މިދިޔަ އަހަރުގެ މެދު ތެރޭގައި ލ. ގަމުގައި ރަހުމު ކުޑަ ގޮތަކަށް މަރާލި، އެރަށު ތުނޑި ވްޑުލޭންޑް އަހްމަދު ނިޒާރުގެ ވާރިސުންގެ ނަންތައް ހުށަހެޅުމަށް ޖުވެނައިލް ކޯޓުން ދައުލަތުގެ މައްޗަށް މިއަދު އަންގައިފިއެވެ.
ނިޒާރުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ކުޑަކުއްޖާގެ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމަކަށް ނިޒާރުގެ ވާރިސުންގެ ނަންތައް ކޯޓަށް ހުށަހެޅުމަށް ދައުލަތަށް އަންގާފައެވެ. އެކުއްޖާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާއެކެވެ.
މިއަދުގެ އަޑުއެހުމާ ގުޅޭ ގޮތުން ވަގުތަށް މައުލޫމާތު ދެއްވަމުން އެކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ ޑޮކިއުމެންޓްރީ ހެކިތަކުން ޝަރީއަތަށް ސާބިތުކޮށްދޭން ބޭނުންވާ ކަންތައްތަކާއި އެ ހެކިތަކާ މައްސަލައާ ހުރި ގުޅުމާ ބެހޭ ގޮތުން ދައުލަތުންގެ ފަރާތުން މިއަދު ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ޑޮކިއުމެންޓްރީ ހެކިތަކާ ގުޅޭގޮތުން ވާހަކަދައްކަން އެކުއްޖާގެ ދިފާއީ ވަކީލަށް ފުރުސަތު އެރުވުމުން ތައްޔާރުވެވިފައިނުވާތީ އެކަމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަތުމުން ގާޒީ އެފުރުސަތު ދެއްވާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ގަމު ރީޖިނަލް ހޮސްޕިޓަލްގައި ނިޒާރު ބެއްލެވި ޑޮކްޓަރާއި އެ މައްސަލައިގެ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރެއްވި ފުލުސް އޮފިސަރު ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ދިފާއީ ވަކީލު އެދިވަޑައިގަތްކަމަށެވެ. އަދި އެކަމަށް ދައުލަތުގެ ފަރާތުން އިއުތިރާޒު ކުރައްވާފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މިމައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނިޒާރުގެ ވާރިސުންގެ ނަންތައް ހުށަހެޅުމަށް ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ