މެންބަރުކަމުން މުސްތަފާ ވަކިވެފައިވާ ކަމަށް ބުނެ އުމަރު ކުރާ ދައުވާ އަހަރަކަށް ފަހު އަލުން ފަށައިފި

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރައްވާ ކަމަށާއި އެހެންވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އޭނާ ވަކިވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އުމަރު ނަސީރު 2009 ގައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް އަހަރަކަށް ފަހު ބުރާސްފަތިދުވަހު އަލުން ފަށައިފި އެވެ.
މި މައްސަލާގައި ބުރާސްފަތިދުވަހު ޝަރީއަތް ބޭއްވީ އެންމެ ފުރަތަމަ ދައުވާ ހުށަހެޅި އިރު އިންތިގާލީ ސުޕްރީމް ކޯޓުގައި އޮތް ފަނޑިޔާރުންގެ ބެންޗް މިހާރު ބަދަލުވެފައި ވާތީ އަލުން ދައުވާ ހުށަހެޅުމަށެވެ.
އުމަރު ކުރައްވާ ދައުވާގައި ވަނީ ރާއްޖޭގައި ކުރިން ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން މުސްތަފާގެ ހިއްސާ އޮންނަ ސީފުޑް އިންޓަނޭޝަލް އިން ނެގި ލޯނުގެ ތެރެއިން އެ ބޭންކް ބަނގުރޫޓުވި އިރު ނުދައްކާ އޮތް 31،231.66 ޑޮލަރު ( 13،26.83 4،0ރ) އަކީ މުސްތަފާ ދައްކަވަން ޖެހޭ ފައިސާއެއް ކަމަށް އޮގަސްޓް ،26 1997 ގައި އޭރުގެ މަދަނީ ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައި ކޯޓްގައި އިސްތިއުނާފްކުރުމުން ވެސް ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައިވާ ކަމަށް ދައުވާގައި ބުނެ އެވެ.
ހުކުމްކުރި ފަހުން އެއިން އެއްވެސް ފައިސާއެއް ދައްކަވާފައި ނުވާނެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި މުސްތޮފާ ވިދާޅުވި އެވެ. ނަމަވެސް ކުރިން ވެސް ވިދާޅުވަމުން ގެންދެވި ފަދައިން މުސްތަފާ ވިދާޅުވީ އެއީ ކުންފުނިން ނަގާފައިވާ އޯވަ ޑްރާފްޓެއް ކަމަށާއި އެއަށް ގެރެންޓީ ދެއްވީ މުސްތަފާ ކަމަށް ދައުވާގައި ބުނި ނަމަވެސް އެފަދަ އެއްވެސް ގެރެންޓީއެއް ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ކޯޓުގެ ހުކުމުގައި އެ ފައިސާ އަކީ މުސްތަފާ ދައްކަވަން ޖެހޭ ފައިސާއެއް ކަމަށް އޮތީ އެ މައްސަލައިގެ ހުރިހާ ކަމެއްގައި ކުންފުނީގެ ފަރާތުން ކޯޓަށް ވަޑައިގަތީ މުސްތަފާ ކަމަށް ވެފައި، އެ ދުވަސްވަރު ކުންފުނިތަކުގެ މައްޗަށް ކުރާ ހުކުމްތަކުގައި ޑިރެކްޓަރުންގެ ނަން ހިމަނާތީ ކަމަށެވެ.
ނަމަވެސް އުމަރުގެ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ކުންފުނީގައި އެހެން ޑައިރެކްޓަރުން ތިބިއިރު މުސްތަފާގެ ނަން އޮތީ ވަކި ސަބަބެއް އޮވެގެން ކަމަށެވެ.
މުސްތަފާ ވިދާޅުވީ އޭނާގެ ދަރަންޏެއް ނެތް ކަމަށް ބީސީސީއައިގެ ބެލެނިވެރިކަން ލިބުނު މަނިޓަރީ އޮތޯރިޓީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައި ވަނީ، އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އެމީހަކު ވަކިވާނެ ކަމަށެވެ. މެންބަރެއްގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ހިޔާލު ތަފާތުވެއްޖެ ހިނދެއްގައި އެ މައްސަލަ ބަލައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ