ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރަން ޖޭއެސްސީގެ ވަކީލުންގެ މެންބަރު ވޯޓު ދިންތޯ ބަލަނީ
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިއްޔެ ނިންމި ނިންމުމުގައި އެ ކޮމިޝަންގައި ގާނޫނީ ވަކީލުން ތަމްސީލުކުރާ މެންބަރު ވޯޓު ދެއްވި ގޮތް ހޯދަން ވަކީލުން އެދިއްޖެ އެވެ.ޖޭއެސްސީގެ އިއްޔެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް އެ ކޮމިޝަނުގައި ހުންނަ ވަކީލުންގެ މެންބަރު ވޯޓު ދެއްވި ގޮތް ހޯދަން ވަކީލުންތަކެއް މިއަދު ވަނީ އެ ކޮމިޝަނަށް ގޮސްފަ އެވެ. ސިޓީ ހުށަހެޅީ އެ ތަނުގައި ތިބި ހުރިހާ ވަކީލުންގެ ސޮޔާއެކު އެވެ.އެ ކޮމިޝަނުގައި ހުންނަ ވަކީލުންގެ މެންބަރަކީ އަލީ އަބްދުއްލަތީފެވެ.ޖޭއެސްސީ އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ.ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމީ، އެ ފަނޑިޔާރުންގެ މައްޗަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ޖޭއެސްސީއަށް އެންގުމުންނެވެ. މީގެ އިތުރަށް ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.އިއްޔެ ހެނދުނު ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރާ ގޮތަށް ކޯޓުތަކުގެ ގާނޫނު އިސްލާހުކޮށްފަ އެވެ. އެ ބިލު ފާސްކުރަން ވޯޓު ދިނުމަށް ޕީއެންސީގެ ލީޑާޝިޕުން އެ ޕާޓީގެ މެންބަރުންނަށް އޮތީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ