ކްރިމިނަލް ކޯޓުން ލަތީފް ދޫކޮށްލުމުގައި "އެހެން ކަހަލަ" ކަންތައްތަކެއް ވަނީ ހިނގާފައި: ޕީޖީ އޮފީސް

ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ޏ. ފުވައްމުލަކު ޑެއިލީ ބުލޫ އަބުދުއްލަތީފް (ފޮޓޯ) ބަންދުން ދޫކޮށްލުމުގައި "އެހެން ކަހަލަ" ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ހައި ކޯޓުގައި މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އަބްދުއްލަތީފް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކުރުމަށް ބޭއްވި ޝަރީއަތުގައި ޝަމީމް ވިދާޅުވީ އަބުދުއްލަތީފް ބަންދުން ދޫކޮށްލުމަށް ތަފާތު އެކިގޮތްތަށް ކްރިމިނަލް ކޯޓުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އަބްދުއްލަތީފް ދޫކޮށްލުމަށް ގާނޫނާއި ގަވާއިދާ ހިލާފަށް ފުލުހުންނަށް ފޮނުވި ސިޓީގެ މައްސަލަ ޝަމީމް ފާހަގަކުރެއްވި އެވެ. އަދި އެ ސިޓީ ހައި ކޯޓުން ބާތިލުކުރުމާ އެކު ކްރިމިނަލް ކޯޓުން އިސްނަގައިގެން ޖެހިގެން އައި ދުވަހު އޭނާ ހާޒިރުކޮށް ބަލަންވާ މިންވަރަށް ނުބަލައި އަނެއްކާވެސް ބަންދުން ދޫކޮށްލާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ފުރަތަމަ ކޯޓަށް ހާޒިރުނުކޮށް ގާނޫނާ ހިލާފަށް އަބްދުއްލަތީފް ގޭ ބަންދަށް ދޫކުރުމަށް ސިޓީއަކުން ފުލުހުންނަށް އަމުރުކުރީ. ދެން އެ ބާތިލް ކުރުމުން މިކުރި ކަމަކީ ކޯޓުން އަމިއްލައަށް އިސްނަގައިގެން އޭނާ ކޯޓަށް ހާޒިރުކޮށް ބަންދުން އެއްކޮށް ދޫކޮށްލީ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން އަބުދުއްލަތީފް ބަންދުން ދޫކޮށްލުމަށް ދައްކާފައި ވަނީ ތާކުންތާކު ނުޖެހޭ ކަންތައްތަކެއް ކަމަށެވެ. އެގޮތުން މި މައްސަލައިގައި ދެން ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލާފައިވާ ކަމަށް ބުނެފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް ޝަމީމް ވިދާޅުވީ އަބުދުއްލަތީފްގެ މައްޗަށް ކުރެވިފައިވާ ތުހުމަތު އެއަށް ވުރެ މާ ސީރިއަސް ކަމަށެވެ.
ޝަމީމް ވިދާޅުވީ މި މައްސަލައިގައި އަބްދުއްލަތީފް ބަންދުން ދޫކޮށްލުމާ މެދު އޮތީ އެންމެ ސުވާލެއް ކަމަށާއި އެއީ އެއް ކިލޯގެ މަސްތުވާތަކެތި ގެންގުޅެފައިވާ މީހަކު މުޖުތަމައަށް ދޫކޮށްލުމަކީ އެންމެ ރައްކާތެރި ގޮތްތޯ ކަމަށެވެ. އޭނާ ދޫކޮށްލުމަކީ ރައްކާތެރި ކަމެއް ނޫން ކަމެއް ކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އަބުދުއްލަތީފްގެ ފަރާތުން އެފަދަ ކަމެއް ތަކުރާރުވުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި އަބްދުއްލަތީފްގެ ވަކީލު އަލީ ޝާހު ވިދާޅުވީ އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އެ ކޯޓުން ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު ވެސް އެ މައްސަލައެއް ބައްލަވާ ފަނޑިޔާރަކަށް ލިބިދީފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ. މީގެ އިތުރުން އަބްދުއްލަތީފް ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކު ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ އަބުދުއްލަތީފް ބަންދުން ދޫކޮށްލަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ހެކިބަސް ނަގާ ފަރާތްތަކުގެ ހެކިބަސް ވެސް ނަގާ މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އެކަން ދޮގުކޮށް ޝަމީމް ވިދާޅުވީ އަދި ހުރިހާ ހެކިވެރިންގެ ހެކި ބަސް ޝަރީއަތައް ނެގިފައި ނުވާ ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތުގައި ހައި ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައްބާސް ޝަރީފް މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ މައްސަލަ ދިރާސާކުރުމުގައި އިތުރު ސުވާލުތަކެއް ނުއުފެދިއްޖެ ނަމަ ދެން ބާއްވާ އަޑުއެހުމެއްގައި ހުކުމް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ