ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތަކީ އަޅުގަނޑު ކުރިއަށް ގެންދިޔަ ސިޔާސަތެއް: މައުމޫން

ގާނޫނު އަސާސީންނާއި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ރައްޔިތުންނަށް ފައިދާކުރާނެ ގޮތަކަށް ބޭނުންކުރެއްވުމަށް، އިއްޔެ މަގާމުގެ ހުވާކުރެއްވި ކައުންސިލަރުންނަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފި އެވެ.
ކައުންސިލްތަކުގެ ހުވާކުރެއްވި މެމްބަރުންނަށް މަރުހަބާ ދަންނަވައި މައުމޫން އިއްޔެ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، ކައުންސިލަރުންގެ ޒިންމާ ފުރިހަމަ އަށް އަދާކުރެއްވުމުގައި ރަށާއި އަތޮޅު އަދި ސިޓީގެ މަސްލަހަތަށް އިސްކަންދެއްވައި ހަމަޔާއި އިންސާފަށް ކައުންސިލްތަކުގެ މެމްބަރުން ލޯބިކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"...ހުވާކުރެއްވުމާ އެކު ތިޔަ ހަވާލުވެވަޑައިގަންނަވާ މަގާމަކީ ދިވެހި ރައްޔިތުން ވަރަށް ވަރުގަދަ އިތުބާރާއެކު ތިޔަ ބޭފުޅުންނާ ހަވާލުކުރާ މަގާމެކެވެ. އެ ކަން ތިޔަ ހުރިހާ ބޭފުޅުން ވެސް ގަބޫލުފުޅުކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ،" މައުމޫން ވިދާޅުވި އެވެ.
އެ ބަޔާނުގައި މައުމޫން ވިދާޅުވެފައިވަނީ، ލާމަރުކަޒީ އުސޫލް ހިންގުން އިއްޔެ ފެށިފައިވީ ނަމަވެސް، އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަން ކަނޑައަޅައި ގާނޫނު އަސާސީ ފާސްކޮށް ހިންގަން ފަށާފައިވަނީ އެ މަނިކުފާނުގެ ދައުރުގައި، މީގެ ދެ އަހަރާއި ހަ މަސް ކުރިން ކަމަށެވެ. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ،2009 ޖުލައިގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަންޖެހެ އެވެ. ނަމަވެސް އެކަން ނުކުރެވުނީ ކޮންމެވެސް ބައެއްގެ އިހުމާލުން ކަމަށް ވެސް އެ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
"މިއަދު އަޅުގަނޑުމެން ހަނދާންކޮށްލަންޖެހޭ ހަގީގަތަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް މި އަންނަ ބަދަލަކީ ހަމަ އެންމެ ދުވަހަކުން އައި ބަދަލެއް ނޫން ކަމެވެ. 1978 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާ އަޅުގަނޑު ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ އަތޮޅުތަކާ ބެހޭ ގޮތުން ހަމަޖެއްސި ކަންތައްތަކުގެ ތެރޭގައި ރަށްރަށުގައި ރަށް ކުރިއަރުވާ ކޮމެޓީ އުފެއްދުން ތައާރަފްކުރުން ހިމެނެ އެވެ،" 30 އަހަރު ރާއްޖޭގެ ވެރިކަންކުރެއްވި މައުމޫން ވިދާޅުވި އެވެ.
އޭގެ އިތުރަށް ކޮންމެ ރަށެއްގައި އަންހެނުންގެ ކޮމެޓީއެއް އުފައްދައި އެ ކޮމެޓީތަކުގެ އިހްތިޔާރުތަކުގެ ތެރޭގައި ރަށްރަށުގެ މީހުން ދިރިއުޅުމަށް ގޯތި ދިނުމާއި މަގު ހެދުމާއި ރަށުގެ ތަންތަން ކުއްޔަށްދިނުން ފަދަ އެތައް ކަމެއްކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދޫކުރާ ލޯނާއި އެ ނޫން ވެސް މާލީ ވަސީލަތްތައް ހޯދައިގެން، ރަށުގެ އިންޖީނުގެތަކާއި ބޭސްފިހާރަތަކާއި ސައި ހޮޓާތައް ފަދަ ތަންތަން ހިންގައިގެން ރައްޔިތުންނަށް ފައިދާހުރި ކަންކަން ވެސް އެ ކޮމިޓީތަކުން ކުރާ ގޮތަށް ހަމަޖެއްސި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އަޅުގަނޑު މި ވާހަކަތައް ދަންނަވާލުމުގެ ބޭނުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތަކީ މީގެ އެތަކެއް އަހަރު ކުރީއްސުރެ، އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުރެގެން ފައްޓަވާފައިވާ ސިޔާސަތެއްކަން ހާމަކޮށްލުމެވެ،" ޒައީމުގެ މޭޒުން ނެރުއްވި ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ