަފީކުރުމަށް އިސްކަން ދީގެން ކަމަށް ނިންމުމުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ