ޝަރުއީ ދާއިރާގެ އިތުބާރު ވަރުގަދަކުރަން މަސައްކަތް ކުރާނަން: ހަމްޒާ

ޝަރުއީ ދާއިރާ އަށް ވަރަށް ގިނަ އިސްލާހުތައް ގެންނަންޖެހޭ ކަމަށާއި އެކަން ކޮށް، ޝަރުއީ ދާއިރާގެ އިތުބާރު ވަރުގަދަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ކަނޑައެޅި ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ހަމްޒާ ވިދާޅުވެއްޖެ އެވެ.
"ހަވީރާ" ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަށް އިސްލާހު ގެނައުމަކީ ގިނަ ބައެއްގެ އުއްމީދެއް ކަމަށާއި އެ އުއްމީދު ހާސިލް ކޮށްދިނުމަށް މަސައްކަތް ކުރައްވާނަން ކަމަށެވެ.
"އަޅުގަނޑުމެން އެމްޑީޕީ އަކީ ޖުޑިޝަރީއާ ދެކޮޅު ބައެއް ނޫން. އަޅުގަނޑުމެން އެދެނީ ރައްޔިތުން އެދޭ ގޮތަށް [ޖުޑިޝަރީ އަށް] އިސްލާހުތައް ގެންނަން،" ހަމްޒާ ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މައިގަނޑު ތިން ކަމަކަށް އަމާޒުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ މައްޗަށް އިތުބާރު އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ޖޭއެސްސީގެ އިދާރީ ހިންގުމަށް ބަދަލުތައް ގެނައުމާއި ޝަރުއީ ދާއިރާގައި ތިއްބެވި ގާބިލް ފަނޑިޔާރުންގެ ފެންވަރު މަތިކުރަން އިތުރު ފުރުސަތުތައް ހޯދައިދިނުން ހިމެނޭ ކަމަށް ހަމްޒާ ވިދާޅުވި އެވެ.
ގެމަނަފުށީ ދާއިރާގެ ޖޭޕީ މެމްބަރު އިލްހާމް އަހުމަދާ ވާދަކުރައްވައި ހަމްޒާ ޖޭއެސްސީ އަށް ހޮވީ 43 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަ ކަަމށް 27 މެމްބަރަކު ވޯޓު ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ