ސުޕްރީމް ކޯޓުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ: ޓްރާންސްޕޭރެންސީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމަށް ފާތިމަތު ރީނީ އަބްދުއްސައްތާރު އައްޔަންކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ނެރުނު އަމުރާއި އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ބަޔާން ނެރުމުގައި އަމަލުކުރި ގޮތުން އެ ކޯޓުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ. އެ ޖަމްއިއްޔާ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު ދުސްތޫރީ މައްސަލަތަކަށް ހައްލު ހޯދުމުގެ ޒިންމާ އެޅިފައިވާ ސުޕްރީމް ކޯޓުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮތުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރުގެ އަމަލުތައް ބަހައްޓަންޖެހޭނީ ޝައްކާއި ވަހުމަށް އެއްވެސް ޖާގައެއް ނޯންނާނެ ފަދައިން ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން ރީނީ އައްޔަންކުރުން ހުއްޓުވި އަމުރާއި އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާން އާންމުކޮށް ލިބެން ނެތުމަކީ އެ ކޯޓުގެ ހާމަކަން ނެތްކަން ދައްކުވައިދޭ ކަމެކެވެ. އަދި މައުލޫމާތު ހާމަކުރުމަކީ ކޮރަޕްޝަން ނައްތާލުމަށް މުހިންމު ކަމަށްވާ އިރު ހާމަކަން ނެތުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. " އެހެންކަމުން ސުޕްރީމް ކޯޓުގެ މުއައްސަސާގެ ނަޒާހަތްތެރިކަން ނުގެއްލޭނެހެން އެ ކޯޓުގެ ފަނޑިޔާރުންގެ އަމަލުތައް ބެހެއްޓުމަށާއި، ސުޕްރީމް ކޯޓަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް، ސުޕްރީމް ކޯޓުގެ ހިންގުމުގެ ހުރިހާ ކަމެއްގައި ހާމަކަމާއި މައުލޫމާތުގެ މިނިވަންކަމަށް އިސްކަން ދިނުމަށް ޓްރާންޕޭރެންސީ މޯލްޑިވްސް އިން ސުޕްރީމް ކޯޓަށް ގޮވާލަމެވެ." އެ ބަޔާނުގައިވެ އެވެ. ރީނީ އައްޔަން ކުރުން ހުއްޓުވީ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ނެރުއްވި އަމުރަކުންނެވެ. އެ އަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވީ އެއީ ސުޕްރީމް ކޯޓުގެ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އެ އަމުރު ނެރުނީ ވެސް އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް އެންގުމެއް ނެތި ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ތެރޭގައިވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. ސީއެސްސީގެ ރައީސްކަމުން ފަހުމީ ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ ފަހުމީގެ ބަދަލުގައި ރީނީ އެ މަގާމަށް އައްޔަންކޮށްފަ އެވެ. އަދި އެ ކޮމިޝަންގެ ރައީސް ކަމަށް ޑރ. މުހައްމަދު ލަތީފް ވަނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ