ފަތުހުﷲ: ޚާރިޖީ ދާއިރާގެ ހަމައެކަނި "ވަޒީރު"

"ޚާރިޖީ ދާއިރާގައި އުޅޭ މީހުން ނުވަތަ އުޅުނު މީހުންގެ ތެރޭގައި ވަޒީރު، މި ހުންނަވަނީ އެންމެ ބޭފުޅެއް. އެއީ އަލްއުސްތާޒް ފަތުހުﷲ ޖަމީލް. ދެން އެ މަގާމަށް އަންނަ ހުރިހާ އެންމެންނަކީ ވެސް މިނިސްޓަރުން. އެހެންވީމާ މައާފްކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އެ މަގާމު، ވަޒީރު އެއީ، އަޅުގަނޑުމެންގެ ތެރޭގައި ހަމައެކަނި އަލްއުސްތާޒް ފަތުހުﷲ ޖަމީލަށް އަޅުގަނޑުމެންގެ ހިތްތަކުގައި ޚާއްސަކުރެވިފައި އޮންނަ މަގާމެއް."
މިއީ، ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަލްމަރްހޫމް އަލްއުސްތާޒް ފަތުހުﷲ ޖަމީލުގެ ހަނދާން އައުކުރުމުގެ ގޮތުން، ސަރުކާރުން ރޭ ބޭއްވި ތައުބީންގެ ޖަލްސާގައި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅެއްގެ ހައިސިއްޔަތުން ފަތުހުﷲގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި ބަސްފުޅެކެވެ. ޝާހިދު އެ ބަޔާންކޮށްދެއްވީ، ފަތުހުﷲ އަށް ނިސްބަތްކުރައްވައި "ވަޒީރު"އޭ ވިދާޅުވާ ކޮންމެ ފަހަރަކު، އެ ޖަލްސާގައި ތިއްބެވި ޚާރިޖީ ދާއިރާގެ ބޭފުޅުންގެ މޫނުފުޅުމަތިން ފާޅުވަމުން ދިޔަ ހިނިތުންވުމުގެ ތަފްސީލެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ފޮރިން މިނިސްޓަރުގެ މަގާމުގައި ފަތުހުﷲ ހޭދަކުރެއްވި 27 އަހަރުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ހުރިހާ ބޭފުޅުންނާއި ބޭރު ގައުމުތަކުގައި ހުންނަ ދިވެހި މިޝަންތަކުގައި ފަތުހުﷲ މަޝްހޫރުވެވަޑައިގެންފައި ވަނީ "ވަޒީރު"ގެ ނަންފުޅުންނެވެ.
ފަތުހުﷲގެ އަރިހުގައި ފޮރިން މިނިސްޓްރީގައި ހޭދަކުރެއްވި ދުވަސްވަރުގެ ހަނދާން އައުކުރައްވަމުން ޝާހިދު ވިދާޅުވީ ފަތުހުﷲ ޖަމީލަކީ ރާއްޖެ މި ފަހަކަށް އައިސް ދުށް އެންމެ ވަރުގަދަ މުހައްނިކު އަދި އެންމެ ވަރުގަދަ ޑިޕްލޮމޭޓް ކަމަށެވެ. އަދި ފަތުހުﷲ އަކީ ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ ހުނަރުވެރިއެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ފަތުހުﷲ ޖަމީލަކީ އިލްމުވެރިއެއް، ޅެންވެރިއެއް، މިޔުޒީޝަނެއް، އާކިޓެކްޓެއް، ކުރެހުންތެރިއެއް، އަދި ގިނަ ބައެއްގެ ތެރޭގައި މަގުބޫލު ސަމާސާ މިޒާޖްގެ އެކުވެރިއެއް." ޝާހިދު ވިދާޅުވި އެވެ.
އިނގިރޭސި ރާނީ ރާއްޖެ ވަޑައިގެންނެވި ފަހަރު މިހާރުގެ އިސްލާމީ މަރުކަޒު ކައިރީގައި އޭރު ހުރި ބޮޑުގަޑީގައި ބަހައްޓާފައި ހުރި ރާނީގެ ފޮޓޯފުޅު ކުރެއްސެވުމުގައި ވެސް ފަތުހުﷲ ބައިވެރިވެވަޑައިގެންނެވި ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ފަތުހުﷲ އަކީ އެ މަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތެއްގައި ސާބިތުކަމާ އެކު ހިފަހައްޓަވާ އަދި އަމާނާތްތެރިކަމާ އެކު ގައުމީ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ފަތުހުﷲގެ ޒިކުރާ އާކުރަނީ އިޚްލާސްތެރި ތެދުވެރި ދިވެހި ދަރިއެއްގެ ގޮތުގައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ފަތުހުﷲގެ ޒިކުރާ އާކުރައްވަނީ "ކަންތައްތައް ނުހަނު ބޮޑުވެގެންދާ ވަގުތު ވެސް ހާލަތްތަކުގައި ވެސް ސަމާސާ މިޒާޖެއްގައި ހައްލު ހޯއްދަވާދެއްވާ ބޭފުޅެއްގެ ގޮތުގައި. އަދި ޚާރިޖިއްޔާގެ އެންމެ އަގުހުރި އުސްތާޒްގެ ގޮތުގަ" އެވެ.
ޚާރިޖިއްޔާގެ ދާއިރާ އިން ފަތުހުﷲގެ ޚިދުމަތްތަކުގެ އެންމެ އުސް ކުރިބޯއްޓެއްގެ ގޮތުގައި ފާހަގަވެގެންދަނީ، ޑިޕްލޮމޭޓުން އުފެއްދެވުމަށް ފަތުހުﷲ ކުރެއްވި މަސައްކަތްޕުޅު ކަން ޝާހިދު ފާހަގަކުރެއްވި އެވެ. އެ ގޮތުން 1983 ގައި ފޮރިން މިނިސްޓްރީގައި ތިއްބެވީ ވަޒީރުގެ އިތުރުން ޑިގްރީ ނަންގަވައިގެން ތިއްބެވި އެންމެ ދެ ބޭފުޅުން ކަމަށާއި ނަމަވެސް 2007 ވަނަ އަހަރު އެ ވުޒާރާގައި ގިނައީ ޑިގްރީ ނަންގަވައިގެން ތިއްބެވި ބޭފުޅުން ކަން ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ޚާރިޖިއްޔާގެ ދާއިރާގެ ތެރޭގައި މިއަދު ކުރެވޭ އެންމެ ބޮޑު އުންމީދަކީ ފަތުހުﷲގެ ބެއްލެވުމުގެ ދަށުން ބިނާކުރައްވަން ފެއްޓެވި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކޯ އުފެދިގެން ދިއުމަށެވެ. އޭރު އެ މަސައްކަތް ފެށުނީ ވަރަށް ކުޑަ ގޮތަކަށް ކަމުގައި ވިޔަސް، މިއަދު އެ މަސައްކަތުގެ ނަތީޖާ އިން ގިނަ އަދަދެއްގެ ޒުވާން ޑިޕްލޮމޭޓުން އެބަތިއްބެވި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ގާނޫނީ އޮނިގަނޑެއްގެ ތެރޭގައި ޚާރިޖިއްޔާގެ މަސައްކަތްތައް ބައްޓަންވެގެން ދިއުމަކީ ފަތުހުﷲ ކުރެއްވި ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެ ގޮތުން ޚާރިޖިއްޔާއާ ގުޅޭ ގާނޫނެއްގެ ދެލިކޮޕީއެއް ފަތުހުﷲގެ ދުވަސްވަރު އެކުލަވައިލަން ފެށުނު ކަން ޝާހިދު ފާހަގަކުރެއްވި އެވެ. ޝާހިދު ވިދާޅުވި ގޮތުގައި ފިނި ހަނގުރާމައިގެ "އެންމެ ފިނި" ދުވަސްވަރު ވެސް ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެ ވަކި އަތަކަށް ޖެހުނަ ނުދީ ދިވެހި ދިދަ އެއްތެދަށް ހިފަހައްޓާލަދެއްވި ބޭފުޅަކީ ފަތުހުﷲ އެވެ.
"ފިނި ހަނގުރާމައިގެ އޮއިވަރުގައި ނުޖެހި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް ބުރުލެއް ނާރައި ކުރިއަށް ދެވޭނެ ގޮތަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށްދެއްވި ވަޒީރު. ހައްގުގެ ބަސް ބުނުމުގައި ފަސްޖެހިވަޑައިނުގަންނަވާ ލީޑަރެއް،" ޝާހިދު ވިދާޅުވި އެވެ.
އެ ގޮތުން އިރާގުން ކުވައިތު ހިފި ހާދިސާއާ ގުޅިގެން، އަރަބި-އިސްލާމީ ގައުމުތަކުން ވަކި އެއްޗެއް ބުނަން ނުކެރި ތިއްބާ، އެ ދުވަހު ވެސް ހައްގުގެ ބަސް އެންމެ ފުރަތަމަ ވިދާޅުވި ބޭފުޅަކީ ވެސް ފަތުހުﷲ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ފަތުހުﷲ އެ ދުވަހު އަޅުގަނޑު ކައިރީ ވިދާޅުވި، މިއީ އެހާ އުނދަގޫ ކަމެއް ނޫނޭ. ކަނޑައެޅިގެން ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް އދ.ގެ ޗާޓަރާ ޚިލާފަށް މިފަދަ ކަމެއް ކިތަންމެ ބާރުގަދަ ކިތަންމެ މުއްސަނދި ގައުމަކުން ކުރި ނަމަވެސް، އެ ކަމެއް ކުށްވެރި ކުރަންޖެހޭނެޔޭ. އެންމެ ފުރަތަމަ އިސްލާމީ ގައުމަކަށް، މި ކަމުގައި ބަޔާނެއް ނެރުނީ އަދި އެ ޖަލްސާގައި ބަހެއް ވިދާޅުވި ބޭފުޅަކީ އަލްއުސްތާޒް ފަތުހުﷲ ޖަމީލް،" އިރާގުން ކުވައިތު ހިފި އިރު، މިސްރުގެ ވެރިރަށް ގާހިރާގައި އޮތް އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ތެރޭގައި ކަން ހިނގައި ދިޔަ ގޮތް ޝާހިދު ވިދާޅުވެދެއްވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ފަތުހުﷲ ޖަމީލަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ އިތުރުން ބައިނަލްއަގުވާމީ ޚާރިޖީ މައިދާނުގައި ވެސް ވަރަށް މަޖާ އަދި ބައިނަލްއަގުވާމީ ޑިޕްލޮމޭޓުން އެ ބޭފުޅަކަށްޓަކައި އިންތިޒާރުކުރައްވާ ބޭފުޅެކެވެ. އެ ގޮތުން ކޮންމެ އަހަރަކު ސެޕްޓެމްބަރު މަހުގެ ތެރޭގައި އދ.ގެ ބައްދަލުވުމަށް ފަތުހުﷲ ކުރައްވާ ޒިޔާރަތަށް އެހެން ގައުމުތަކުގެ ޚަރިޖީ ވަޒީރުން ވަރަށް އުންމީދީ ގޮތެއްގައި އިންތިޒާރުކުރައްވަނީ ފަތުހުﷲގެ މިޒާޖުފުޅުގައި ހުންނަ މަޖާ އަދި މީހުންނާ ގުޅޭ ސިފަތަކުގެ ސަބަބުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"އެއީ އދ. މަޖިލީހުގެ ޑެލިގޭޓްސް ލައުންޖްގައި ފަތުހުﷲއާ ބައްދަލުވެ ވަޑައިގަތީމާ، އެ ދައްކަވާލައްވާ މަޖާ ވާހަކަފުޅުތައް، ސިޔާސީ ގޮތުން އެއް ގައުމު އަނެއް ގައުމާ ގުޅިގެންދާން އެ ލިބޭ ފުރުސަތު އެއީ ގައުމުތަކުގެ ޚަރިޖީ ވަޒީރުން ވަރަށް އުންމީދުކުރައްވާ ވަގުތުކޮޅެއް،" ފަތުހުﷲއާ އެކު އދ. މަޖިލީހަށް ކުރެއްވި ދަތުރުފުޅުތަކުގެ ހަނދާން އައުކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އދ.ގެ ތެރޭގައި ނެރޭ މަޖައްލާއެއްގައި ވެސް، ފަތުހުﷲގެ ހަނދާން އައުކުރަމުން އެ މަނިކުފާނުގެ މަޖާ މިޒާޖުފުޅު ފާހަގަކުރައްވައި، އދ.ގެ ތެރޭގައި ފަތުހުﷲ ވިދާޅުވެފައިވާ ޖޯކެއް ހިމަނާފައިވާ ކަމަށެވެ. ރޭގެ ޖަލްސާގައި ޝާހިދު ތަފްސީލް ނުދެއްވި ނަމަވެސް ފަތުހުﷲ އދ.ގައި ވިދާޅުވި އެ ޖޯކްގައިވަނީ މިހެންނެވެ؛
" 1980ގެ މެދުތެރޭގެ އަހަރެއްގައި ލީބިޔާގެ ލީޑަރު ގައްޒާފީ ޗައިނާ އަށް ކުރެއްވި ދަތުރުފުޅެއްގައި، ލީބިޔާ އާއި ޗައިނާ އެއްކޮށްލުމުގެ ޚިޔާލުފުޅެއް، ޗައިނާގެ ލީޑަރު ޑެންގް ޒިއާއޮޕިންގް އަށް އެރުވި އެވެ. ނުވަ ސަތޭކަ މިލިއަނަށް ވުރެ ބޮޑު އާބާދީއެއްގެ މައްޗަށް ވެރިކަންކުރައްވަމުން ވަޑައިގެންނެވި ޗައިނާގެ އެންމެ އިސް ލީޑަރު ހިނދުކޮޅަކަށް ވިސްނަވާލައްވާފައި، ލީބިޔާއަކީ ކިހާ ބޮޑު ގައުމެއްތޯ ގައްޒާފީއާ ސުވާލުކުރެއްވި އެވެ. ގައްޒާފީ ދެންނެވީ ގާތްގަނޑަކަށް ތިން މިލިއަން މީހުން ކަމަށެވެ. އެ ވަގުތު ޑެންގް، ގައްޒާފީގެ ގައިކޮޅުގައި ބައްދަވާލައްވާފައި ގައްޒާފީ އަށް ވިދާޅުވި އެވެ؛ ދެން ޗައިނާ އަށް ވަޑައިގަންނަވާ ފަހަރަކުން އެ މީހުން ވެސް ގޮވައިގެން ވަޑައިގަންނަވަންވީ ނޫންތޯ އެވެ،" ފަތުހުﷲ މި ޖޯކް ވިދާޅުވުމުން އެ ވަގުތު އެ ތަނުގައި ތިއްބެވި ހުރިހާ ޑިޕްލޮމޭޓުން ހިނގަނޑު ފަޅައިގެން ދިޔަ ކަމަށް، އދ.ގެ ޖާނަލިސްޓް ތާލިފް ދީން، ލިޔުއްވާފައިވެ އެވެ.
ޝާހިދު ވިދާޅުވީ ފަތުހުﷲ އދ. އަށް ކުރައްވާ ޒިޔާރަތަކީ އދ.ގައި ހުންނަ ދިވެހި މިޝަނަށް ވެސް ވަރަށް މުހިންމު ޒިޔާރަތެއް ކަމަށެވެ. އެ ގޮތުން ކޮންމެ ދަތުރުފުޅެއްގައި ވެސް، ފަތުހުﷲ ކޮންމެވެސް އެއް ރެއަކު، އަމިއްލަފުޅަށް ހުރިހާ ކަމެއް ކުރައްވައިގެން މިޝަންގައި ކައްކަވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ފަތުހުﷲގެ ހިތްޕުޅު ހެޔޮ ކަމުގެ އެންމެ ބޮޑު ހެއްކަކީ، އެ މަނިކުފާނާ ބައްދަލުކުރަން ބޭނުންވި އެއްވެސް މުވައްޒަފަކަށް އެ ދޮރު އަބަދު ވެސް ތަނަވަސްކަމާ އެކު ހުޅުވިފައި ހުރުމެވެ. އެ ގޮތުން ފޮރިން މިނިސްޓްރީގައި ވެސް އަދި ބޭރުގެ މިޝަންތަކުގައި ވެސް ކޮންމެ މުވައްޒަފަކަށް ވެސް ފަތުހުﷲ އާ ބައްދަލުކުރެއްވުން ވަރަށް ފަސޭހަވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މިހާރު ފޮރިން މިނިސްޓްރީ ހިންގަމުން އަންނަ، ރިޔާތަކެއްގެ ބައްޓަމަށް ހުރި އިމާރާތަކީ ވެސް ފަތުހުﷲގެ ކުރެއްސެވުމެއްގެ މައްޗަށް ބިނާކުރައްވާފައިވާ ތަނެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެ އިމާރާތް ބިނާކުރެއްވުމަށްޓަކައި ޗައިނާ ސަރުކާރުގެ ހިލޭ އެހީ ހޯއްދަވައި އެ މަސައްކަތް ފެއްޓެވީ ވެސް ފަތުހުﷲ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޚާރިޖިއްޔާ މި ހުރި އިމާރާތުގެ އެ ރަމްޒުކޮށްދޭ ރިޔާތަކުގައި ވައި އަޅައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއަށްދާ ކޮންމެ ދިއުމެއްގައި އެ ރިޔަލުން ގޮވާނެ އަޑަކީ އަލްއުސްތާޒް ފަތުހުﷲ ޖަމީލްގެ ނަންފުޅޭ. އަދި ހަމަ އެއާ އެކު އެއް ނަމަކުން އެ އިމާރާތަށް ސިފަކޮށް މީހަކު އެއްޗެއް ބުނަން ބޭނުން ނަމަ ބުނެވޭނީ ވެސް އަލްއުސްތާޒް ފަތުހުﷲ ޖަމީލްގެ ނަންފުޅޭ،" ފޮރިން މިނިސްޓްރީގެ އިމާރާތުން ވެސް ފަތުހުﷲގެ ހަނދާންތައް ދިރުވައިދޭނެ ކަން ހާމަކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ