މަޖިލީހުގެ ޖަލްސާތައް ފެށޭނީ ކަރަންޓު ވަޔަރުތައް ރަނގަޅު ވެގެން

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ނުފެށި ލަސްވަނީ މަޖިލީހުގެ ކަރަންޓު ވައިރުތަކަށް ދިމާވި މައްސަލަ އަދިވެސް ހައްލު ނުވާތީ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ (ރިއާސީ ބަޔާން އިއްވާ ޖަލްސާ) ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހު ދަރުބާރު ގޭގަ އެވެ. ނަމަވެސް މި ހަފުތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ. ޖަލްސާތައް މި ހަފުތާގައި ނުބޭއްވޭނެ ސަބަބެއް އަމީން އާންމު ވިދާޅެއް ނުވެ އެވެ.މަޖިލީހުން ކުރިން ބުނި ގޮތުގައި ރިއާސީ ބަޔާން އިއްވެވި ޖަލްސާ ދަރުބާރުގޭގައި ބޭއްވީ ހުސްވި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މަޖިލީހުގެ އިދާރާގެ ކަރަންޓު ވަޔަރަށް ދިމާވި މައްސަލަ ރަނގަޅު ކުރެވިފައި ނުވާތީ އެވެ. އެ ދުވަހު މަޖިލީހުގެ ކަރަންޓު ޝޯޓެއްވެ ޑަކްޓެއްގެ ތެރޭގައި ހުރި ނަރުތަކާއި ހޮޅިތަކެއް ވަނީ އަނދައިފަ އެވެ.މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އެ ދުވަހު ދިމާވި މައްސަލަ އަދިވެސް ހައްލެއް ނުވެ އެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާތައް ދެން ބޭއްވޭނީ ކަރަންޓު ވަޔަރުތައް ރަނގަޅު ކުރެވިގެން ކަމަށް މަޖިލީހުގެ އިދާރާ އިން މައުލޫމާތު ލިބިފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ