ނާޝިޒާ އާޒިމްގެ ގޮނޑިއާމެދު ގޮތެއް ނިންމަން ވެއްދި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްދު ނާޝިޒުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ވެއްދި މައްސަލައެއް ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.
އެ ދެ ބޭފުޅުންގެ ގޮނޑި ގެއްލިޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ވެއްދީ ނ. ވެލިދޫ އެލްޕާސޯ މުހައްމަދު ހަލީމެވެ. ގާނޫނީ ވަކީލު މުހައްމަދު ހަލީމް ހުށަހެޅި މި ދައުވާގައި ބުނަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަމްބަރާ ހަވާލާދީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ނާޝިޒާއި އާޒިމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
"އަޅުގަނޑު ހުށަހެޅި މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ބަލައިގެންފައި،" ހަލީމް ވިދާޅުވި އެވެ.
މިމައްސަލަ ކޯޓަށް ވެއްދި އިރު ނާޝިޒާއި އާޒިމްގެ ހިމެނި ވަޑައިގަންނަވާ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބީއެމްއެލް އަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއް ގޮތަށް ފައިސާ ދައްކާފައި ނުވާތީ ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައި ހުރި ތަކެތި ވިއްކުމުގެ ހުއްދަ ސިވިލް ކޯޓުން ވަނީ ދި ވެހި ބޭންކަން ދީފި އެވެ. ފުނައްޑޫގެ ނަމުގައި ނެގި ފަސް ލޯނަށް 117 މިލިއަން ރުފިޔާ އަރަ އެވެ. އަދި ފައިސާ ނުދެއްކުމުން އިންޓަރެސްޓާ އެކު 206 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. މި ލޯނުތަކަށް ގެރެންޓީ ދެއްވާފައި އާޒިމާއި ނާޝިޒާއި މ. ރަފީގުގޭ، އަހުމަދު ރަޝީދު އާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ