"ހަވީރު"ގެ ލޯކަލް އެޑިޓަރު އިސްމާއިލަށް ގައުމީ އިނާމު

"ހަވީރު" ގެ ލޯކަލް އެޑިޓަރު އިސްމާއިލް ނަސީރަށް ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމު ރޭ ލިބިވަޑައިގެންފި އެވެ.ކުރިން މުނިފޫހިފިލުވުމުގެ ދާއިރާ އަށް ޚާއްސަވަގެން ލިއުއްވަމުން ގެންދެވި އެކަމަކު ހުރިހާ ދާއިރާއަކަށް ވެސް ލިއުއްވުމުގެ ގާބިލްކަން ހުރި އިސްމާއިލަށް އާންމު ޚިދުމަތުގެ ެއިނާމު ލިބިވަޑައިގަތުމަކީ "ހަވީރަ"ށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކާއި އުފަލެއް ކަމަށް އެޑިޓަރު މޫސާ ލަތީފު ވިދާޅުވި އެވެ."އިސްމާއިލަކީ ވަރަށް ހަލުއި، ވަރަށް އުފެއްދުންތެރި ލިއުންތެރިއެއް،" މޫސަ ވިދާޅުވި އެވެ. "ނޫސްވެރިކަމުގައި ވަރަށް މަދުވާނެ އެހާ އަވަހަށް، ރަނގަޅަށް ލިއާ މީހުން."އިސްމާއިލްގެ ނޫސްވެރިކަން ފެށީ އަމިއްލަ ބަޔަކު ނެރުނު މަޖައްލާއަކުން،  1990ގެ އަހަރުތަކުގެ ކުރީކޮޅު އެވެ. އޭގެ ފަހުން "އާފަތިސް"ގައި މަސައްކަތްކުރެއްވި އެވެ. "ހަވީރު"ގެ ނިއުސް ރޫމަށް އޭނާ ވަޑައިގެންނެވީ  1996 ގަ އެވެ. އެކި މަގާމުތައް ފުރުއްވަމުން މިހާރު ހުންނެވީ ލޯކަލް އެޑިޓަރުގެ މަގާމުގަ އެވެ.އިސްމާއިލްގެ ލިއުންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކިޔާފައިވަނީ ޖުލައި  ،4  2012 ގައި އޭނާގެ އަމިއްލަ ކޮލަމް "ކޮލަމް ހަތެއް"ގައި ލިއުއްވި ޚިޔާލެވެ. "އަގު ބޮޑު މަރު" ސުރުޚީގެ ދަށުން، ލިއުއްވި މި ކޮލަމް އަކީ "ހަވީރު" އޮންލައިންގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު ކިޔާފައިވާ ކޮލަމެވެ. އެ ކޮލަމަށް ލިބުނު ހިޓްސްގެ ޖުމްލަ އުޅެނީ  45،000 އިން މަތީގަ އެވެ. ފޭސްބުކްގައި  530 މީހުން ޝެއާކުރި އިރު  53 މީހަކު ޓުވީޓްކުރި އެވެ. ކޮލަމަށް ކިއުންތެރިން ފޮނުވި ޚިޔާލުތަކުގެ ތެރެއިން  128 ޚިޔާލު ޝާއިއުކުރި އެވެ."ވަކީލް ނަޖީބު އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ލިއުނު އެ ކޮލަމަކީ ވަރަށް ތާރީޚީ އެއްޗެއް. ހީވެސް ނުކުރާހާ ގިނަ ބަޔަކު އެ ކޮލަމް ކިޔާފައިވޭ. އަދި ސިޔާސީ އެކި ފަރާތްތަކުން ވަރަށް ހިތްހަމަނުޖެހިގެން އަޅުގަނޑަށް ގުޅި، އެސްއެމްއެސްކުރި،" މޫސަ ވިދާޅުވި އެވެ. "ނަޖީބުގެ މަރާ ގުޅުވައިގެން އިސްމާއިލް ހަގީގަތުގައި ލިއުނީ އާންމުން ވިސްނާ ބީދައިން. އާންމުންގެ ވިސްނުން ގެންގުޅޭ ގޮތަށް. އަޅުގަނޑުމެން އަބަދުވެސް އާންމުންގެ އިހުސާސްތައް އެނގެން ޖެހޭ. އެގޮތުން އެ ކޮލަމަކީ އޭގެ ޒާތުގައި ވަރަށް ރަނގަޅު ލިއުމެއް ހިތްހަމަނުޖެހޭ މީހުން ތިއްބަސް."ރައީސް މުހައްމަދު ވަހީދުގެ އަތްޕުޅުން ގައުމީ އިނާމު އިސްމާއިލް ހޯއްދެވި އިރު އޭނާ ހިމެނެނީ "ހަވީރު" ގެ ނޫސްވެރިންގެ ތެރެއިން އެ ކާމިޔާބާ ހަމައަށް ދަތުރުކުރި ހަތް ލިއުންތެރިންގެ ތެރޭގަ އެވެ. "ހަވީރު"ގައި މަސައްކަތްކުރައްވަމުން ގައުމީ އިނާމު ހޯއްދެވީ ކުރީގެ އެޑިޓަރު އަލީ ރަފީގާއި މިހާރު އެޑިޓަރު މޫސާ ލަތީފާއި ކުރީގެ އެސޯސިއޭޓް އެޑިޓަރު މުހައްމަދު ޝަހީބާއި ކުރީގެ ފޮޓޯގްރާފަރު، ތިމާވެށީގެ ލިއުންތެރިޔާ އަދި ސަބް އެޑިޓަރު މުހައްމަދު ޒާހިރު (މީމުޒަވިޔަނި) އާއި ބޭރު ކުޅިވަރާއި ބޭރު ދުނިޔޭގެ ޚަބަރުތަކާ ބެހޭ އެޑިޓަރު ކަން ކުރެއްވި އިމާދު ލަތީފު އަދި ކުރިން ސަބް އެޑިޓަރުކަމުގައި ހުންނެވި މުހައްމަދު ސައީދު މޫސާ ވަޖުދީ އެވެ."ހަވީރު"ގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި އާދަމް ހަލީމަށް ވެސް ގައުމީ އިނާމު ލިބިވަޑައިގަތެވެ. އެކަމަކު އެ އިނާމު އޭނާ ހޯއްދެވި އިރު އުޅުއްވަނީ "ސަން"ގަ އެވެ."އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ހަވީރުން މިފަދަ ކުޅަދާނަ މޮޅު ލިއުންތެރިތަކެއް ނުކުތީމާ. އެއިން އެނގެނީ ހަވީރުގައި އެބޭފުޅުން ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވިކަން. އެ ބޭފުޅުންގެ ހުނަރު ތަރައްގީކުރިކަން. އެއީ ހަމަ ގައުމީ ފެންވަރެއްގައި،" މޫސަ ވިދާޅުވި އެވެ.އިސްމާއިލަށް ގައުމީ އިނާމު ލިބިވަޑައިގަތުމުން އެކަން މިއަދު ނިއުސް ރޫމްގައި "ހަވީރު"ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިންއާ އެކު އެހެން ނޫސްވެރިން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ