ތޭރަ ސްކޫލަކުން ވާދަކުރާ އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި

ޖުމްލަ 13 ސްކޫލަކުން ވާދަކުރާ އަށް ވަނަ މައިލޯ އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި އެވެ. އިއްޔެ ހަވީރު 4:00ގައި ޓީޓީ ހޯލުގައި ފެށުނު އެ މުބާރާތުގައި ޖުމްލަ 100 ކުޅުންތެރިން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ރޭ ވެސް ކުރިއަށްދިޔަ އެވެ. އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތަކަކީ އަމީނިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް، ދަރުމަވަންތަ ސްކޫލް، ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް، ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ރެހެންދި ސްކޫލެވެ. އެ މުބާރާތުގައި ހަތަރު އުމުރުފުރާއެއްގެ ކުޅުން ކުރިއަށްދާނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެ އެވެ. އެއީ އަންހެން އަދި ފިރިހެން ބައިގެ 12 އަހަރުން ދަށާއި، އަންހެން އަދި ފިރިހެން ބައިގެ 14 އަހަރުން ދަށާއި، އަންހެން އަދި ފިރިހެން ބައިގެ 16 އަހަރުން ދަށާއި، އަންހެން އަދި ފިރިހެން ބައިގެ 16 އަހަރުން މަތީގެ އުމުރުފުރާ އެވެ. އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް، އިއްޔެ އިން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ