ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާ ނުލެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް ބައެއް މީހުން ސޮއިކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ އަތޮޅު ތެރެއަށް ނިސްބަތްވާ ބޭފުޅަކު ރައީސް ކަމުގައި ހުންނެވުމުން މި ސަރުކާރު ނިމުމަކަށް ގެންނަން އެމްޑީޕީގެ އެތެރެއިންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމާ ދިމާލަށް ދަނިކޮށް އެކި ބަހަނާތައް ދައްކައިގެން ސަރުކާރު ބަދުނާމު ކުރަމުންދާ ކަމަށާއި އެކަމަކު މި ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ގަހެއްގައި އިންނަ އަނބު ބިނދެލާހެން ރައީސުލް ޖުމްހޫރިއްޔާ ވައްޓާލަން. ބަލަ އެހެނެއް އެކަމެއް ނުކުރެވޭނެ އިނގޭތޯ. އަޅުގަނޑު މިދެންނެވީ ކަށަވަރުކަމާ އެކު މޮޔަފުޅުވެގެން ތި އުޅުއްވަނީ،" ގާސިމް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅުމުން އެ ބަޖެޓަށް ވޯޓު ދޭން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ދެކޮޅު ހަދަމުންދާ ކަމަށް ވިދާޅުވެ، ގާސިމް ވިދާޅުވީ އޭގެ ބޭނުމަކީ މި ސަރުކާރަށް ވައުދުތައް ފުއްދައި ނުދެވޭ ކަމަށް ދައްކަން ކަމަށެވެ. އެކަމަކު މި ސަރުކާރުން ހުރިހާ ކަމެއް ގެންދަނީ ވަކި ތަރުތީބަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެމަނިކުފާނު ފެނިގެންދަނީ އެމަނިކުފާނު ވެވަޑައިގަތް ވައުދާ އެއްގޮތަށް އެންމެންނާ މެދު އިންސާފުވެރިކޮށް ކަންތައްތައް ކުރައްވައި، އޭރު އަނިޔާލިބުނު އެންމެން އެކަމުން ސަލާމަތްވެ، އެކަމުން މިންޖުު ކުރައްވައި، މީހުންނަށް ކަންތައްތައް ހަމަޖެހޭ ތަރުތީބަކުން ފޮތްތަކެއްގައި ލިޔެވިގެން ޝާއިއު ކުރެވިގެން މަސައްކަތްތައް ކުރެވިގެންދާތަން. ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ދެއްތޯ؟ ކީއްވެގެންތޯ ކެތް މަދުވެގެން މި ތެޅި ބާލަނީ؟" ގާސިމް ސުވާލު ކުރެއްވި އެވެ.
ކޮންމެ ސަރުކާރެއް ވެސް އަންނަނީ ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާ އެކު ކަން ފާހަގަ ކުރައްވައި، ގާސިމް ވިދާޅުވީ ވެރިކަމަށް އައުމަށް ފަހު އޭނާއަށް އެތައް އުނދަގޫތަކެއް ކޮންމެ ސަރުކާރަކުން ވެސް ކުރިމަތިކުރި ކަމަށެވެ. އޭނާ ކުރައްވަމުން ގެންދަވަނީ ގައުމުގެ ހައްގުގައި ކުރައްވާ މަސައްކަތެއް ކަމަށާއި އެކަމަކު ކުރީގެ ކޮންމެ ސަރުކާރަކު ވެސް ޖުމްހޫރީ ޕާޓީ ސަރުކާރު ކޯލިޝަނުން ބޭރުކޮށްލީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއިކުރެއްވި ޒުވާނެއްގެ ފޯމާ، އެ ޕާޓީގެ ލީޑަރު ގާސިމް ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އަޅުގަނޑުމެނެއް ނޫން ކޯލިޝަން ސަރުކާރެއް އުފެދިގެން އައިމަ ސަރުކާރާ ދިމާކުރަނީ. އެކަމަކު އެ އުފެދޭ ސަރުކާރަކުން އަޅުގަނޑުމެންނާ ދޭތެރޭ ކަންތައް ކުރާގޮތުން އެ ބޭފުޅުން އަމިއްލައަށް ކަންތައް ކުރަމުން ކުރަމުން ގޮސް އެންމެ ފަހުން ކެތް ނުވެގެން ބޭރުކޮށްލަނީ. އެ ބޭފުޅުންގެ ގައުމީ މަޖިލީހުން ނިންމާފައި ނުވަތަ ކައުންސިލުން ނިންމާފައި ބޭރުކޮށްލީ. ބޭރުކޮށްލާފައި އަދި ނިންމާލަނީއެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން މީހުން ވެސް ގެންގޮސް ޖަލަށް އަޅާ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާގެ އާއިލާ އާއި މުދަލަށް ގެއްލުން ދިނަސް، އޭނާ މިހާތަނަށް ވެސް ސިޔާސީ މަސައްކަތްތަކުގައި ދެމި ހުންނެވީ ރައްޔިތުންގެ ހައްގުގައި ކަމަށާއި އަމިއްލަ މަސްލަހަތެއް އޮތް ނަމަ، ސިޔާސީ ކަންކަމާ ދުރުވެ ހުންނަވައިގެން ފައިދާ ލިބުނީސް ކަމަށެވެ. އަދި އެކި ގޮތްގޮތުން ގައުމަށް ކުރިއެރުން އައިސް އިޖްތިމާއީ ގޮތުން އެހީތެރިވެދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކިތަންމެ މަސައްކަތެއް ކުރިޔަސް، މި ސަރުކާރު ވައްޓައެއް ނުލެވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ