ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމާ ބެހޭ އުސޫލެއް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އެ އުސޫލު ކަނޑައެޅި ނަމަވެސް އެ އުސޫލު އާންމުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެ އުސޫލުގައިވާ ގޮތުން އެ އުސޫލު ކަނޑައަޅާފައިވަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގެ ދަށުން އެ ކޯޓަށް ލިބޭ ބާރުގެ ދަށުންނެވެ.
އެ އުސޫލުގައިވާ ގޮތުން ޑީޖޭއޭ ހިނގަމުންދާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ސިޔާސަތާ އެއް ގޮތަށެވެ. އަދި އެއާ އެއް ގޮތަށް ޑީޖޭއޭ ހިންގަމުންދާކަން ކަށަވަރު ކުރުމަށްޓަކައި ސުޕްރީމް ކޯޓުން އެ ކޯޓުގެ ފަނޑިޔާރަކު ކަނޑައަޅާފައި ހުންނަންޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އެ އުސޫލުގައިވާ ގޮތުން އެކަން ހަވާލުކުރެވޭނީ ކޮންމެ ފަނޑިޔާރަކަށް ވެސް އެއް އަހަރުގެ މުއްދަތަށެވެ.
އެ ފަނޑިޔާރުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ވެސް އެ އުސޫލުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން ޑީޖޭއޭ އަށް ދޭންޖެހޭ އިރުޝާދު ދިނުމާއި ޑީޖޭއޭ ހިނގާ ނުހިނގާ ގޮތާ ބެހޭ ރިޕޯޓެއް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުން އެ ފަނޑިޔާރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވެ އެވެ.
ޑީޖޭއޭ އުފެދުނު އިރު އޮންނަ ގޮތުން އެއީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބެލުމުގެ ދަށުގައި އޮންނަ ތަނެކެވެ. ނަމަވެސް 2008 ގައި ސުޕްރީމް ކޯޓުން ނެރުނު ރޫލިންއަކުން އެ ޑިޕާޓްމެންޓް ވަނީ އެ ކޯޓުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އޭގެ ފަހުން ކޯޓުތަކާ ބެހޭ ގާނޫނު އައި އިރު އަނެއްކާ ވެސް އޮތީ ޑީޖޭއޭއަކީ ސުޕްރީމް ކޯޓާ ވަކިން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ގާނޫނުގެ އެ މާއްދާތައް ބާތިލްކޮށް، ޑީޖޭއޭއަކީ އެ ކޯޓުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި އަނެއްކާ ވެސް ހަމަޖައްސައިފަ އެވެ.
ޑީޖޭއޭ ހިންގުމާ ބެހޭ އުސޫލެއް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ