ޗައިނާގައި ހުންނަވާ ސަފީރުގެ މަގާމު އަހުމަދު ލަތީފަށް ދެއްވައިފި
ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް ހެންވޭރު ސީވީޑް އަޙްމަދު ލަޠީފް ޢައްޔަން ކުރައްވައި، އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި އެވެ. މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް އަހުމަދު ލަތީފު، ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ފަތްކޮޅު ދެއްވުމަށް ފަހު، ރައީސްގެ ދެއްކެވި ވާހަކަފުޅުގައި، މަގާމުގެ ވާޖިބު އަޙްމަދު ލަޠީފް ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރުން ހިންގަވަމުން ގެންދަވާ އެކި މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި، އެބޭފުޅުންގެ އެހީތެރިކަން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ