ޕީޕީއެމްގެ ތެރޭގައި ޖެހިގެން އުޅެނީ އާއިލީ މައްސަލައެއް ނޫން ކަމަށާއި މި މައްސަލައަކީ ރޭވުމެއްގެ ދަށުން ކަމަށް ބުނެ، ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން، ވަނީ ބުނެފައެެވެ.
ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކަށް ރައްދުދީ ރައީސް މައުމޫން ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓީއާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަލާއިރު މިއީ ރޭވުމެއްގެ ދަށުން ހިނގަމުން އައި ކަމެއް ކަން އެނގޭ ކަމަށެވެ.
އަދި ޕީޕީއެމްގެ މައްސަލައިގައި ރައީސް ޔާމީން އެ ރޭ ވާހަކަ ދެއްކެވީ ހަގީގަތް އޮޅޭ ގޮތަށް ކަމަށާއި މިއީ އެއް އާއިލާއެއްގެ ދެ ފަރުދުންގެ ދެމެދުގައި އުފެދިގެން އުޅޭ ޒާތީ މައްސަލައެއް ނޫން ކަމަށެވެ. އަދި އަސްލު މައްސަލައަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ކަނޑައެޅިގެން ހިލާފަށް، ބައެއް މެމްބަރުންނާއި ޕާޓީގެ ބައެއް ގުނަވަންތަކުން އަމަލު ކުރުން ކަމަށް ބަޔާނުގައި ބުނެފައިވެެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސްގެ އެ ވާހަކަފުޅު އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށާއި މަސްލަހަތު ފުށުއަރާ ގޮތަށް، ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ގާނޫނު އަސާސީ އަށް އިސްލާހުތަކެއް ގެނެސްފައި ވާއިރު، އެ ކަންކަން އިސްލާހު ނުކޮށް، ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ މައްސަލައެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.
މީގެ އިތުރުން ވާހަކަދައްކައިގެން މި މައްސަލަ ހައްލުކުރަން ރައީސް ޔާމީން މަސައްކަތްކޮށްފައި ނުވާކަމަށް މައުމޫން ފެކްޝަނުން ވަނީ ތުހުމަތު ކޮށްފައެވެ.
އަދި ޕާޓީގެ އެންމެ ބާރުގަދަ ގުނަވަނަކީ ކައުންސިލް ކަމަށާއި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުން ވެސް އަމަލު ކުރަން ޖެހޭނީ ކައުންސިލްގެ ލަފައާ އިރުޝާދުގެ މަތިން ކަމަށް މައުމޫން ފެކްޝަނުން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި އިސްލާމްދީނުގެ ހަމަތަކާ ހިލާފަށް ބިލްތައް މަޖިލީހަށް ހުށަހަޅައި ޕީޖީ ގުރޫޕުގެ ތާއީދާ އެކު ފާސްކުރަމުން ދަނީ ކައުންސިލް އަދި ޕާޓީގެ ރައީސް މައުމޫންނަށް އެއްވެސް އެންގުމެއްނެތި ކަމަށް ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.
އަދި ޕީޕީއެމް ކައުންސިލް ބައްދަލުވުމެއް ނުބާއްވާ އަދި ފަހުން ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީނަށް ތާއިދުކުރައްވާ ބޭފުޅުން އެ ބައްދަލުވުން ނިމުމުގެ ކުރީން ނިކުންނެވީ ކަމަށްވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އެ މެމްބަރުން އެ ތަނުން ނުކުމެވަޑައިގަތީ މަޖުބޫރުވެގެން ކަމަށް ފަހުން ވިދާޅުވެފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ޕީޕީއެމް ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު އެ މައްސަލައިގައި، ސިވިލް ކޯޓުން ވަނީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އެ ހުކުމް ގަބޫލުނުކޮށް، މައުމޫންގެ ފެކްޝަނުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
ޕީޕީއެމްގެ މައްސަލައިގައި ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅޭ ގޮތަށް: މައުމޫން ފެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ