މާދަމާ ހަވީރު ފަހަކުން އަށަކަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި

މާދަމާ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު މާލޭގައި ފައިމަގުގައި އުޅޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މާދަމާ ހަވީރު 05:00 އިން ރޭ 08:00 އަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
މިނިވަން 50 އާއި ގުޅިގެން އަންނަ އަންގާރަދުވަހު ވެސް ފައިމަގުގަިއ އުޅޭގޮތައް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ. އެގޮތުން އަންގާރަ ދުވަހާއި ބުދަ ދުވަހު މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިވަން 50 އާ ގުޅިގެން ބާއްވާ ސްކައި ޑައިވްގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު މާފަންނު ސްޓޭޑިއަމްގައެވެ. އެ ހަރަކާތުގައި އައިލޭންޑް އޭވިއޭޝަންގެ މަތިންދާ ބޯޓަކުން ފުންމާލައިގެން 15 ދިވެހިން ސްޓޭޑިއަމަށް ފައިބާނެއެވެ.
ކުޅިވަރާއި ހެވިކަމުގެ ހަރަކާތްތައް މާދަމާރޭ ގަލޮޅު ދަނޑުގައި ބާއްވަން ކުރިން ހަމަޖައްސާފައި އޮތުމަށްފަހު މިހާރު އެ ހަރަކާތްތައް ވަނީ އަންނަ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފައެވެ. ހޯމް މިނިސްޓްރީން ބުނީ އެހަރަކާތްތައް ފަސްކުރީ މޫސުން ގޯސްވެދާނެ ކަމަށް ބަލާފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ