ސަރުކާރުން ކުރާ، ރައްޔިތުން ނުރުހޭ ހުރިހާ ކަމެއް އަޅުގަނޑުގެ ބޮލުގައި އަޅުވަނީ އިތުރު ގޮތެއް ނެތިގެން: މައުމޫން

މާލޭގެ ސިލްސިލާކޮށް ކުރާ މުޒާހަރާތަކަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އަޑީގައި ހުންނަވައިގެން ކުރާ މުޒާހަރާތަކެއް ކަމަށް ސަރުކާރުން ހިންގާ އެމްޑީޕީން އިއްޔެ ތުހުމަތު ކުރުމާ ގުޅިގެން، މައުމޫން އެކަމަށް ރައްދުދެއްވައި ވާހަކަފުޅު ދައްކަވައިފި އެވެ.
ތަކެތީގެ އަގު އުފުލުމާ ގުޅިގެން މާލޭގައި ކުރާ ސިލްސިލާ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ އިލްޒާމް މައުމޫންގެ އިސްތަށިފުޅުގައި އެމްޑީޕީން އެޅުވުމާ ގުޅިގެން، އިންޑިއާގައި ހުންނަވައިގެން ދިޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން މިއަދު ވިދާޅުވީ ސަރުކާރުން ކޮންމެ ކަމެއް ވެސް އެމަނިކުފާނުގެ ބޮލުގައި އަޅުވަނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ. އަދި ރައްޔިތުން ނުރުހޭ ހުރިހާ ކަމެއް ކުރަނީ ސަރުކާރުން ކަމަށާއި ސަރުކާރު ހިންގާ އެމްޑީޕީން ދައްކާ ވާހަކަތަކަކީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ.
"މިހާރުގެ ސަރުކާރުން ކޮންމެ ކަމެއް ވެސް އަޅުގަނޑުގެ ބޮލުގައި އަޅުވަނީ މިއީ އެނޫން ގޮތެއް އެމީހުންނަށް ފެންނަން ނެތީ ކަންނޭނގޭ. މުދަލުގެ އަގު ބޮޑުވީކީ އަޅުގަނޑު ކުރި ކަމަކުންނެއް ނޫން. ޑޮލަރުގެ އަގު ބޮޑުވީ އަޅުގަނޑު ކުރި ކަމަކުންނެއް ނޫން. އެތައް ހާސް މުވައްޒަފުންނެއް ކަނޑާލީކީ އަޅުގަނޑެއް ނޫން. އެތައް ބައެއްގެ މުސާރަ ކުޑަކުރީކީ އަޅުގަނޑެއް ނޫން. ރައްޔިތުން ނުރުހޭ ހުރިހައި ކަމެއް މިހާރުގެ ސަރުކާރުންކޮށްފާ ދެން އަޅުގަނޑުގެ ބޮލުގައި މިއަޅުވަނީ މުޒާހަރާ މިހިންގަނީ އަޅުގަނޑޭ،" މާލޭގައި ކުރާ މުޒާހަރާތަކަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްވަމުން ކުރީގެ ރައީސް އަދި ޑީއާރްޕީގެ ޒައީމް މައުމޫން ވިދާޅުވި އެވެ.
މާލޭގައި ކުރާ ސުލްހަވެރި މުޒާހަރާތަކުގެ ހައްލެއް ކަމަށް މައުމޫން ވިދާޅުވީ ދުނިޔެ ގަބޫލު ކުރާ ފަދަ ތަޖުރިބާ އާއި މައުލޫމާތު ހުރި ބައެއްގެ ލަފާގެ މަތިން އިގްތިސާދީ ރަގަނޅު ޕްރޮގްރާމެއް ރޭވުން ކަމަށެވެ. އޭރުން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަގަނޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭގެ އަމަން ނަގާލައި ހަމަނުޖެހުންތަކުގެ ފަހަތުގައި މައުމޫން ހުންނެވި ކަމަށް ތުހުމަތުކޮށް، ރާއްޖެއަށް މައުމޫނަށް ވަޑައިނުގެންނެވޭނެ ކަމުގެ އިންޒާރު ދެއްވައި ރީކޯ މޫސާމަނިކު ވިދާޅުވި ވާހަކަތަކަށް ރައްދުދެއްވާ އެމަނިކުފާނު ވިދާޅުވީ މާލެ އައުން މަނާކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި ވަރަށް ކެރިހެން ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
"ތި ދައްކާ ވާހަކަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭނެ. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މާލޭ ދާނަން. އަޅުގަނޑު މާލެ އައުން މަނާ ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ. އަޅުގަނޑު ކެރިގެންދާނީ އިރާދަ ކުރެއްވިއްޔާ. އަޅުގަނޑަށް ކަމެއް ނުވެސް ވާނެ... އަޅުގަނޑު އެހެން ދައްކާ ވަހަކައަކަށް ޖެހިލުމެއް ވެސް ނުވާނެ އަދި ބިރެއް ވެސް ނުގަންނާނެ،" ރީކޯ މޫސަ އަށް ރައްދު ދެއްވައި މައުމޫން ވިދާޅުވި އެވެ.
ދެހާސް ތިން ވަނަ އަހަރު މާފުށީ ޖަލުގައި ބަޑި ޖަހައި ގައިދީންތަކެއް މަރާލި މައްސަލައާ ގުޅިގެން ރާއްޖެއިން ބައިވެރިވާން ނިންމާފައިވާ މުއާހަދާތަކުގެ ދަށުން ބައިނަލް އަގުވާމީ ކޯޓެއްގައި ދައުވާ ކުރައްވާނެ ކަމަށް އެމްޑީޕީން އިއްޔެ ބޭއްވި މުޒާހަރާގައި ރީކޯ މުސާ ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ވަހަކަތަކަށް މައުމޫން އަލިއަޅުވާލާފައެއް ނުވެ އެވެ.
މާލޭ އަށް ވަޑައިނުގެންނެވޭނެ ކަމަށް މޫސަ އިންޒާރު ދެއްވާފައިވާއިރު ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބު ތެރޭގައި ސަރަނގު އާދަމް މަނިކުގެ ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ވަނީ މައުމޫނަށް މާލެ ވަޑިނުގަތުމަށް އިންޒާރު ދެއްވައި ވާހަކަފުޅު ދައްކަވާފަ އެވެ
އެފަހަރު މައުމޫނު މެލޭޝިޔާގައި ހުންނަވާފައި މާލެ ވަޑައިގަތީ ޑިސެންބަރު 31، ގައެވެ. މިވަގުތު މައުމޫން ހުންނެވީ އިންޑިޔާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ