ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއީދުކުރާ ކަމަށް ޕީޕީއެމުން ބުނިއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އެ އިސްލާހަށް ދެކޮޅު ހަދައިފި އެވެ.
މިހާރު ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ޝަރީފް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއީދު ނުކުރަން އެމްޑީޕީން ކުރިން ވަނީ ނިންމައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލާ މެދު ބަހުސް ކުރައްވަމުން ޕީޕީއެމްގެ ޕާލިމެންްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އެ އިސްލާހަށް ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ ތާއީދު ލިބޭނެ ކަމަށެވެ. އަދި އެ އިސްލާހަކީ ވަރަށް ރަނގަޅު އިސްލާހެއް ކަމަށާއި އޭގެ ފައިދާ ކުރާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. މީގެ އިތުރުން އެ އިސްލާހު ހުށަހެޅުއްވި ޝަރީފަށް ވެސް މިއަދުގެ ޖަލްސާގައި ނިހާން ތައުރީފް ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ޕްރޮގްރެސިވް ޕާޓީގެ ހުރިހާ ޕާލިމެންޓްރީ ގްރޫޕުގެ ހުރިހާ މެމްބަރުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމަނިކުފާނު އެ ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދު ކުރާނެ." ނިހާން ވިދާޅުވި އެވެ.
ޕީޕީއެމުން އެ އިސްލާހަށް ތާއީދުކުރާނެ ކަމަށް ބުނި ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފަށް ހުށަހަޅާފައިވާ އިިސްލާހެއް ކަމަށެވެ. އެގޮތުން ފަނޑިޔާރުން ވަކިކުރެވޭނީ އެ މީހުންގެ އުމުރުން 70 އަހަރުވުމުން ކަމަށްވާޢިރު ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް އެ އިސްލާހު ފާސް ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ މި ހިންގަނީ ވަރަށް ބޮޑު ޖަރީމާ އެކޭ، އަޅުގަނޑު ގަބޫލު ނުކުރަން މިއީ އެއްވެސް ވަރަކަށް ގެންނަން ހެޔޮވާ ވަރުގެ ބިލެއް ކަމަކަށް." ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން އެމްޑީޕީން ވެސް މިއަދުގެ ޖަލްސާގައި ވަނީ ކުރިއެކޭ ވެސް އެގޮތަށް އެ ބިލަށް ތާއީދު ނުކުރާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ބިލް މަޖިލީހަށް ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދަދު މަދުކުރަން އެމްޑީޕީން މިހާރު ދެކޮޅު ހެދި ނަމަވެސް އެ ޕާޓީން ވެސް ކުރިން ވަނީ އެކަމަށް ވަކާލާތުކޮށްފަ އެވެ. ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ވިދާޅުވެފައިވަނީ މިވަގުތު މަޖިލީހުގައި އެމްޑީޕީގެ އަޣުލަބިއްޔަތު ނެތުމުން މިހާރު ފަނޑިޔާރުންގެ އަދަދު މަދުކުރަން އުޅެފި ނަމަ އުފެދިގެން ދާނީ ޕީޕީއެމް ބޭނުންވާ ފަދަ ސުޕްރީމް ކޯޓެއް ކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ ހަމައެކަނި ފަނޑިޔާރުންގެ އަދަދު މަދުކޮށްގެން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ޕީޕީއެމުން ތާއީދު ކުރިއިރު ޖޭޕީން އެކަމަށް ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ