މޫނު ބުރުގާ މައްސަލާގައި ރައީސް މުޢިއްޒު ދެއްވި ޔަޤީންކަމަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފި!

މޫނު ބުރުގާ އަޅައިގެން އުނގެނުމާ ވަޒީފާ އަދާކުރުމުގެ ޙައްޤު ލިބޭނޭކަމަށް ރައީސް މުޢިއްޒު ދެއްވި ޔަޤީންކަމަށް ސިވިލް ކޯޓުން މިއަދު ކުރެއްވި ޙުކުމުގައި ރިޢާޔަތްކޮށްފިއެވެ. 
ނިމިދިޔަ ސަރުކާރުގަައި، ޢަރަބިއްޔާގައި ތަޢުލީމު ޙާޞިލްކުރަމުންދިޔަ ދަރިވަރުންތަކެއް މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާކުރުމާއި ގުޅިގެން، އެޑިޔުކޭޝަން މިނިސްޓްރީއާއި ދިވެހި ދައުލަތާ ދެކޮޅަށް އެ ދަރިވަރުންގެ ބެލެނިވެރީން ދަޢުވާކުރި މައްސަލައިގެ އަޑުއެހުމެއް އިއްޔެ ވަނީ ބާއްވާފައެވެ. 
އެ އަޑުއެހުމުގައި ކުދިންގެ ބެލެނިވެރީން ވަނީ، ރައީސް މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ މޫނު ބުރުގާ އަޅައިގެންވެސް ވަޒީފާ އަދާކުރުމާ އުނގެނުމުގެ ހަމަހަމަ އިންސާފުވެރި ޙައްޤު ކޮންމެ ރައްޔިތަކަށްވެސް ދެއްވުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަން ފާހަގަކޮށްފައެވެ. 
Advertisement
އެ މައްސަލާގައި ދައުލަތުން އެދިފައިވަނީ، ޝަރީއަތް ކުރުމަކާއި ނުލައި ހުކުމް ކޮށްދިނުމަށެވެ. 
އެއާއެކު ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، މައްސަލާގައި ކޮށްފައިވާ ދައުވާގެ ޚުސޫމާތް ނިމުމަކަށް އައިސްފައިވާތީ ދައުވާގައި ހިމެނޭ ޚުސޫމާތާމެދު އިތުރަށް ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. ވުމާއެކު އެ މައްސަލަ ވަނީ ފައިލްކޮށްފައެވެ. 
މި ޤަޟިއްޔާގެ ޙުކުމްގެ ކުރެއްވީ ސިވިލް ކޯޓްގެ އިސް ޣާޒީ މަރިޔަމް ވަޙީދެވެ. 
މޫނު ބުރުގާ މައްސަލާގައި ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ.
އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާ އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ