ޔާމީން، އަލީ ރަޝީދަށް އިންޒާރު ދެއްވި މައްސަލަ ފުލުހަށް ހުށަހަޅައިފި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރު ދެއްވި މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ދާދިފަހުން މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ ވިލިމާލެ ގޮނޑިއަށް އިންތިހާބުވެ ވަޑައިގަތް ޕީޕީއެމްގެ މެންބަރު ފާތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވި ގޮތުގައި، ފަނޑިޔާރު އަލީ ރަޝީދަށް މަގާމު ލިބިވިޑައިގަތީ އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރައްވަން ކެރިވަޑައިގަތުމުންނެވެ.
އެހެންވެ، މުއައްސަސާތައް "ތާހިރު"ކޮށް ސާފުކުރުމަށް ރާއްޖޭގެ ޖަލުތައް ބޮޑުކުރަން ޖެހޭ ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.
ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް "ދަ ޕްރެސް" އަށް ވިދާޅުވީ، އެއްވެސް ޕްލެޓްފޯމެއްގައި ފަނޑިޔާރަކަށް އިންޒާރު ދީފި ނަމަ، އެ ކޮމިޝަނުން އާންމުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާ ކަމަށެވެ. އެފަދަ މައްސަލަތަކުގައި ޖޭއެސްސީން އެދިފައިވަނީ ފަނޑިޔާރު އަލީ ރަޝީދުގެ ސެކިއުރިޓީއަށް ސަމާލުވުމަށާއި، ޖިނާއީ މައްސަލައެއް ހިމެނޭނަމަ، އެ މައްސަލައެއް ތަހްގީގު ކުރެއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލަ ހުށަހަޅާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ޔާމީން ވަނީ ދެވަނަ ފަހަރަށް އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ޖަލަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވަމުން ތަކުރާރުކޮށް އިންޒާރު ދެއްވައިފައެވެ.
އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ ވެސް، ސިޔާސީ މީހުން އެކި ފަހަރު މަތިން ޖަލަށް ލުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ