ފައިސާ ހަމަޖެހުމުން ފ. އަތޮޅު ކައުންސިލް ބަންދުނުކުރަން ނިންމައިފި

ފ. އަތޮޅު ކައުންސިލް ހިންގުމަށް 400،000ރ. ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދިނުމުން، އެ ކައުންސިލް ބަންދުނުކުރުމަށް ނިންމައިފި އެވެ.
ބަޖެޓުގެ ދަތިކަމާ ހުރެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމަށް ބުނެ، ކައުންސިލުން ކުރިން ހަމަޖައްސާފައި ވަނީ މި މަހުގެ 15 ގައި ކައުންސިލް އިދާރާ ބަންދުކޮށް ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލުމަށެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ ޑީއާރްޕީ މެމްބަރު އަބްދުއްލަތީފް މިއަދު ވިދާޅުވީ ސަރުކާރާއެކު ކުރި މަޝްވަރާތަކުން ބަޖެޓަށް ހެޔޮ ބަދަލެއް ފިނޭންސް މިނިސްޓްރީން ގެނެސްދީފައިވާ ކަމަށެވެ. މުވައްޒަފުންގެ މުސާރަ އަށް ކަނޑައަޅާފައިވާ ބަޖެޓުން ބާކީ ހުރި ފައިސާ ކައުންސިލްގެ ހިދުމަތްތަކަށް ނެގުމުގެ ހުއްދަ ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ކައުންސިލަށް މި އަހަރު ކަނޑައަޅާފައި ވަނީ ފަސް މިލިއަން ރުފިޔާ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
"ބަޖެޓުގައި މުސާރަ އަށް ކަނޑައަޅައި ބާކީ ހުރި 400،000ރ. ކަރަންޓް ބިލާއި ފޯނު ބިލް އަދި ދަތުރުފަތުރަށް ނެގޭނެ ގޮތަށް ހަމަޖައްސައިދީފައި ވަނީ. އެހެންވީމަ ކައުންސިލްގެ ވިސްނުން ހުރީ ހިދުމަތް މެދުކަނޑާނުލައި ހަރަދު ކުޑަކޮށްގެން ކައުންސިލް ހިންގުމަށް،" ލަތީފް މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖައްސައިދީފައި ވަނީ އެ ކައުންސިލްގެ ޓީމެއް މާލެވަޑައިގެން އެ މިނިސްޓްރީއާ ބައްދަލުކުރުމުންނެވެ. އަދި އެއީ ކައުންސިލަށް ކާމިޔާބު ދަތުރެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ ކައުންސިލަށް މިހާރު ހަމަޖައްސައިދީފައިވާ ފައިސާ އިން، ކަނޑާލާފައި ހުރި ފޯނު ބިލްތަކާއި ކަރަންޓް ބިލަށް ފައިސާ ދައްކަން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ