"ހަވީރު"ގެ ނޫސްވެރިން ހުޅުމާލޭގައި
ކުރިން ބޮޑު ބިޔަ ހުސް ފަޅެއްގެ ގޮތުގައި އޮތް ތަނެއް ހިއްކައި، ހުޅުމާލޭގެ ނަމުގައި ރަށެއް އުފެއްދިތާ އަންނަ މަހަށް 10 އަހަރު ވާނެ އެވެ. ފަހަރަކު ބަޔަކު ވަޒަންވެރިކުރުވަމުން ގޮސް، އެންމެ ފަހުން މިހާރު އެ ރަށުގެ އާބާދީ 30،000 އަށް އަރައިފި އެވެ. ހުޅުމާލޭ ސްކޫލުގެ ޖާގައަކީ 800 ނަމަވެސް، އެ ސްކޫލުގައި މިހާރު 1500 ދަރިވަރުން ކިޔަވަމުން ދެ އެވެ. މީހުން ފުރި ތޮއްޖެހެން ފަށައިފި އެވެ. ފްލެޓްތައް ބަރިބަރި އަށް ގިނަވާން ފަށައިފި އެވެ. ހިތްއުފާ ކޮށްލުމަށާއި ސައިކަލް ބުރުތައް ޖަހާލުމަށް ޓަކައި އެކަނި ވެސް، ހަފުތާ ބަންދުގައި އެ ރަށަށް 5،000 އަށް ވުރެ ގިނަ މީހުން ދާ ކަމަށް ވެ އެވެ. އެހެންވެ، ދިހަ އަހަރުގެ ތެރޭގައި އެ ރަށް މިހާރު މި ވަނީ ރާއްޖޭގެ އެންމެ ބިޒީ އެއް ރަށަކަށް ވެފަ އެވެ. ހަމައެއާ އެކު، އުފެދޭ މައްސަލަތަކާއި ޝަކުވާ ވެސް މިވަނީ ފުނިފުންޏަށް އޮހެން ފަށައިފަ އެވެ. "ހަވީރު"ން މިއަދު މި ގެނެސްދެނީ އެ ރަށުގެ އެކިއެކި މައްސަލަތަކާއި އާންމު ދިރިއުޅުމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ހާއްސަ ރިޕޯޓްތަކެކެވެ. ކިޔާލަން އެންމެ ފަސޭހަ، ޝައުގުވެރި އާޓިކަލްތަކެކެވެ. މިދިޔަ ބުރާސްފައްޗާއި ހުކުރު ދުވަހު މެދުނުކެނޑި "ހަވީރު"ގެ ނޫސްވެރިން ހުޅުމާލޭގައި ކުރި މުހިންމު ތަޖުރިބާތަކެވެ. އާންމުންގެ ތެރޭގައި އުޅެ، އެ މީހުންނާ އެކު ކައިބޮއެ، ނިދައި އަދި އެ މީހުންގެ ގޭގައި ވަގުތުތައް ހޭދަކުރިއިރު ފެނިފައިވާ މަންޒަރުތަކެވެ. ހުޅުމާލޭގެ އާންމުންގެ ޝަކުވާތަކެވެ. އެ މީހުންގެ އުދާސްތަކެވެ. ތައުލީމީ ހާލަތާއި ސިއްހަތާއި ދަތުރުފަތުރުގައި ހުރި ބޮޑެތި މައްސަލަތަކެވެ. އޭގެ އަނެއްކޮޅުން އެ ރަށުގެ ފެހިކަމާއި ތަނަވަސް ކަމާއި ހިތްގައިމު ކަމާއި އަރާމު ކަމުގެ ވާހަކަތަކެވެ. ހަފުތާ ބަންދު ހުޅުމާލެ އަށް ހާއްސަކުރާ ގުރޫޕުތަކާއި އެ މީހުން އެ ރަށުގައި ކުރަމުން ގެންދާ ކަންތައްތަކެވެ. އަގުބޮޑެތި ގެސްޓް ހައުސްތަކާ އެކު ހުޅުމާލެ ކުޑަވަރެއްގެ ރިސޯޓަކަށް ބަދަލުކޮށްލި ވާހަކަތަކެވެ. މި ހާއްސަ ސަޕްލިމެންޓްގައި މި ހުރިހާ ކަމަކަށް ފޯކަސް ކުރެވިފައިވާނެ އެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ރިޕޯޓަކީ ހުޅުމާލޭގެ އެންމެ ފުރަތަމަ ވަޒަންވެރިންނާ ބެހޭ ގޮތުން އާސިޔަތު މުހަންމަދު ސައީދު ލިޔެފައިވާ ރިޕޯޓެވެ. އެ މީހުން ދުށް ހުވަފެންތަކެވެ. އެ މީހުންގެ "އަމިއްލަ" ރަށާ ބެހޭ ގޮތުން ދެކޭ ގޮތެވެ. އަދިވެސް ހައްލު ނުވެ ހުރި މައްސަލަތަކެވެ. މިއީ، ޝައުގުވެރި ވާހަކަތަކެކެވެ. އަނެއް ރިޕޯޓަކީ ޒުވާނުންނާއި ގުރޫޕުތަކާއި އެކިއެކި ލޯބިވެރިންގެ ޖޯޑުތަކުގެ ރޭގަނޑުގެ ހަރަކާތްތަކެވެ. ބާބަކިޔު ހެދުމަށް ހުޅުމާލެ ވަރުގެ ރަށެއް ހަގީގަތުގައި ވެސް ނެތް ކަން، އާސިޔަތުގެ ރިޕޯޓުން ސާބިތުކޮށްދޭނެ އެވެ. ހުޅުމާލޭގައި ގާތްގަނޑަކަށް ސާޅީހަކަށް ގެސްޓް ހައުސް ވަނީ ހިދުމަތަށް ނުކުމެފަ އެވެ. މިއީ، އެ ރަށުގައި ޓޫރިޒަމްގެ ފުޅާ ކުރިމަގެއް އޮތްކަން ވަރަށް ރަނގަޅަށް ކަށަވަރުކޮށްދޭ ކަމެކެވެ. އަހުމަދު ނާއިފް އެ ގެސްޓް ހައުސްތަކަށް ގޮސް އެ ތަންތަން ބަލައި ވަނީ ތަޖުރިބާކޮށްފަ އެވެ. އޭނާ ބުނާ ގޮތުން، ހުޅުމާލޭގެ އެއް ސަރަހައްދަކީ މިހާރު ޓޫރިޒަމް މަންޒިލެކެވެ. އެއީ ތެދެކެވެ. މިހާރު ރިސޯޓަކަށް ޓޫރިސްޓުން ޒިޔާރަތްކުރާހެން ހުޅުމާލެ އަށް ވެސް ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ. އެހެންވެ، އެއީ ރެގިއުލޭޓް ކުރަން ވެސް ޖެހިފައިވާ އިޝޫއެކެވެ. ޒުވާން ލިޔުންތެރިޔާ އަހުމަދު ނަދީމަށް ހުޅުމާލެ އިން ފެނުނީ މުޅިން އެހެން މަންޒަރުތަކެކެވެ. ރޭސް ޖަހާ ޒުވާނުންނެވެ. ފޮޓޯ ނަގަން ދާ ޒުވާން ޖޯޑުތަކެވެ. ލަގްޒަރީ ފްލެޓްތަކުގައި މުއްސަނދިންގެ ދިރިއުޅުމެވެ. އެއީ ވެސް ހުޅުމާލޭގެ އެއް ބައެވެ. އެއީ ވެސް ހުޅުމާލެ މަޝްހޫރުވެފައިވާ ގޮތެކެވެ. ރޭސް ޖެހުމަކީ މައްސަލައެއްތޯ، މިއީ ވަރަށް ގިނަ މީހުން ސުވާލުކުރަމުން ދާ ކަމެކެވެ. އޭގެ ޖަވާބު ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ރޭސިން އެސޯސިއޭޝަނުން ވަނީ ދީފަ އެވެ. އެއް ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްގީކުރާ ހުޅުމާލެ މިހާރު އޮތީ ގާތްގަނޑަކަށް ފުރިފަ އެވެ. ދެން އޮތީ އެހެން ފޭހެއް ފަށަން ޖެހިފަ އެވެ. މިހާރު އޮތީ މައްސަލަތައް ވެސް ނުކުންނަން ފަށައިފަ އެވެ. ފެރީގެ މައްސަލަތައް އޮތީ އިންތިހާގަ އެވެ. ރަނގަޅު ސިއްހީ ނިޒާމެއް ނެތެވެ. ރަށުތެރެ އެހާ އަނދިރި އެވެ. މިއީ ހިތްފަސޭހަ ކަމަށް ބުނާ ރަށުގައި ނުހުއްޓި އޮތް ޝަކުވާ އެކެވެ. ހިތް ފަސޭހަކޮށްލަން ހިތުލައިގެން އަޅާ އެންމެ ފުރަތަމަ ފިޔަވަޅުގައި ވެސް ހުރީ ބޮޑެތި މައްސަލަތަކެވެ. ފެރީން ޖާގަ ލިބުން ވަނީ އިންތިހާ އަށް ދަތިވެފަ އެވެ. އެ ރަށުގައި އޮތް ކުނީގެ މައްސަލައިގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. އިޖުތިމާއީ ގޮތުން ދިމާވާ އެހެނިހެން މައްސަލަތަކާ އެކު ޝަކުވާތައް އޮތީ ބަންޑުން ވެފަ އެވެ. ނިއުމަތުﷲ އިދުރީސް މި ވާހަކަތައް މި ގެނެސްދެނީ މި މައްސަލަތަކުގެ އެންމެ ފުނަށް ފީނައިގެންނެވެ. ހުޅުމާލެ އަށް 10 އަހަރުވާއިރު، މައްސަލަތަކަށް ހައްލުތަކެއް ހޯދަން ޖެހެ އެވެ. އެއީ ކުރަން ޖެހޭ ކަމެކެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސަކަށް ދާން ޖެހެ އެވެ. ދަތުރުފަތުރުކުރެވޭނެ އެހެން ނިޒާމެއް ނެތި އެ ރަށް މައިތިރި ކުރެވޭނެ ގޮތެއް ވެސް ނެތެވެ. ދެން އޮތީ ކޮން ވިސްނުމެއް ހެއްޔެވެ؟ އާންމުންގެ އެ ހުރިހާ ސުވާލަށް އެޗްޑީސީން ވަނީ އަހުމަދު ހަމްދޫނަށް ޖަވާބު ދީފަ އެވެ. މިއީ ޝައުގުވެރި ރިޕޯޓްތަކެކެވެ. ކުރިމަގުގައި ރާއްޖޭގައި އެންމެ ބިޔަވެގެންދާނެ ރަށާ ބެހޭ ގޮތުން މި ގެނެސްދެނީ ތަފާތު ތަޖުރިބާތަކެއްގެ ވާހަކަ އެވެ. -- ކުރިއަށް ވަޑައިގަންނަވާށެވެ! ޝައުގުވެރިވާނެ ކަމަށް އުންމީދުކުރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ