BML އާއި ދެކޮޅަށް ބަޣާވާތް ކޮށް، މުއިއްޒު ބޭންކު ހައިޖެކް ކޮށްގެން އުޅޭކަމަށް ބެލެވިދާނެ؟

ބޭންކު އޮފް މޯލްޑިވްސް އިން ސަރުކާރާއި ދެކޮޅަށް ބަޣާވާތެއް ހިންގަން އުޅުނު ކަމަށް ސަރުކާރު ފިޔަވައި އެއްވެސް ބަޔަކު ޤަބޫލެއް ނުކުރެއެވެ. އެކަންވީ މުޅި ޤައުމަށާއި ދުނިޔެއަށް ބޮޑު ޖޯކަކަށެވެ. ނަމަވެސް އެ ތުހުމަތު ވެގެން ދިޔައީ ބޭންކުގެ ބާރު ބޭންކަށް ގެއްލި ގެން ދިޔަ ދިޔުމަކަށެވެ. ބަޣާވާތެއް ހިނގިނަމަ އެ ބަޣާވާތެއް ހިންގާފައިވަނީ ބޭންކާއި ދެކޮޅަށް ބޭންކުގެ އެއް ހިއްސާދާރު ކަމުގައިވާ މުއިއްޒުގެ ސަރުކާރުންނެވެ. ބޭންކުގެ ބާރު ކުރީގައި އޮތީ ބޭންކަށެވެ. އެބާރު މިހާރު މުއިއްޒުގެ އަތްމައްޗަށް ފުރޮޅާލަފައި ވުމަކީ ބަޣާވާތުން ހާސިލް ކުރި ނަތީޖާ ނޫންތޯއެވެ؟ މުއިއްޒު ބޭންކު ހައިޖެކް ކޮށްފައި ވާކަމަށް މީހުން ބުނަމުން އެދަނީ އެހެންވެއެވެ.
ދިމްޔާތަކީ ބީއެމްއެލްގެ އެއްވެސް ހިއްސާއެއް ގަނެފައިވާ ކުންފުންޏެއް ނޫނެވެ. ސަރުކާރުން ބޭންކުގައި ވަނީ އެންމެ %50 ހިއްސާ އެވެ. އެ ހިއްސާއަކީ ބީއެމްއެލްގެ މައްޗަށް މިހާރު ދިމްޔާތުން އަދި ސަރުކާރުން ނަމަވެސް, މި ފޯރުވާ ނުފޫޒު ފޯރުވުމަށް އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ލިބި ދޭ އެއްޗެއް ނޫނެވެ.
ބީއެމްއެލް ގެ އޮޓޮނޮމީ (މިނިވަން ކަމާއި އެކު ކަންކަން ނިންމުމުގެ ޤާނޫނީ ބާރު) ގެއްލުވާލައި މުއިއްޒުގެ ފުރިހަމަ ބާރު ހިންގުމަށް ބޭންކު ހައިޖެކް ކޮށްފައިވަނީ, ސަރުކާރުން މުއިއްޒަށް ލިބިފައިވާ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ބޭންކަށް ބިރުދައްކައިގެން ކަމުގައި ރާއްޖެއާއި ބޭރުގެ ފަރާތްތަކުން މިހާރު ޤާބޫލު ކުރެއެވެ. ސަރުކާރުން ބޭންކަށް ދައްކާފައިވާ ބިރަކީ, ސަރުކާރު ވައްޓާލުމަށް ބަޣާވަތެއް ހިންގި ކަމުގެ ތުހުމަތެވެ. މި ތުހުމަތް ތަހުޤީގު ކުރަން ފެށި ފެށުމަކީ މުއިއްޒު އަޑީގައި ހުރެގެން ބޭންކަށް ބިރު ދެއްކުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމުގައި ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި މި ތަހުޤީގަކީ ބޭންކުގެ ތިބި ފަރާތްތަކުގެ ބާރުތައް ކަނޑުވާލައި, އެ ފަރާތްތަކުގެ މައްޗަށް ނާޖާއިޒް ބާރާއި, ބިރު ފޯރުވުމަށް މުއިއްޒު ހިންގަމުންދާ ޣައިރު ޤާނޫނީ އަމަލެއް ގޮތުގައި މިކަން ރާއްޖޭގެ ގިނަ ޤާނޫނީ ވަކީލުން ސިފަކުރެއެވެ.
ބޭންކުގެ މައްޗަށް ބަޣާވާތުގެ ތުހުމަތު އަޅުވައިގެން, ޖިނާޢީ ތަހުޤީގެއް ކުރިއަށް ގެންދަމުން އޭގެ ބާރުގެ ބޭނުން ކޮށްގެން އަދި ބޭންކަށް ލިބިދީފައިވާ ޤާނޫނީ ބާރު ދުއްވާލުމަށްފަހު, ބޭންކު ހައިޖެކް ކޮށްފައިވާ ކަމަށް ބެލެވޭ ހާލަތުގައި, މިހާތަނަށް މުއިއްޒު ކޮށްފައިވާ ބައެއް ކަންތައްތަކަކީ:
ބީއެމްއެލްގެ ހިންގާ ގަވާއިދާ ހިލާފަށް އައިޝަތު ނޫރައްދީން ބޯޑުން ވަކިކުރުން
ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލް އިން ހެދުމުން, އެކަން ސަރުކާރުން ބަދަލު ކުރުވުން. އަދި އެކަން އެމަގުން ކޮށްފައިވާ ކަމަށް އަމިއްލަ އަށް ސަރުކާރުގެ އިސްވެރިން އިއުތިރާފުވެފައި ވުން.
ބީއެމްއެލް އިން ޑޮލަރުގެ މުއާމަލާތް ރުފިޔާ ކާޑުން ނުކުރެވޭ ގޮތަށް ނިންމި އިރު ސަރުކާރު އަތުގައި ބީއެމްއެލް ބޯޑުގެ މެޖޯރިޓީ ނެތް ކަމަށް ބުނެ, ރައީސް މުއިއްޒު ދޮގު ހެއްދެވުން.
ސަރުކާރުން އަންގައިގެން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު ހޮވަން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް އަމުރުކުރުން
ބީއެމްއެލްގެ ސީއީއޯ ރާއްޖެ ދޫކޮށް ދިޔުމަށް ފުރުޞަތު ދިނުން
ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދޭން ޖެހޭ ފަދަ ހާލަތަކަށް ކަންކަން ގެންދިއުން
ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަހްމަދު އަލީ ހަބީބު އައްޔަނުކުރަން ހުށައެޅުން
ހިއްސާދާރެއްގެ ހައިސިއްޔަތުން ބޭންކާއި ސަރުކާރާއި އޮތް ގުޅުމުގައި ސަރުކާރުގެ ޒިންމާއަކީ ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ފިޑިއުޝަރީ ޒިންމާގެ ދަށުން ބޭންކުގެ މަސްލަހަތު ހިމާޔަތް ކުރުމެވެ. އެކަމުގައި ވެރިކަން ދެމެހެއްޓުމަށް ބޭންކުގެ މަސްލަހަތު ނަގާލައި, ބޭންކުގެ ބާރުތައް މުއިއްޒުގެ ވެރިކަމަށް ތާޢީދާއި ކުރިއެރުން ހޯދުމަށް ބޭންކުގެ މާލީ ހާލަތަށް ގެއްލުންވާހެން ބޭނުން ކުރުމެއް ނުހިމެނެއެވެ.
ބޭންކުގެ މައްޗަށް ހިއްސާދާރެއްގެ ނުފޫޒު އޮންނަން ޖެހޭ މިންގަނޑުން ބޭރުން އޮވެ, އެ ހިއްސާދާރަށް ލިބިގެންވާ ދައުލަތުގެ ބާރުތައް ބޭނުންކޮށްގެން, ބޭންކުގެ މައްޗަށް ބޮޑު ޖިނާޢީ ތަހުގީގެއް ހިނގަމުންދާ ވަގުތެއްގައި ބޭންކުން ބޮޑެތި ނިންމުންތައް އެ ހިއްސާދާރަށް އެކަނި ފައިދާވާހެން ނިންމުމަކީ އެއީ ބޭންކު ހިންގުމަށް ބޭންކަށް ޤާނޫނީ ގޮތުން ލިބިގެންވާ ބާރުތައް ބޭނުންކޮށްގެން ނިންމާ ނިންމުންތަކެއް ކަމަށް ނުބެލެވޭނެއެވެ.
މިއީ ބޭންކުގެ އެހެނިހެން ހިއްސާދާރުން މިހާލަތުގައި މިކަންކަމަށް ރިޢާޔަތް ކޮށް ޤާނޫނީ ލަފާ ހޯދުން މުހިންމު ކަންކަމެވެ.
އެންމެ ހިއްސާދާރެއްގެ ސަބަބުން ބޭންކުގެ އަގުވެއްޓި, އަދި ބޭންކަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައިވާތީ, އަދި ބޭންކުގެ އިތުބާރު ބޭންކުގެ ކަސްޓަމަރުންނާއި, އިންވެސްޓަރުންނާއި, ޕާޓްނަރުގެ ކުރިމަތީ ގެއްލުވާލަމުން ދާތީ މިކަމަށް އެކަށީގެންވާ ޤާނޫނީ އެހީތެރިކަން ހޯދައި, ބޭންކުގެ އެ ހިއްސާދާރުގެ ނުފޫޒުން ބޭންކު މިނިވަން ކުރުމީ ބޭންކަށާއި, ބޭންކުގައި ބާކީ ތިބި ހިއްސާދާރުންގެ މައްޗަށް އޮތް ޒިންމާއެކެވެ.
މީގެ އިތުރުން ބޭންކުގެ ނިންމުންތައް ނިންމުމުގައި ބޭންކަށް އޮތް ބާރުވެރިކަން ނަގާލައި, އެންމެ ހިއްސާދާރެއްގެ ފަރާތުން ބޭންކުގެ މައްޗަށް ބިރު ދައްކައިގެން ނިންމާފައިވާ ނިންމުމުން ބޭންކަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމާއި, އެފަދަ ހިއްސާދާރެއް ބޭންކު ބޯޑުން ވަގުތީ ގޮތުން އެކެހެރި ކުރުމަށް ޤާނޫނީ ފުރުޞަތު އޮތްތޯ ބަލައި އެ މަގުން މަސައްކަތް ކުރުމަކީ ހިއްސާދާރުންގެ މައްޗަށް އޮތް ޒިންމާއެކެވެ.
މިޒިންމާ އަދާ ކުރަން ޖެހެނީ, އެ ހިއްސާދާރުންގެ ވިޔަފާރިތަކުގެ ފައިސާ ޑޮލަރުން ބޭންކުގައި ހުރެ, ބޭންކުން ދޫކުރުމަށް ބޭނުންވާ ޑޮލަރު އެމްއެމްއޭއިން ގަންނަން ނުލިބި, ކަސްޓަމަރުންގެ ޑޮލަރު ދީ ހުސްކޮށް, ބޭންކު ބަނގުރޫޓު ކުރުމުގެ ބިރު އެއްމެ ހިއްސާދާރެއްގެ އަމަލުތަކުން ކުރިމަތި ވެފައިވާތީއާއި, އަދި މި ހިއްސާދާރުގެ އަމަލުތަކުން ބޭންކާއި, ބޭންކުގެ ކަސްޓަމަރުންނަށް ގެއްލުންވާހެން ކަންކަން ހިނގަމުން ދާތީ އެކަން ހުއްޓުވުމަށް ބޭންކުން އަޅަން ޖެހޭ ފިޔަވަޅެއް ކަމުގައި ވާތީއެވެ.
ޤާނޫނީ ނަޒަރަކުން މިކަން ދިރާސާކޮށް ރާއްޖޭގެ ބޭންކު ރާއްޖެ ބަނގުރޫޓުވެގެން ދާއިރު ބަނގުރޫޓު ނުވެ ހުރެވޭ ގޮތް ހެދުމަކީ ޤައުމުގެ ބޭންކިންގ ނިޒާމާއި މެދު އިތުބާރު އުފައްދައި ރާއްޖޭގައި ހުރި އެހެން ބޭންކުތައް ރާއްޖެ ދޫކޮށް ނުދީ ހިފެހެއްޓުމަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ