ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ނިންމައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެހެންނޫނީ ގައުމަށް ދެރަގޮތްތަކެއް ކުރިމަތިވެދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތުލުސްދޫގައި ޖުމްހޫރީ ގުޅުމުން މިރޭ ބޭއްވި ކެމްޕޭން ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ގައުމު ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި، ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގެންގޮސްފިނަމަ އެކަމުގެ ހިތި ނަތީޖާއާ ރައްޔިތުންނަށް ކުރިމަތިލާންޖެހޭނެ ކަމަށެވެ. އެހެންކަމުން ގިނަ ބަޔަކަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު އިންތިހާބު ކުރުމަށްޓަކައި އަތުގުޅާލައި އާބަސް ބުނަންޖެހޭ ކަމަށެވެ.
އިސްލާހަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވިފައިވާ ކަމަށް ވިދާޅުވެ ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވީ އިސްލާހަށް ކުރެއްވި މަސައްކަތުގައި ލިބުނު ކުރިއެރުން ގެއްލި ކަންކަން ގޯސްވަމުންދިއުމުން ހިތްޕުޅަށް ކެތްނުކުރެވިގެން ކަމަށެވެ. އަދި ވިދާޅުވީ ގައުމާއި ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކުރައްވާ މަސައްކަތް ހަޔާތުގެ އެންމެ ފަހު ދުވަހާ ހަމައަށްވެސް ކުރައްވާނެ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ބޭނުންފުޅު ވަނީ ދިވެހިރާއްޖެއަކީ އިސްލާމްދީނުގެ މަތީގައި ސާބިތުވެ އޮންނަ ގައުމަކަށް ވުމަށާއި، އަދި ރައްޔިތުންނަށް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު އިސްލާހަށް ކުރެއްވި މަސައްކަތްޕުޅަށް ކޮންމެ ސަރުކާރަކުންވެސް ގޮންޖެހުންތައް ކުރިމަތިކުރައްވާ ތަފާތު މައްސަލަތަކުގައި އެމަނިކުފާނާ ދެކޮޅަށް ދައުވާ އުފުލާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ސަރުކާރަކާއި ދެކޮޅަށް އެމަނިކުފާނުގެ ހިތުގައި ގޯސް ނިޔަތެއް ނެތް ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ އިންތިހާބަކީ ދިވެހި ރައްޔިތުން ޒިންމާދާރުކަމާއެކު އެމީހުންގެ މަސްއޫލިއްޔަތު އުފުއްލަވާ ގައުމުގެ ހާލަތަށް ރިއާޔަތްކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަންޖެހޭ ދުވަހެއް ކަމަށާއި، ވޯޓްލުމަކީ ކުޅޭކުޅޭ ކަމަކަށް ނުހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު ވޯޓް ލުމުގެ ހައްގު ލިބިގަތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކަންކަން ރަގަޅަށް ދިރާސާކުރައްވައިފިނަމަ ރައްޔިތުން މިފަހަރުގެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރާނީ އެމަނިކުފާނު ކަމަށާއި، އެމަނިކުފާނުގެ ކާމިޔާބީއާ އެހެން ކެންޑިޑޭޓުންގެ މަސައްކަތްތަކާއި އަޅާ ނުކިޔޭހާ ތަފާތުވާނެ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވީ އިހްލާސްތެރިކަމާއެކު ކަމަށާއި، ނަމަވެސް ނަޝީދުގެ ވެރިކަމުގައި ދިވެހިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
ބަޔަކު ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް ރައީސް މައުމޫންގެ ޒައާމަތުގައި ތަރައްގީގެ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، ނަމަވެސް އެކަންކަން ކުރެއްވުނީ ރައްޔިތުން އެންމެ ބޭނުންވާ ދުވެލީގައި ނޫން ކަމަށެވެ. އަދި ގާސިމް އިބްރާހީމްގެ ފިނޭންސް މިނިސްޓަރު ކަމުގައި ދައުލަތުގެ މާލީ ސިޔާސަތަށް ގެންނަން ބުނި ބައެއް ބަދަލުތައް ގެނައުމަކީ މުހިއްމު ކަމެއްކަމަށް ރައީސް މައުމޫން ގަބޫލުކުރެއްވި ނަމަވެސް އެކަންކަން އަމަލީ ގޮތެއްގައި ހިނގާފައި ނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ތުލުސްދޫއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ތުލުސްދޫ މިހާރު އޮތް ސައިޒަށް ބަލާއި އޭގެ ތިންގުނައަށް އެރަށުގެ ބިން ހިއްކައިދެއްވާނެ ކަމަށާއި، އަދި އެރަށަކީ ޓޫރިޒަމްއާ ސިނާއީ ބައެއް މަސައްކަތްތައް ހިންގައިގެން އާމްދަނީ ލިބޭ ތަނަވަސް ރައްޔިތެއް ދިރިއުޅޭ ރަށަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
އަދި އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރު ކަމުގައި އެރަށް ހިއްކުމަށް ޗާޓް ކުރައްސަވާ ބަޖެޓް ހޯއްދަވައިދެއްވާފައިވާ ކަމަށާއި ނަމަވެސް އެމަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމާއެކު ތުލުސްދޫ ހިއްކުމަށް ހޯދި ފައިސާ ކުރީގެ ސަރުކާރުން އެހެން ރަށެއްގެ ބިން ހިއްކުމަށް ބޭނުންކޮށްފައިވާ ކަމަށެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ ގައުމުގެ ހާލަތު މިއަދު އޮތީ ވިސްނާ ފިކުރުކުރަންޖެހޭ ހިސާބެއްގައި ކަމުން ކޮންމެ ރައްޔިތަކުވެސް ގައުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބިވަޑައިގެންފިނަމަ ވައުދުވެވަޑައިގެންފައިވާ ގޮތަށް ދިވެހި ދައުލަތާ ރައްޔިތެއްގެ ލޯލާރިއެއްގައިވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އެއްބުރުން އިންތިހާބު ނިންމައިދިނުމަށް ގާސިމް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ