ތައުލީމަށް ގާސިމް ކޮށްދެއްވި ޚިދުމަތްތަކަށް ބައިނަލްއަގުވާމީ އެވޯޑެއް

ރާއްޖޭގެ ތައުލީމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ވިލާ ފައުންޑޭޝަންގެ ޗެއާމަން ގާސިމް އިބްރާހިމަށް ބައިނަލްއަގުވާމީ އެވޯޑެއް މިރޭ އަރުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަކުން ބައިވެރިވާ ވޯލްޑް އެޑިއުކޭޝަން ކޮންގްރެސް އިން ދޭ ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ގާސިމަށް އަރުވަނީ، ސްކޫލުތަކަށް ޓީޗަރުން ހޯއްދެވުމަށާއި ކޮލެޖާއި ސްކޫލުތައް އަޅުއްވައި، ގިނަ އަދަދެއްގެ ކުދިން، މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖޭން ބޭރަށް ފޮނުއްވާފައި ވާތީ އޭގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ވޯލްޑް އެޑިއުކޭޝަން ކޮންގްރެސް އަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތައުލީމަށާއި އިޖްތިމާއީ ކަންކަމަށް ހިދުމަތް ކޮށްދޭ ފަރާތްތައް ފާހަގަކުރާ ޖަމިއްޔާއެކެވެ.
ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހުމަދު އަންވަރު މިއަދު ވިދާޅުވީ ތައުލީމީ ގޮތުން ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑް ދިނުމަށް ވޯލްޑް އެޑިއުކޭޝަން ކޮންގްރެސް އިން ޖޫން 29 ގައި އިންޑިއާގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި ކަމަށެވެ. ނަމަވެސް އެ ރަސްމިއްޔާތަށް ގާސިމަށް ވަޑައިގެންނެވޭ ގޮތް ނުވުމުން، މިރޭ ނަސަންދުރަ ޕެލަސް ހޮޓަލުގައި އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ހަމަޖެއްސެވީ ކަމަށް ޑރ. އަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯލްޑް އެޑިއުކޭޝަން ކޮންގްރެސްގެ ވަކި ގޮތްޕެއް ރާއްޖޭގައި ނެތް ނަމަވެސް، އެވޯޑަށް ގާސިމްގެ ނަން ހުށަހަޅާފައި ވަނީ، ސްރީ ލަންކާއާ ގުޅިގެން އެ ގައުމުގައި ހުންނަ ކޮންގްރެސްގެ ގޮތްޕަށް ކަމަށެވެ. އަދި އެ އެވޯޑަށް ގާސިމް ހޮވި ވަޑައިގެންފައިވަނީ 500 އަށް ވުރެ ގިނަ ޔުނިވަސިޓީތަކުގެ ވައިސް ޗާންސެލަރުން އޭނާގެ މައުލޫމާތު ސްކްރީން ކުރައްވައި، އެކަމަށް ލަފާދެއްވުމުން ކަމަށް ވެސް ޑރ. އަންވަރު ވިދާޅުވި އެވެ.
ކޮންގްރެސްގެ އެވޯޑެއް ޑރ. އަންވަރަށް ވެސް ވަނީ ލިބިވަޑައިގެންފަ އެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ ސްކޫލުތައް ހިންގެވުމާއި، ކިޔަވައިދެއްވުމަށް ކުރައްވާފައިވާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ، އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން ޓު އެޑިކޭޝަން އެވޯޑެވެ.
ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ގާސިމަށް އެރުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި ވޯލްޑް އެޑިޔުކޭޝަން ކޮންގްރެސްގެ ފައުންޑާ މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ