ނާޒިމްގެ މައްސަލަ މުރާޖާކޮށްދިނުމަށް ޕީޖީ ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވަން ޖެހޭނެ – ވަކީލް

އެގާރަ އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލަ ފެނުނު މައްސަލާގައި ފުލުހުން ތައްޔާރުކޮށްފައިވާ ފޮރެންސިކް ރިޕޯޓަށް ރިއާޔަތްކޮށް މައްސަލަ މުރާޖާކޮށްދިނުމަށް ނާޒިމްގެ ފަރާތުން ޕްރޮސެކިޔުޓަރ ޖެނަރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.
އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުއްވުމަށްފަހު، ނޫސްވެރިންނާއި ބައްދަލުކުރެއްވަމުން ކާނަލް ނާޒިމްގެ ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ ކާނަލް ނާޒިމްއަށް ވަނީ އިންސާފު ނުލިބިފައި ކަމަށާއި، އެ އިންސާފު ނުލިބިދާ ކޮންމެ ދުވަހަކީ އެކަމުގެ ޒިންމާ ޕީޖީ އާއި އަދި ޕީޖީގެ ދަށުން މަސައްކަތް ކުރައްވާ ފަރާތްތަކުން ނަގަން ޖެހޭކަމެއް ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ ސީދާ ފުލުހުންގެ ރިޕޯޓްތަކުން ކާނަލް ނާޒިމްގެ އެޕާޜޓްމެންޓް އިން ފެނުނު ފިސްތޯލާއިގެ ދަބަހުގެ ތެރެއިން އެހެން މީހެއްގެ އިނގިލީގެ ނިޝާން އަދި އެ ފިސްތޯލައިން ނެގުނު ޑީއެންއޭ އިން އެހެންމީހެއްގެ ޑީއެންއޭ ނެގިފައިވާކަަމަށެވެ.
"ކޮންމެ ގޮތަކަށް މައްސަލަ ނިމިފަ އޮތްކަމުގައި ވިޔަސް ފަހުން މި ލިބުނި ހެކިތަކުން އެބައިނގޭ ގެއިން ފެނުނު ކަމަށް ބުނާ ފިސްތޯލައަކީ ކާނަލަ ނާޒިމްގެ އެއްެޗެއް ނޫންކަން" އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ އެ ފިސްތޯލައަކީ ނާޒިމްގެ ފިސްތޯލައެއް ނޫންކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުން ސުޕްރީމް ކޯޓުގައި ޕީޖީ އިން މި މައްސަލަ ރިވިިއުކޮށްދޭން އެދިވަޑައިގަންނަވަން ޖެހޭނެކަމަށެވެ.
"ކާނަލް ނާޒިމްއަށް އިންސާފު ހޯދައި ދިނުަމަށްޓަކައި ޕްރެސެކިޔުޓަރ ޖެނެރަލްގެ ޒިންމާއެއް އޮތްކަަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެއީ ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވަން ޖެހޭނެ އެ މައްސަލަ އަލުން ރިވިއުކޮށްދޭން. އަދި މިހާރުން މިހާރަށް ކާނަލް ނާޒިމް ދޫކޮށްލައްވަން." އަލީ ހުސެއިން ވިދާޅުވިއެވެ.
"ޕީޖީވެސް ގަބޫލުކުރައްވަން ޖެހޭ ހަގީގަތަކީ ޔާމީން ސަރުކާރު އަބަދު ދެމި ނޯންނާނެކަން. ޔާމީން ސަރުކާރު ނިމޭ ދުވަސް ކައިރިވާކަން. އެދުވަހަކުން މި ބޭފުޅުން ގާނޫނާ ހިލާފަށް ހާދަފަ ހުރި ހުރިހާ ބޭފުޅުންނާއި ދޭތެރޭ އަޅުގަނޑުމެން ދައުވާ ކުރާނަން. އެހެންވީމަ އަަަޅުގަނޑުމެން މި އަންގަނީ އެބޭފުޅުންނަށް މިހާރުން މިހާރަށް ގާނޫނީ އިމުގެ ތެރެއަށް ވަދެ، ގާނޫނީ ޒިންމާ އަދާކުރަމަަށް" ކާނަލް ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ފަރާތުން ޕްރެސެކިޔުޓަރ ޖެނެރަލް އާއިޝަތު ބިސާމްއަށް ފޮނުވި ސިޓީގައި ވަނީ އެ މައްސަލާގައި ވާޤިޢާތަކާއި ހަގީގަތްތައް ބަދަލުނުވެ މިހާރުވެސް އެގޮތުގެ މަތީގައި ހުރިކަން ޕީޖީއަށްވެސް އެނގޭނެކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި ފިގްހަށް ބަލާއިރު އެފަދަ މައްސަލަތަކަކީ އެކަށީގެންވާ ޝައްކުތައް ފިލުވައި އެ މައްސަލަތަކުގައި ނިޔާ ކަނޑައެޅެންޖެހޭ  މައްސަލަތަކެއް ކަމަށެވެ.
"ކަންމިހެން ހުރިއިރު އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގައި އަޅުގަނޑުގެ އިނގިލީގެ ނިޝާން، ހަތިޔާރުން ފެނުނު ނިޝާނާއި ދިމާވެފައި ނުވުމާއި، އަދި ހަމަ އެއިން ފެނުނު ޑީއެންއޭ އަޅުގަނޑައި ދިމާވެފައި ނެތުމަކީ އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް އަޅުގަނޑުގެ ކުރިކަމަކާއިމެދު އެކަށީގެންވާ ޝައްކުތަކެެއް އުފެދި އަދި އެކަމުގެ މައްޗަށް ރިއާޔަތް ކޮށްފަިނަމަ ތުހުމަތު ކުރެވުނު ކުށުން އަޅުގަނޑު ބަރީއަވާނެ ފަދަ ކަންތައްތަކެކެވެ." ނާޒިމްގެ ފަރާތުން ޕީޖީއަށް ފޮނިވި ސިޓީގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ