ރައީސް ސާލިހް އިސްތިއުފާދެއްވަން ލަދުފުޅުގެން ހުންނެވި ކަހަލަ: މެމްބަރު ޝިޔާމް

ދިވެހިރާއްޖެ މިހާރު ގޮސްފައިވާ ހާލަތަށް ބަލައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އިސްތިއުފާދެއްވަން ލަދުފުޅުގެން ހުންނެވި ކަހަލަ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ، އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް، ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީމޯގަން އިން ބުނުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އެކުލަވާލި އެނެލިސިސް ޖޭޕީމޯގަން އިން އާންމުކޮށްފައިވާއިރު، އެ އެނެލިސިސްގައިވާގޮތުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ބޮޑެތި ދަރަނިތަކެއް ނަގާފައިވާ ގައުމުތަކުގެ ގާތްގަނޑަކަށް 10 އިންސައްތަ ގައުމަށް ދަރަނީގެ މައްސަލަތައް މިއަހަރުގެ ތެރޭގައި ކުރިމަތިވާނެއެވެ.
އަދި، 2023 ވަނަ އަހަރު ނިމޭ އިރު ރިޒާވް ހުސްވެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.
ޝިޔާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ސަރުކާރުން ދައުލަތަށް އާމްދަނީ ހޯދަން ނޭންގި ސިޔާސީ ގިނަ މަގާމުތަކަށް ވައްކަމުން މާލިއްޔާ އެއްކޮށް ހުސްކޮށްފައިވާ ކަމަށެވެ. އަދި އިގްތިސާދީ ގޮތުން ރާއްޖެ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް ރައީސް ސާލިހް ހުންނެވީ މަގާމުން އިސްތިއުފާ ދެއްވަންވެސް ލަދުފުޅުގެން ކަމަށްވެސް މެމްބަރު ކުރެއްވި ޓްވީޓުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ