ޕީއެންސީގެ ކައުންސިލް މެންބަރުކަމުން އަހުމަދު ހުސެއިން ވަކިކުރަން ނިންމައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ހުސެއިންގެ މައްޗަށް ކުރެވިފައިވާ ތުހުމަތެއްގައި އޭނާ ހައްޔަރުކުރުމާއެކު، ޕީ.އެންސީގެ ކައުންސިލް މެންބަރުކަމުން އޭނާ ވަކިކުރަން އެ ޕާޓީން ނިންމައިފިއެވެ.
ޕީއެންސީން އޭނާ ވަކިކުރުމަށް ނިންމާފައިމިވަނީ މާލޭގެއެއްގެ ބިންގަރާހެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާ ވަގުތެއްގައެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ޙުސައިންގެ މައްޗަށް ކުރެވޭ ތުހުމަތެއްގައި އޭނާ ހައްޔަރު ކުރި ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމައްސަލަ ބެލުމަށްފަހު ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އަހްމަދު ހުސައިން ޕާޓީގެ ކައުންސިލް މެންބަރު ކަމުން ވަކިކޮށް، ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައިވެސް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް އެ ޕާޓީން ނެރުނު ބަޔާނުގައިވެއެވެ.
ޕީއެންސީގެ އަސާސީ ޤަވާއިދަށް ބަލާއިރު، ޕާޓީގެ ސިޔާސަތުތަކާއި ޚިލާފުވެ، ޤާނޫނާއި ޚިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގެ ބާރު ޕާޓީގެ އަސާސީ ޤަވާއިދުން ޕާޓީއަށް ލިބިދީފައިވުމާއިއެކު، އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ކުޑަބޮޑު މިނަށްބަލާ، އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މީގެ ކުރިންވެސް މިފަދަ ކަންކަމުގައި ޢަމަލުކުރެވިފައިވާ ގޮތްތަކަށް ރިޢާއަތް ކުރުމަށްފަހު ކަމަށް ޕީއެންސީން ބުނެއެވެ.
އަދި އަޙްމަދު ޙުސައިންގެ މައްޗަށް ކުރެވިފައިވާ ތުޙުމަތުގެ މައްސަލަ ބަލާ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން އަވަސް ކުރުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ