ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލައަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫންކަން، ޝައްކެއް ނެތް މިންވަރަށް އެނގި ޔަގީންވާކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފައެވެ.
ކާނަލް ނާޒިމް ޖަލަށް ލާފައިވާ މައްސަލާގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަޕޯޓު ހޯދުމަށް، ނާޒިމްގެ ގާނޫނީ ވަކީލުންނާއި އާއިލާ ގުޅިގެން، އިއްޔެ ސްރީލަންކާގެ ކޮލޮމްބޯގައި ވަނީ، ބައިނަލްއަގުވާމީ މީޑިއާގެ ފަރާތްތަކާއެކު ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރިޔާޒްގެ އިތުރުން، ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއްސުދާއި ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި، ނާޒިމްގެ ކޮއްކޮ އާދަމް އާޒިމާއި، ނާޒިމްގެ ދޮށީ ދަރިކަނބަލުން ވުލާ ނާޒިމްގެ އިތުރުން، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މާހިރު އައްބާސް ފާއިޒު ބައިވެރިވަޑައިގެންނެވިއެވެ.
ރިޔާޒް ވިދާޅުވިގޮތުގައި ނާޒިމްވަނީ ފްރޭމް ކުރެވިފައެވެ. އަދި އޭނާގެ މައްސަލައިގެ ތަހުގީގު މިނިވަންކަމާ އެކު ޕްރޮފެޝަނަލްކަމާ އެކު ކުރިޔަށް ދިޔަ ނަމަ، އޭނާ ހުންނާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ރިޔާޒް ވަނީ ވިދާޅުވެފައެވެ.
އަދި ނާޒިމް ދިފެންސް މިނިސްޓަރުގެ މަގާމު އަދާކުރަމުންދިޔައިރު ރައީސް ޔާމީން އެބޭފުޅާ މެދު ޝައްކުކުރައްވާ އަދި ރާއްޖޭގެ ސިރިސޭނާއަށް ނާޒިމް ވެދާނެ ކަމަށް ރައީސް ހީކުރެއްވިކަމަށް ރިޔާޒް ވިދާޅުވިއެވެ.
މައިތުރިޕާލަ ސިރިސޭނާއަކީ ސްރީލަންކާގެ ރައީސްއެވެ. އަދި ލަންކާގެ އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސަ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ދުވަސްވަރު، ރާޖަޕަކްސަގެ ސަރުކާރުގެ ހެލްތު މިނިސްޓަރެވެ. އެބޭފުޅާވަނީ ރާޖަޕަކްސައާ ދެކޮޅަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި، ރާޖަޕަކްސަ ބަލިކުރައްވާފައެވެ.
ރިޔާޒް ވިދާޅުވިގޮތުގައި ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމި ހިސާބުން، ނާޒިމަށް ރާއްޖެއިން އިންސާފު ނުލިބޭނެކަން ޔަގީންވިކަމަށެވެ.
ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައަކީ އޭނާއާ ގުޅުމެއް އޮތް އެއްޗެއް ނޫން: އަބްދުﷲ ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ