މޫސުން ގޯސްވުމުން އިންޑިއާ މަނަވަރަށް ފުރޭ ގޮތެއް ނުވި
މޫސުން ގޯސްވެ، ކަނޑުތައް އާދަޔާ ހިލާފަށް ގަދަވުމުގެ ސަބަބުން، އިންޑިއާ ރައްޔިތުން ގޮވައިގެން ފުރި އަސްކަރީ މަނަވަރަށް ދަތުރު ނުކުރެވިގެން، އަލުން ރާއްޖޭގައި ބަނދަރުކޮށްފިއެވެ. ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންގެ ތެރެއިން 588 މީހަކު ވަނީ އިމިގްރޭޝަން ކްލިއާކޮށް މިއަދު މަނަވަރަށް އަރައިފައެވެ. ނަމަވެސް "ސަން" އަށް އެނގިފައިވާ ގޮތުގައި ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން އެ މަނަވަރަށް މިއަދު ދަތުރުކުރެވޭ ގޮތް ވަނީ ނުވެފައެވެ. އަދި މިހާރު ނިންމާފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ފުރުމަށް ކަަމަށް މައުލޫމާތު ލިބެއެވެ. ފަސިންޖަރުންނާ ކްރޫ ހިމެނޭ ގޮތަށް 750 މީހުން މިހާރު ވެސް ތިބީ މަނަވަރުގައެވެ. ރާއްޖެއަށް މިއަދު ވަރަށް ބޮޑަށް މޫސުން ގޯސްވެ، ފުރަތަމަ ފަހަރަށް ވަނީ އޮރެންޖު އެލާޓެއް ވެސް ނެރެފައެވެ. މީގެ އިތުރުން ބައެއް ހިސާބުތަކަށް ޔެލޯ އެލާޓް ނެރެ، ދަތުރުފަތުރު ނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ކޮރޯނާ ވައިރަސް އާއެކު، އެކި ގައުމުތަކުގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމުގެ ހާއްސަ، "ސަމުދުރާ ސެތޫ"ގެ ނަމުގައި އޮޕަރޭޝަނެއް އިންޑިއާ އިން ވަނީ ފަށައިފަ އެވެ. އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދާނެ އެވެ. މިދިޔަ ހުކުރު ދުވަހު ރާއްޖޭގައި ތިބި އިންޑިއާގެ 750 މީހަކު ވަނީ ގެންގޮސްފައެވެ. ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިއްބެވެ. އެނބުރި ގައުމަށް ގެންދާ މީހުންގެ ތެރެއިން އިސްކަންދެނީ މާބަނޑު މީހުންނާއި ކުޑަކުދިން އަދި ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނަށެވެ. ރާއްޖެއިން މިހާތަނަށް 1020 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 99 މީހަކު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ