ލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެންނަ ނަމަ އެއީ މުސްލިމުންނާއި ދެކޮޅަށް ހިންގާ ކަންކަމަށް ތާއީދުކުރުން: މައުމޫން

ކޮވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި މަރުވަމުން އަންނަ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ ކަންކަން ހަމަޖައްސައިފިނަމަ އެއީ މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގައި ހިންގާ ކަންކަމަށް ރާއްޖެއިން ތާއިދުކުރުންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯވިޑްގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން އަޅުގަނޑުމެން ކޮށްދޭންޖެހޭނެ ކަމެއްނޫން ކަމަށެވެ. އަދި އެކަން ކޮށްދީފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާގޮތަށް ކުރެވޭ ތާއީދަކަށްކަމަށެވެ.
ރައީސް މައުމޫން ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ދީނުުގެ ރައްޔިތުން ރާއްޖެއައިސް އުފާވެރި، އަމާން ދުވަސްތަކެއް ރާއްޖޭގައި ހޭދަކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެހެން ގައުމުތަކުގައި ނިޔާވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެ ގަނައުމަކީ އެއްވެސް ގޮތަކަށް ތާއިދުކުރައްވާނެ ކަމެއް ނޫންކަމަށް އަންގާރަ ދުވަހުގެ ރޭވެސް ވިދާޅުވެފައެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު އަލީ ޒާހިރު ވަނީ ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ގައި ނިޔާވާ މީހުން ރާއްޖެ ގެނަސް، ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މިވަގުތަށް ވަރަށް މުހިންމު އަދި އެހާމެ ދަރުމައާއި ސަވާބު ހުރިކަމެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރ ވެސް ވަނީ މިކަމަށް ތާއިދުކޮށް މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮވިޑް ޖެހިގެން ނިޔާވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީއަތުގައިވާގޮތުގެ މަތިން އެގައުމުގައި ވަޅުލުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން މުސްލިމުންނަށް ދެއްވަންވާނެ ކަމަށާއި އެއީ އިންސާނީ، އަދި އަގީދާއާ ގުޅުންހުރި ދީނީ ހައްގެއް ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މުސްލިމުންނާއި އެހެނިހެންވެސް އިންސާނުންގެ އަސާސީ ހައްގުތައް ހޯދައިދޭން އެގައުމެއްގެ ގާބިލުކަންހުރި މިންވަރުން ކޮންމެ ގައުމަކުން ވެސް ވަކާލާތު ކުރަންވާނެ ކަމަށެވެ. އަދި އެއްވެސް ގޮތަކުން ހައްގު ހޯދައިދޭން ދަތިވެއްޖެ ނަމަ، މުސްލިމުންގެ ހަށިތައް އެނދިޔަ ނުދީ، އެއުރެންނަށް އެހީވުމަކީ އެންމެ ގާތުގައި އޮތް މުސްލިމު ގައުމަކުން ކުރެވިދާނެކަމެއްކަމަށް ދެކޭކަމަށް ޝަހީމް ޓްވީޓްކިރެއްވިއެވެ.
ކޮވިޑް-19 ޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވައި ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީފުޅެއްގައި ކޮވިޑް-19 ޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދުމަށް އެދުމުން މިކަމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާކުރައްވާ ކަމަށް ހާމަކުރުމުން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވަނީ އެކަމަށް ތާއިދު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ