ދިރިއުޅުން ބަދަލުކޮށްލި ހާދިސާއަށް ފަހުގައި ވެސް، މި ދެމަފިރިންގެ ލޯތްބަށް ނިމުމެއް ނެތް
މީގެ 26 އަހަރު ކުރިން އެ ދެމަފިރިންގެ ހަޔާތަށް ދިމާވި ހިތްދަތި ހާދިސާއާ އެކު މުޅިން ދިރިއުޅުން ބަދަލުކޮށްލިއެވެ. މުރާލިކަމާ އެކު، ގިނަ މަސައްކަތްތަކެއް ކޮށްގެން އާއިލާގެ ޚަރަދުތައް ބަލަހައްޓަމުން އައި ހުސައިން އަހުމަދު މަނިކު (ހުސޭނު) ދޯންޏެއްގެ ދަށުވެ، ނުހިނގޭ ހިސާބަށް ދިޔައެވެ. އަހަރަކަށް ވުރެ ގިނަ ދުވަހު އޮންނަން ޖެހުނީ އަމިއްލައަށް ހަރަކާތެއް ވެސް ކޮށްނުލެވިފައެވެ. އެކަމަކު ވެސް ހުސޭނަށް ކުރިމަތިވި އެ ހާދިސާއަށް ފަހުގައި ވެސް އޭނާގެ އަންހެނުން ޒާހިރާ މުޙައްމަދުގެ ހިތުގައި ހުސޭނަށް އޮތް ލޯތްބަކަށް ބަދަލެއް ނާދެއެވެ. ރެއާ ދުވާލުގެ ވަގުތުތައް ހުސްކުރީ ހުސޭނަށް ޚިދުމަތް ކޮށްދިނުމުގައެވެ. މިހާރު ފުރޮޅުލީ ގޮނޑިއެއްގައި ކޮޅަށް އިނދެ، ކަންކަން ކުރެވުނަސް އޭރު ހުސޭނަށް ކާން ވެސް ދޭން ޖެހުނީ އަންހެނުން ޒާހިރާގެ އަތުންނެވެ. މިއީ މ. މުލަކަށް އުފަން ހުސޭނާއި ޒާހިރާގެ ހަޔާތަށް ދިމާވި ހިތާމަވެރި ހާދިސާއާ އެކުގައި ވެސް އެ ދެމަފިރިން އުޅެމުން އަންނަ ލޯބީގެ ހަޔާތުގެ ވާހަކައެވެ. ހުސޭނު ދޯނި ދަށުވެ، އެނދުމަތިވުން! ނޮވެންބަރު 22، 1999ގައި ހުސޭނު ވެސް ދިޔައީ އަވައްޓެރިއެއްގެ ގޭގައި ބާލަން ތައްޔާރުވެފައި ހުރި ދޯންޏެއް ބާލައި ދިނުމަށެވެ. އެ މަސައްކަތުގައި އޭނާ ހުރީ ބުރަކަށީގެ ދެ ބޮނބިފަޅި ޖައްސައިގެނެވެ. އެހެން ހުއްޓައި، ހުޅަނގު ފަރާތަށް ދޯނި އަރި ކުރިއެވެ. ނަމަވެސް، އެ ވަގުތު ދޯނީގެ ބަނޑުފިލާ ކައިރިން އޭނާއަކަށް ދުރަކަށް ނުދެވުނެވެ. އެ ވަގުތު އޭނާ ދޯނި ދަށުވެ، ބުރަކަށީގެ ޅިނދުމަތިން ބިންދައިގެން ދިޔައެވެ. އޭގެ ފަހުން، އޭނާއަށް ވީގޮތެއް ނޭނގުނެވެ. އެ ހާދިސާ ހިނގާދިޔައިރު، އެ މަސައްކަތަށް ފިރިމީހާ ދިޔަ ކަމެއް ޒާހިރާއަކަށް ނޭނގެއެވެ. ބަދިގޭގެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް، އަންހެން ކުއްޖަކު އައިސް ދިނީ ފިރިމީހާ ދޯނި ދަށުވި ޚަބަރެވެ. ހުސޭނު: ދޯނި ދަށުވި ހާދިސާއަށް ފަހުގައި އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުވި ---- "އެހެން ބުނީމައި ވެސް، އަޅުގަނޑު އެހާ ބޮޑު ކަމަކަށް ނަހަދަން. އެއީ, މި ރަށުގައި އޮޑިފަހަރު ބާލައި، އެހެލާ ހަދާއިރު ވެއްޓޭ ގިނަ ފަހަރަށް. ވެއްޓުނަސް މީހަކު އޭގެ ދަށުވި ހަނދާނެއް ނުވޭ. ދެން އަނެއްކާ ވެސް އައިސްފައި އަންހެން ކުއްޖާ ބުނެފި، ހަމަ އަސްލު ވެސް ހުސޭނުބެ ދޯނި ދަށުވެގެން އެބައުޅެޔޭ. ދެން އަޅުގަނޑު ވެސް ދުވެފައި ދިޔައީ. ދިޔައިރު ހުސޭނު ދޯނި ދަށުން ނަގައިގެން މޫދު ކައިރިއަށް ގެންދަނީ،" އެ ދުވަހުގެ ހަނދާންތައް ޒާހިރާ އާކުރިއެވެ. މޫދު ކައިރީ އިރުކޮޅަކު ހުސޭނު ބޭއްވުމަށް ފަހު، ދޯންޏެއްގައި ހުސޭނާ ގެންދިޔައީ މ. މުލީ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބެލުމަށް ފަހުގައި އެ ތަނުން ޚިދުމަތް ދެވެން ނެތް ކަމަށް ބުންޏެވެ. އެހެންވެ، އެ އަތޮޅުގައި އޮންނަ ސިނަމަން ހަކުރާ ހުރާއިން އެއާޓެކްސީއެއްގައި ހުސޭނު ދެން ގެންދިޔައީ މާލެއަށެވެ. އައިޖީއެމްއެޗުގެ އައިސީޔޫގައި ހުސޭނަށް ވަގުތުން ފަރުވާ ދޭން ފެށިއެވެ. އޭރު އޭނާގެ ބަލި ހާލު ހުރި ގޮތުން ވާހަކައެއް ވެސް ނުދެއްކެއެވެ. ޒާހިރާ ހުސޭނުގެ ފައި މޮޑެދެނީ ----- "އަޅުގަނޑަށް ގޮވާލަން ވެސް އަޅުގަނޑުގެ އަނބިމީހާ ވައްދާފައި ބުނި އަނގައިން ނުބުއްނައްޗޭ. ދެން ހަމަ ފަހަރަކު މީހަކު ވައްދާ. އެ ދުވަހު ހަމަ ރާއްޖޭން ބޭރުން ބައްޔަށް ފަރުވާ ކުރުމަށްޓަކައި ނުދެވުނީ ފުލައިޓުން އަޅުގަނޑަށް ބޭނުންވޭ ހަ ސީޓު [ނުލިބިގެން]. އެހެންވީމާ ޖެހިގެން އައި ދުވަހު އަޅުގަނޑަށް ޖާގަ ލިބުނީ. ލިބިގެން އަޅުގަނޑު ދިޔައީ އިންޑިއާގެ ޓްރިވެންޑްރަމަށް،" ހުސޭނު އޭނާގެ ހަޔާތުގެ ވާހަކަ ކިޔައިދިނެވެ. ހުސޭނުގެ ދެމަފިރިން ----- އެ ދަތުރުގައި ޒާހިރާ ހުންނަން ޖެހުނީ ރަށުގައެވެ. ހުސޭނާ އެކު އެހީތެރިއަކަށް ދިޔައީ ޒާހިރާގެ ކޮއްކޮ އިބްރާހީމް ޒާހިރެވެ. އެއީ، ފޯނު ބޫތުގެ ޒަމާންކަމުން ވާނުވާ ނޭނގޭތީ ހުސޭނުގެ ހާލު ބަލަން ޒާހިރާ ގުޅަނީ އޭގެންނެވެ. ނަމަވެސް، އޭރުގައި ވެސް ފިރިމީހާއަށް ނުހިނގޭކަމެއް ނޭނގެއެވެ. ކޮއްކޮ ބުނަނީ ހުސޭނު ރަނގަޅޭއެވެ. އިންޑިއާއިން ހުސޭނު އައީ އޮޕަރޭޝަނެއްކޮށް، މައިބަދައިގެ ދެ ފަރާތަށް ދޮޅު ފޫޓުގެ ދެ ރޮޑު ލައްވައިގެންނެވެ. އޭގެން ކޮންމެ ތަނެއް އިންނަނީ 11 ތަނުން ބަނދެގެން އައްސާފައެވެ. އެއީ، ދޯނި ދަށުވެ، ފައިގެ ފަލަމަސްގަނޑުގެ ފައިވަޅު ތެރެއިން ތިން ތަނުން ބިންދައިގެން ގޮސްފައި ހުރުމުންނެވެ. .ކުރިން ވެސް ހަށިގަނޑުން ހިކިކޮށް ހުރި ނަމަވެސް، ފަރުވާއަށް ފަހު ރަށަށް އައިއިރު ހުސޭނު ހުރީ ވަރަށް ބޮޑަށް އަނަރޫފަވެފައެވެ. ޒާހިރާ ހުސޭނުގެ ފައިގެ އެކްސްރޭއެއް ދައްކާލަނީ --- "އޭނާ އިނީ ވީލްޗެއާ ތެރޭ އޮރިފައި ކަހަލަ ގޮތަކަށް. ވަރަށް ހިކި. ދެކޯ ވެސް ވަޅުވަދެ، ދެ ލޯ ވެސް ވަޅުވަދެފައި. ވަރަށް ބަލިކޮށް އިނީ. ދެން އެ ދުވަހުގެ ފަހުން ފިރިމީހާ އެއްކޮށް ހުރިހާ ވަގުތެއް ވެސް ހޭދަކުރަނީ،" ޒާހިރާ ކިޔައިދިނެވެ. "އޭނާއަށް އަމިއްލައަށް ސަމުސަލުގައި ހިފައިގެން ވެސް ކެވެނީއެއް ނޫން. ދެން އަޅުގަނޑު އަމިއްލައަށް އުނގުމަތީ ބާއްވައިގެން އަތުން ހަމަ ލަވައި، ކާން ވެސް ދެނީ. ދެން ވަރަށް ބަލިވެފައި އޮތީ. އަތުގެ އެތެރެ ވެސް ރޫޖެހި ވަރަށް ހާލުގައި،" އޭރު ހުސޭނުގެ އޮންނަނީ ޔޫރިން ބޭގު ވެސް ގުޅާފައެވެ. އޭނާއަކަށް ނުއެއް ކެވެއެވެ. އޮޕަރޭޝަންކޮށް ރޮޑު ލައްވާފައި އޮތުމުން ހުސޭނު އެނދުމަތީ ބާއްވަން ވެސް ޖެހެނީ ބަންޑުންނެވެ. އޭރު އުނަގަނޑުމަތީ ވަރަށް ބޮޑު ފާރުގަނޑެއް ވެސް ހުރިކަމަށް ޒާހިރާ ބުންޏެވެ. ޒާހިރާ --- "ގާތްގަނޑަކަށް އެއް އަހަރާ ހަތް މަސް ވަންދެން ހަމަ އެނދުމަތީ ބާއްވައިގެން އެ ތަނަށް ކަފަ އަޅައިގެން ހަމަ ފާހަނާ ވެސް ކުރުވީ އަޅުގަނޑުމެން،" ޒާހިރާގެ ހުރިހާ ވަގުތެއް ލޯބިވާ ހުސޭނަށް ޚިދުމަތް ކުރުމަށް ހުސްކޮށްދިންއިރު، އޭނާގެ ދަރީންގެ ކަންތައް ބަލަހައްޓައިދިނީ ދެ ފަރާތު އާއިލާގެ މީހުންނެވެ. އެ މީހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި ހިތްވަރެއް ލިބޭ ކަމަށް ޒާހިރާ ބުންޏެވެ. އޮޕަރޭޝަނަށް ފަހު، އެއް ރޮޑު ނަގަން ޖެހުން ރަށަށް އައިސް، ފައި ހަރަކާތް ކުރަން ފެށިތާ 15 ދުވަސް ތެރޭ ވާއަތު ފައިގެ ޅިނދުމަތީގައި އެއްޗެއް ވިދެން ފެށިއެވެ. ދޯނި ދަށުވެ، ފައިގެ ފަލަމަސްގަނޑުގެ ފައިވަޅު ތެރެއިން ތިން ތަނުން ބިނދުނެވެ. އެހެންވެ، އެކަން ރަނގަޅު ކުރަން ހުސޭނުގެ ފައިވަޅު ތެރެއަށް އިންނަނީ ރޮޑެއް ލައްވާފައެވެ. އެ ތަނުން ނެއްޓިގެން އައިސް ރޮޑު ވިދެން ފެށީ ޅިނދުމަތީގައެވެ. އެހެންވެ، ވާގޮތެއް ބަލަން ދިޔައީ މާލެއެވެ. އައިޖީއެމްއެޗަށެވެ. އެ ތަނުގައި ބޭއްވުމަށް ފަހު، ޅިނދުމަތި ކަފާލުމަށް ފަހު ވާއަތު ފައިގެ ރޮޑު ނެގިއެވެ. ހުސޭނުގެ ފައިން ނެގި 18 އިންޗީގެ ރޮޑު ޒާހިރާ ދައްކާލަނީ ---- އޭގެ ފަހުން، އާއިލާގެ އެދުމަކަށް ހުސޭނު ގޮވައިގެން ޒާހިރާ ދިޔައީ ލަންކާއަށެވެ. އެ ފަހަރު ޔޫރިންގެ ޑޮކްޓަރަކަށް ދައްކައިގެން މައްސަލަތައް ރަނގަޅުވެ، ބޭގު ވެސް ނައްޓާލިއެވެ. "ދެން އަޅުގަނޑަށް ޑޮކްޓަރު ދެން ކަންތައްތައް ވެސް ދަސްކޮށްދީފައި ހުރީ މިހެންމިހެން ކަމެއް ދިމާވެއްޖިއްޔަމުން މިހެން މިހެނޭ ހަދާނީ," މީގެ ކުރިން ހުސޭނަށް އެކަނި ނުވެސް އިނދެވެއެވެ. އެކަމަކު، މިހާރު ކުރިއާ ޚިލާފަށް ހުސޭނަށް ކޮޅަށް އިނދެވެއެވެ. އަމިއްލައަށް މޫނު ދޮވެހަދައިލެވެއެވެ. ޑޮކްޓަރު ބުނީ މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. ޒާހިރާ، ހުސޭނަށް ކާން ދެނީ --- އެ ހިތްދަތި ދިރިއުޅުމުގައި އެތައް ބަޔެއްގެ އެހީތައް އެ އާއިލާއަށް ލިބުނެވެ. އެގޮތުން، ކާޑުގެ ބާވަތްތައް އަށް އަހަރު ވަންދެން ހިލޭ އެ އާއިލާއަށް ލިބުނެވެ. ނަމަވެސް، މީހުން ކައިރީ ކަންތައްތަކުގައި ކިޔަން ލަދު ގަންނާތީވެ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ޒާހިރާ ވަޒީފާއެއް ހޯދިއެވެ. އެއީ، ދަރިން ބޮޑެތިވެފައި ތިބި ނަމަވެސް، އާމްދަނީއެއް ލިބޭނެ މަސައްކަތެއް އަދި އެ ކުދީންނަށް ނުކުރެވޭތީއެވެ. އެތަނުގައި އޭނާ ކުރަނީ ހޯލް ތެރެ ސާފުކުރުމާއި ގަސް ނޮޅުން ކަހަލަ ކަންކަމެވެ. އެކަމަކު ވެސް، އިތުރު އާމްދަނީ ހޯދަން ބޭނުންވާތީ ކާފު ޖަހާއިރު، ސިމެންތި ޖެހުން ފަދަ މަސައްކަތްތައް ކުރެއެވެ. ޒާހިރާ (ވ) އާޑްރީސީ ސައިޓުގައި މަސައްކަތް ކުރަނީ ---- މިފަދަ މަސައްކަތުގައި އުޅޭ ވަރަށް މިހާރު ޒާހިރާގެ ގައިގައި ބާރެއް ވެސް ނެތެވެ. އެހެންނަމަވެސް، އާއިލާގެ ހައްގުގައި އޭނާ އަދާކުރަނީ އިންސާނީ ވާޖިބެކެވެ. އުނދަގޫތަކާ އެކު ވެސް، ލޯބީގެ ހަޔާތެއްގައި މިހާރު އެ ދެމަފިރިންގެ ކައިވެންޏަށް 38 އަހަރު ވެފައިވިޔަސް ދެ މީހުންގެ ދެމެދުގައި އޮތް ލޯތްބަކަށް އަދިވެސް ނިމުމެއް ނާދެއެވެ. ދަތި އުނދަގޫލާ ކުމަތިލާން ޖެހުނަސް ދެ މީހުން ވެސް ބޭނުންވަނީ އަބަދުވެސް އެކުގައި ދިރިއުޅޭށެވެ. ދަރީން ބޮޑެތިވެފައި ތިއްބަސް، އެ ކުދިން ލައްވާ ކަމެއް ކުރުވަނީ ގޭގައި ނޫޅޭ ވަގުތެއް އަތުވެއްޖެ ނަމަ އެކަންޏެވެ. ނޫނީ އުފުލައިގެން ތަނަކަށް ގެންދަން ޖެހިއްޖެ ހާލަތެއްގައެވެ. އެހެންނޫނީ ހުރިހާ ކަމެއް ވެސް ހުސޭނަށް ކޮށްދެނީ ޒާހިރާއެވެ. އިހުސާންތެރިކަމާ އެކު ފިރިމީހާއަށް ޚިދުމަތް ކުރުމުގައި ދެމިހުންނަން ޒާހިރާ ބޭނުންވީ އޭނާގެ މަންމަ ނަމޫނާއަކަށް ބަލައިގެންނެވެ. ހުސޭނު އޭނާގެ ގޮނޑީގައި ---- "އަޅުގަނޑަށް އަޅުގަނޑުގެ މަންމަ ފުރަތަމަ ބައްޕަ ގެންގުޅުއްވީ ހަމަ މިގޮތަށް. އެހެންވީމާ އަޅުގަނޑު އެ ނަމޫނާއަކަށް ބަލައިގެން އަޅުގަނޑު ވެސް ހިތަށް އެރީ އަޅުގަނޑުގެ ފިރިމީހާ ވެސް ދޫކޮށްލައިގެން ނުވާނެޔޭ. މަންމަ ބައްޕަ ބެލި ފަދައިން އަޅުގަނޑު ވެސް ބަލަން ބޭނުންވި ފިރިމީހާ ހަމަ އެގޮތަށް،" ޒާހިރާ ކިޔައިދިނެވެ. ޒާހިރާއެކޭ އެއްފަދައިން ހުސޭނު ވެސް ޒާހިރާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. ދަތި ހާލުގައި އުޅެން ޖެހުނު ކަމަށް ވިޔަސް، އަބަދު ވެސް ބޭނުންވަނީ ކައިރީ ބަހައްޓާށެވެ. އެކުގައި އުޅޭށެވެ. "އަޅުގަނޑު ބޭނުމެއް ނޫން ދުވަހަކު ވެސް އޭނާއާ [ޒާހިރާއާ] ވަކިވާކަށް. އަޅުގަނޑު ވަރަށް ލޯބިވާ މީހެއް އެއީ،" ހުސޭނު ލޯބިވާކަން ބަޔާންކޮށްދިނެވެ. މި ދެމަފަރިންގެ ވާހަކައަކީ ކޮންމެ ބަޔަކަށް ވެސް ނަމޫނާއަކަށް ވާނެއެވެ. ޒާހިރާ އޭނާގެ ފިރިމީހާ ހުސޭނު ބަލާހެން އެހެން މީހުން ވެސް ފިރީންނަށް ޚިދުމަތް ކުރުމުގައި އިބުރަތް ހޯދަން ޖެހެއެވެ. މި ދެމަފިރިންގެ ހަޔާތުގައި އަޑި ގުޑަންތައް ހުރި ނަމަވެސް، އެއާއެކު ކުރިއަށްދާން ކުރާ މަސައްކަތުން އަޒުމު ހޯދަން ޖެހެއެވެ. ދިރިއުޅުން ބަދަލުކޮށްލި ހާދިސާއަށް ފަހުގައި ވެސް މި ދެމަފިރިންގެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ނިމުމެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ