މަންދޫ ހެލްތު ޕޯސްޓުގެ ތިޖޫރީ ހޯދާ ހަ މީހަކު ހައްޔަރުކޮށްފި

އދ. މަންދޫ ހެލްތް ޕޯސްޓުގެ ތިޖޫރީ ވަގަަށް ނަގާފައިވަނިކޮށް އެ ތިޖޫރީ ހޯދައި ތިޖޫރީ ވަގަށް ނެގިކަމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކޮށްފި އެވެ.
މަންދޫ ހެލްތް ޕޯސްޓްގެ ތިޖޫރީ ވަގަށް ނަގާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރީ މިމަހުގެ 14ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:10 ހާއިރު އެވެ.
ފުލުހުން ބުނީ މައްސަލަ ހުށަހެޅުމާއެކު މަހިބަދޫ ޕޮލިސްސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން މަންދުއަށް ގޮސް ރަށުގެ ރައްޔިތުންނާ ގުޅިގެން ކުރި މަސައްކަތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 22:30 ހާއިރު އެ ތިޖޫރީ ހޯދާފައިވާ ކަމަށެވެ.
ތިޖޫރީ ފެނުނުއިރު ބޮޑެތި ގެއްލުންތަކެއް ތިޖޫރީއަށް ދީފައިވީނަމަވެސް ތިޖުރީގައި ހުރި ފައިސާއެއް އަދި އެހެން އެއްޗެއްވެސް ނަގާފައި ނުވާ ކަމަށާއި ތިޖޫރީ ފެނިފައިވަނީ ރަށުގެ އުތުރު ފަރާތު ވަލުތެރޭގައި އޮންނަ ކުނިގޮނޑު ތެރޭގައި ފޮރުވާފައި އޮއްވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
މިމައްސަލާގައި މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ހަ މީހުންގެ ތެރޭގައި ހިމެނެނީ 19 އަހަރުގެ ދެ މީހަކާއި 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހެކެވެ. ފުލުހުން ބުނީ މި އެންމެންނަކީ ވެސް ދިވެހިން ކަމަށެވެ.
ހައްޔަރުކުރި ހަ މީހުންގެ ތެރެއިން ތިން މީހަކު ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ފަސް ދުވަސް ދީފައިވާއިރު ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ދެމީހަކަށް 10 ދުވަސް ދިނުމުގެ އިތުރުން އެކަކަށް ވަނީ 15 ދުވަހުގެ މުއްދަތު މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ