ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭންޖެހޭ: މައުމޫން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެކަމަށް ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އުމުރުން 2 އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް، އުމުރުން ދުވަސްވީ މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫނު ވިދާޅުވީ މިއީ އެ ކަމަކީ ޤަބޫލުކުރަންވެސް ދަތި، ޖަނަވާރުންގެ އަމަލެއްކަމަށެވެ. އެހެންކަމުން މިފަދަ މީހުންނަށް ޤާނޫނީ ގޮތުން ދެވެން ހުރި އެެންމެ ހަރުކަށި އަދަބު ދޭންޖެހޭނަކަަމަށެވެ.
އުމުރުން ދުވަސްވީ ފިރިހެނަކު، 2 އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް، ފުލުހުންވެސް ވަނީ ބުނެފައެވެ.
މިކަމާގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިފަދަ ނުބައި އަމަލުކުރާ މީހުންނަކީ ޚާއްސަކޮށް އާއިލާގެ ތެރެއިން ބަޔަކުނަމަ، އެމީހުންގެ އަދަބު އިތުރަށް ބޮޑުކުރެވެން ޖެހޭކަމަށެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއްކަމަށްވެސް ޑރ ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިކަން ހިނގާފައިވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކަމަށް ހާމަކުރި ނަމަވެސް، އެއީ ކޮން ރަށެއް ކަމެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.
މިމައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، ނަމަވެސް މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ