ޗައިނާއާ ވާދަކުރަން އެމެރިކާއިން ސޮވެރިން ވެލްތު ފަންޑެއް ގާއިމުކުރަން ވިސްނަނީ

މި ފަންޑުގެ އޮނިގަނޑާއި، އިންވެސްޓުމެންޓު ސްޓްރެޓެޖީއާއި އެ ފަންޑަށް ފައިސާ ހޯދާނެ މޮޑެލް ފަދަ ކަންކަމާމެދު އަދިވެސް މަޝްވަރާކުރެވެމުންދާކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.
އިސްތިރާޖީ މުހިއްމު ދާއިރާތަކުގައި ބޮޑެތި އިންވެސްޓުމެންޓުތަައް ކުރުމަށް ސޮވެރިން ވެލްތު ފަންޑެއް ގާއިމުކުރުމުގެ ޕްލޭންތައް ވައިޓް ހައުސްގައި އެކުލަވައިލަމުންދާކަމަށް ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފި އެވެ. 
ނަން ހާމަނުކުރާ ގޮތަށް މައުލޫމާތު ދެއްވި ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކުރި ގޮތުގައި ސިއްރިއްޔާތުގައި ކުރަމުންދާ މި މަސައްކަތުގައި ރައީސް ޖޯ ބައިޑަން ސަރުކާރުގެ އިސްވެރިން ގެންދަވަނީ ޝާމިލުވެވަޑައިގަންނަވަމުންނެވެ. އޭގެ ތެރޭގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ ޖޭކް ސަލިވާންއާއި އިންޓަނޭޝަނަލް އިކޮނޮމިކްސްގެ ދާއިރާގެ އެންމެ އިސް މަސްއޫލުވެރިޔާ ޑަލީޕް ސިންހް ހިމެނިވަޑައިގަންނަވަ އެވެ. 
މި ފަންޑުގެ އޮނިގަނޑާއި، އިންވެސްޓުމެންޓު ސްޓްރެޓެޖީއާއި އެ ފަންޑަށް ފައިސާ ހޯދާނެ މޮޑެލް ފަދަ ކަންކަމާމެދު އަދިވެސް މަޝްވަރާކުރެވެމުންދާކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެފަންޑު އުފެއްދުމަށް ކުރާ މަސައްކަތަކީ ސީރިއަސް މަސައްކަތެއްގެ ގޮތުަގއި ސިފަކުރައްވަމުން އޭނާ ވިދާޅުވީ އެ މަސައްކަތުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކޮންގުރެސްއާއި މުހިއްމު އަމިއްލަ ވިޔަފާރިތައްވެސް ބައިވެރިކުރާނެ ކަމަށެވެ. 
މި މައުޟޫއުގައި އެމެރިކާގެ ޓްރެޝަރީ ޑިޕާޓުމެންޓުން އެއްވެސް މައުލޫމާތެއް ދިނުމަށް އިންކާރުކޮށްފައިވާކަމަށް އެފްޓީން ރިޕޯޓުކޮށްފައިވެ އެވެ. 
ދުނިޔޭގެ އެކި ގަައުމުތަކުން ސޮވެރިން ވެލްތު ފަންޑުތައް ގާއިމުކޮށް ބޮޑެތި އިންވެސްޓުމެންޓުތައް ކުރަމުންދިޔައިރު އެމެރިކާއިން އެކަން ސިފަކުރީ ބައިނަލް އަގުވާމީ ވިޔަފާރި ވިއްސިވިހާލިކޮށްލަައި އަދުލުވެރިނޫން އިގުތިސާދީ ވާދަވެރިކަމެއްގެ ގޮތުގަ އެވެ. 
ނަމަވެސް ބައިޑެން ސަރުކާރުން ސޮވެރިން ވެލްތު ފަންޑެއް ގާއިމުކުރަން އަމާޒު ހިފުމަކީ ޗައިނާއާއި ރަޝިޔާ ފަދަ ބާރުތަކާއި އެމެރިކާގެ މެދުގައި އޮތް އިގުތިސާދާއި ވިޔަފާރީގެ ވާދަވެރިކަން އިހުނަށްވުރެ ފުޅާވަމުންދާތީ، އެމެރިކާއިން ދުނިޔޭގެ އިގުތިސާދާމެދު ގެންގުޅޭ ސިޔާސަތު ބަދަލުކުރަން ޖެހިފައިވާ ކަމުގެ އަލާމާތެކެވެ. 
މި ވެލްތު ފަންޑު ގާއިމުކުރުމުގެ މައިގަނޑު ސަބަބަކީ ބޭރާއި އެތެރޭގައި އެމެރިކާގެ އިސްތިރާޖީ އަމާޒުތައް ކުރިއެރުވުމަށް އިންވެސްޓުކުރަން ބޭނުންވާ ފައިސާ އެއްކުރެވިފައިވާ ވިލުންތެރި ރައުސުލްމާލު ލިބެން ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ގިނަވުންކމަަށް އެފްޓީއަށް މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވި އެވެ. 
އޭނާ އިތުރަށް ވިދާޅުވީ މި ފަންޑުގެ ފައިސާ އިންވެސްޓުކޮށް ލިކުއިޑިޓީ މައްސަލަތައް ކުރިމަތިވެފައިވާ ކުންފުނިތަކަށް ޗައިނާގެ ކުންފުނިތަކާ ވާދަކުރަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެ ދާއިރާތަކަށް ވަނުމުގައި ބޮޑެތި ގޮންޖެހުންތަައް ހުރި ދާއިރާތަކުގައި މަސައްކަތްކުރަން ބޭނުންވާ ކުންފުނިތަކަށްވެސް އެ ފަންޑުން އިންވެސްޓުކުރާނެ އެވެ. މިސާލަކަށް ސްޕެޝިލައިޒްޑް ބޯޓުފަހަރު ބަނުމާއި ނިއުކުލިއާ ފިއުޝަން ފަދަ ދާއިރާތަކަށް ވަންނަ ވިޔަފާރިތަކަށް އެ ފަންޑުން އިންވެސްޓުކުރާނެ އެވެ. 
ވެލްތު ފަންޑު ގާއިމުކުރުމުގެ މަސައްކަތް ޖޯ ބައިޑަންގެ ސަރުކާރުން ފަށާފައިވާއިރު ވާދަވެރި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޑޮނާލްޑް ޖޭ ޓްރަމްޕުވެސްވަނީ އެފަދަ ފަންޑެއް ގާއިމުކުރުމަށް ތާއީދު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ފަންޑެއްގެ ސަބަބުން މުދާ އުފެއްދުމުގެ އެންމެ ޒަމާނީ ހަބުތައް ގާއިމުކުރެވި، ދިފާއީ ގާބިލުކަން އިތުރުކުރެވި އެންމެ ޒަމާނީ ދިރާސާތައް ހެދުމަށް އެހީތެރިވެވޭނެ ކަމށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ