އާރިފްގެ ފަރާތުން އެދުނީ ނޮޅިވަރަމް ދާއިރާގެ މާލޭ ފޮށީގެ ނަތީޖާ ބާތިލްކުރަން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމު ދާއިރާގެ މާލޭގައި ބެހެއްޓި ފޮށި ބައި ގަޑިއިރު ކުރިން ބަންދުކޮށްފައިވާ ކަމަށް ބުނެ އެ ފޮށީގެ ނަތީޖާ ބާތިލްކޮށްދިނުމަށް، އެ ދާއިރާ އަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަލީ އާރިފްގެ ފަރާތުން ހައި ކޯޓުގައި ބުރާސްފަތި ދުވަހު އެދިއްޖެ އެވެ. އެ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ހުސައިން އަރީފެވެ. އެ މައްސަލައިގެ ތެރެ އަށް އޭނާ ވެސް ވަނީ ތަދައްޚުލްވެފަ އެވެ. ހައި ކޯޓުގައި ބުރާސްފަތި ދުވަހު އޮތް އަޑުއެހުމުގައި އާރިފްގެ ވަކީލް މުހައްމަދު ފަރީދު ވިދާޅުވީ އެ ދާއިރާގެ މާލޭގައި ބެހެއްޓި ފޮށީގެ ވޯޓުލުން ފެށިފައިވަނީ އެ ދުވަހުގެ ހެނދުނު 8:37 ގައި ކަމަށާއި ލަހުން ފެށިފައިވާތީ ގެއްލިގެންދިޔަ ވަގުތު އިތުރުކޮށްދޭނެ ކަމަށް އިލެކްޝަންސްގެ އޮފިޝަލުން އެ ތަނުގައި އިއުލާންކުރި ކަމަށެވެ. ނަމަވެސް އެ ވަގުތު އިތުރުކޮށް ނުދީ ހަވީރު 4:00 ގައި އެ ފޮށި ބަންދުކޮށްފައިވާތީ އެކަމުގެ ސަބަބުން 58 މީހަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ފަރީދު ވިދާޅުވި އެވެ. ހޮވުނު ކެންޑިޑޭޓާއި ދެ ވަނަ އަށް ދިޔަ އާރިފާ ދެމެދު ހުރީ 22 ވޯޓުގެ ތަފާތު ކަމަށާއި ނަމަވެސް 58 މީހަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލިފައިވާތީ އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތް ކަމަށް ފަރީދު ވިދާޅުވި އެވެ. އެހެންކަމުން އެ ދާއިރާގެ މާލޭ ފޮށީގެ ނަތީޖާ ބާތިލްކޮށް، އެ ފޮށީގެ އިންތިޚާބު އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ. އެކަންކަން ސާބިތުކުރަން ފަރީދު ވަނީ 22 މީހެއްގެ ނަން ހުށަހަޅައިފަ އެވެ. އަދި އޭގެ ތެރެއިން 11 މީހެއްގެ ބަޔާނާއި ގެއްލުނު ވަގުތު އިތުރުކޮށްދޭނެ ކަމަށް "ހަވީރު" ނޫހަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މައުލޫމާތަށް ބިނާކޮށް ލިޔެފައިވާ ލިޔުން ވެސް ފަރީދު ހުށަހެޅުއްވި އެވެ. ނަމަވެސް ކޮމިޝަނުން ބުނީ އެ ދާއިރާގެ އިންތިޚާބު ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ކޮމިޝަންގެ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ އެގޮތަށް ވަގުތު އިތުރުކޮށްދޭނެ ކަމަށް ކުރިން ބުނި ނަމަވެސް 4:00 ގައި ކިޔު ބަންދު ކުރާނެކަން އޭގެ 10 ވަރަކަށް މިނެޓް ފަހުން އަންގާފައިވާނެ ކަމަށެވެ. އަދި ކިޔު ބަންދުކުރި ފަހުން ވޯޓުލާން އައީ އެންމެ މީހެއް ކަމަށާއި އޭނާގެ ވެސް އެކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. ނަމަވެސް ފަރީދު ވިދާޅުވީ ކޮމިޝަންގެ ވަކީލުން ކޯޓުގައި ދޮގު ހަދަނީ ކަމަށާއި އެގޮތަށް ފަހުން އަންގާފައިނުވާ ކަމަށެވެ. އަދި އެކަން އެނގޭ އެއްވެސް ބަޔަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ވޯޓުލުމުގެ ހައްގު ގެއްލުނު ފަރާތުން ޝަކުވާ ހުށަނޭޅުމަކީ އިންތިޚާބު ބާތިލް ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ފަރީދު ވިދާޅުވި އެވެ. ގއ. ކޮނޑޭ ކައުންސިލްގެ އިންތިޚާބު ވެސް ހައި ކޯޓުން ބާތިލްކުރީ އެންމެ ވޯޓަކާ ހެދި ކަމަށާއި ނަމަވެސް އެ ވޯޓުލުމުގެ ހައްގު ގެއްލުނު މީހާ އެ ޝަކުވާ ހުށަހަޅާފައިނުވާ ކަމަށް ފަރީދު ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަންގެ ވަކީލާ ހަނީފާ ޚާލިދު ވިދާޅުވީ ކިޔު ބަންދު ކުރިއިރު ވޯޓު ނުލާ ތިބި 58 މީހުން ވޯޓުލާނެ ކަމަށް ބަލައި، އިންތިޚާބު ބާތިލް ނުކުރެވޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ވަގުތުން ޝަކުވާ ހުށަހަޅާފައިނުވާ ކަމަށާއި އެ ޝަކުވާ އައީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައި ކަމަށް ހަނީފާ ވިދާޅުވި އެވެ. ނަމަވެސް ފަރީދު ވިދާޅުވީ ކިޔު ބަންދު ކުރުމުން އެކަން އޮފިޝަލުންގެ ސަމާލު ކަމަށް ގެނައި ކަމަށާއި އެކަން ހައްލުނުވެ، ބޮޑު ޒުވާބުތަކެއް ވެސް އެތަނުގައި ހިނގި ކަމަށެވެ. އަދި އެންމެ ފަހުން ވޯޓު ގުނީ ފުލުހުން އެ މަރުކަޒަށް އައިސްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މައްސަލައިގެ ތެރެއަށް ވަދެފައިވާ އަރީފްގެ ބަދަލުގައި ކޯޓަށް ހާޒިރުވި ޖޭޕީގެ ކައުންސިލް މެމްބަރު މޫސާ އަންވަރު ވިދާޅުވީ އެ މައްސަލައިގައި އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށެވެ. ނަމަވެސް އެ ބާވަތުގެ މައްސަލަތަކަކީ ހެއްކާ އެކު ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލަތަކެއް ކަމަށްވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ދިނުމަށް އޭނާ އެދިވަޑައިގަތެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. ނަމަވެސް އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެނަމަ ނުވަތަ ހެއްކަކު ހާޒިރުކުރަން ޖެހިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ. ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ރިއާސަތު ބަލަހައްޓަވާ އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ސަމީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ