ވެރިކަން ބަދަލުވުމާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓުން ގެންގޮސްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ގާނޫނަށް ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެން ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސްފި އެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް ދިޔާނާ ހުށަހެޅުއްވި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސްފައި މި ވަނީ އެއީ ދުސްތޫރީ މައްސަލައެއް ކަމަށް ބުނެ އެކަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނިކޮށެވެ. ދައުލަތުން ބުނެފައި ވަނީ ދިޔާނާ ހުށަހެޅުއްވި މައްސަލަ ހައި ކޯޓަށް ހުށަހެޅުއްވުމުނެ ވެސް ބަލައި ނުގެންފައިވާ ކަމަށާއި އެއީ ދުސްތޫރީ މައްސަލައަކަށް ވާތީ ކަމަށެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހު ސިވިލް ކޯޓުގައި އޮތް އަޑުއެހުމުގައި ދިޔާނާ ވިދާޅުވެފައި ވަނީ ހައި ކޯޓުން މައްސަލަ ބަލައިނުގަތީ އެއީ ދުސްތޫރީ މައްސަލައެއް ކަމަށް ވާތީކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގައި ލިބިދޭ ވޯޓު ދިނުމުގެ ހައްގު ގެއްލިފައިވާތީ އެ ހައްގު ހޯދުމަށް ކަމަށެވެ. އެހެންވެ މިއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ވިދާޅުވި އެވެ. ދިޔާނާ އާއި އިސްރާގް ތައުފީގާއި އާމިނަތު ނާޒްލީ ހުށަހެޅުއްވި ދައުވާގައި އެދިފައި ވަނީ ފެބްރުއަރީ 7، 2012 ގައި ރައީސް ކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ މަޖުބޫރީ ހާލަތެއްގައި ކަން ކަނޑައަޅައި ދިނުމަށާއި އެ ދުވަހު ސަރުކާރު ބަދަލުވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އޭގެ ސަބަބުން ވޯޓު ދިނުމުގެ ހައްގު ވެސް ގެއްލިފައިވާކަން ކަނޑައަޅައި ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ކުރިން ދިޔާނާ ހައި ކޯޓަށް ހުށަހެޅުއްވި ދައުވާގައި ވޯޓު ދިނުމުގެ ހައްގުގެ ބައި ނުހިމެނެ އެވެ. ސިވިލް ކޯޓުގައި އެންމެ ފަހުން އޮތް އަޑުއެހުމުގައި ގާޒީ ހާތިފް ހިލްމީ ވިދާޅުވީ މިއީ ދުސްތޫރީ މައްސަލައެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ދައުލަތުގެ ފަރާތުން ސިޓީއެއް ލިބިފައި އޮތް ނަމަވެސް މައްސަލަ އެ ދުވަހު ކުރިއަށް ގެންދަވަން ނިންމެވީ ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަވާފައި ނުވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ