ޖުމްހޫރީ ޕާޓިގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މަޖިލީހުގެ މިއަދު ޖަލްސާއަށް ހާޒިރު ނުކުރުމުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިއިސްލާހު ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެވެ.
ގާސިމް އިބްރާހިމް މިވަގުތު ހުންނެވީ ހަ ދުވަހުގެ މުއްދަތެއް ޖަހާފައި ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ. ނަމަވެސް މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި މެމްބަރަކު ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ، މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެ އެވެ.
މަޖިލީހަށް ގާސިމް ހާޒިރުކޮށްފައި ނުވާތީ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ ކުއްލި މައްސަލައިގެ ޝަރުތުތަކާއި އުސޫލުތައް ފުރިހަމަ ނުވާތީއާއި މައްސަލަ ހުށަހެޅުމަށް އަމަލުކޮށްފައިވަނީ މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކަމަށްވާތީ ކުއްލި މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
ގާސިމް އިބްރާހިމް މަޖިލީހުގެ މިއަދު ޖަލްސާއަށް ހާޒިރުކޮށްފައިނުވާތީ ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ބައެއް މެމްބަރުންވަނީ ނުރުހުންފާޅުކޮށްފަ އެވެ. އެގޮތުން މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މެންބަރުން ތަފާތު ކުރެވިގެން ނުވާނެ ކަމަށެވެ. އަދި މީގެ ކުރިންވެސް ތަހުގީގަށް ބަންދުކުރި މެންބަރުން މަޖިލީހަށް ހާޒިރުކޮށްފައިވާ ކަމަށާއި މިއީ މަޖިލީހުގެ ރައީސް މަގާމުގައި ބަނގުޑި ބައްދަށް ވެގެން ކުރާ ކަމެއް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ މަސައްކަތަކީ އިތުބާރު ނެތް މައްސަލަތައް ހުށަހެޅުމުގައި 42 މެންބަރުންގެ ސޮއި ބޭނުންވާ ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައުމުގެ މަސައްކަތެވެ.
ގާސިމް މަޖިލީހަށް ހާޒިރު ނުކުރުމުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ